ގެދޮރު އަޅަން ސަރުކާރުން ލުއި ލޯނު ދޫކުރަނީ

ދ. އަތޮޅުން މުރުޝިދު އަބްދުލް ހަކީމް

ގޯތި ނަގާފައިހުރި ފަރާތްތަކުގެ ތެރެއިން ގެދޮރު އިމާރަތް ނުކުރެވި ހުރި ފަރާތްތަކަށް ލުއި ލޯނު ދޫކުރެވޭނެ އިންތިޒާމް ހަމަ ޖެއްސުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

އިއްޔެ މި އަތޮޅު ކުޑަހުވަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ ގޯތި ނެގުމަށްފަހު ގެދޮރު ނޭޅިފައިވާ ފަރާތްތަކަށް ލުއި ލޯނު ދޫކުރެވޭނެ ގޮތް ހެދުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށާއި އަދި އެކަމަށް ނަގަން ޖެހޭ ހުއްދަ ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ވަރަށް އަވަހަށް ފޮނުއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވިސްނާފައި މި އޮތީ ގޯތި ނަގާފައި ނުހެދިވާ ފަރާތްތަކަށް ލުއި ލޯނު ލިބޭނެ ގޮތެއް ހަދަން. މި ކަމާއި ބެހޭ ގޮތުން ނަގަން ޖެހޭ ހުއްދަ ހޯދުމަށް ދާދި އަވަހަށް އަޅުގަނޑުމެން ރައްޔިތުން މަޖިލީހަށް ފޮނުވާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވަރަށް ގިނަ ރަށްރަށުގައި ޒުވާނުން ނަގާފައި ހުރި ގޯތިތައް ނުހެދި އެބަހުރި ކަމަށާއި އެކަމަށް ހައްލެއް ގެނަން ޖެހޭކަން ކުރިންސުރެވެސް ފާހަގަ ކުރެއްވިފައިވާ ކަމަށެވެ.

އަދި ވިދާޅުވީ ނުހެދި ހުރި ގޯތިތައް ހުރުމުން އެރަށެއްގައި "ފްލްޓް ތަކެއް އެޅުމަކީ ހައްލެ" ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި ގެ ނޭޅި ހުރި ފަރާތްތަކަށް ގެދޮރު އެޅޭނެ ގޮތްތަކެއް ހޯދަދޭން ޖެހޭނެ ކަމަށެވެ.

"އެބަހުރި ޒުވާނުން ގޯތި ނަގާފައި. އެހެން ނަމަވެސް އެ ގޯތި މި ހުންނަނީ ނެހެދި ވަރަށް ގިނަ ދުވަސް ވަންދެން. މި ގޯތި ނެހެދި ހުރުމުގެ ހައްލަކީ ވަރަށް އަވަހަށް އައިސް ވިއްސަކަށް ފްލެޓް އަޅާލުމެއް ނޫން. އެއީކީ ނޫން ހައްލަކީ. ހަގީގީ ހައްލަކީ ގޯތި ނަގާފައި ހުރި މީހުނަށް އުޅޭވޭނެ ގޮތެއް، އެތަނުގައި ގެދޮރު އެޅޭނެ ގޮތެއް ހޯދަ ދިނުން،" ރައީސް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު