ދ. ބަނޑިދޫގެ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫއަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ދ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު މި ރަށް ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ މި ރަށުގެ ރައްޔިތުން އެދިފައިވާ ގޮތަށް ރަށުގެ ބަނދަރު ހެދުމުގެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވައިގެން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މި ރަށުގެ ސްކޫލުގައި އިމާރާތް ކުރަން ފަށާފައިވާ ހަތަރު ކުލާސް ރޫމުގެ އިމާރާތުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ގާތްގަނޑަކަށް އަހަރު ދުވަސް ވެފައިވާ ކަމަށާއި ނަމަވެސް އެ މަޝްރޫ ވެސް ވަރަށް އަވަހަށް ސަރުކާރުން ފައްޓަވާނެ ކަމަށެވެ.
ރައީސް ވާހަކަފުޅުގައި ދައުލަތުގެ ބެޖެޓްގައި ކުރެވެން ނެތް ވަރަށް މީގެ ކުރިން މަޝްރޫއުތައް ފަށާފައި ވުމަކީ ސަރުކާރު ހިންގުމަށް ދިމާވެފައިވާ ބޮޑު ދައްޗެއް ކަމުގައި ފާހަގަ ކުރެއްވި އެވެ. އަދި އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު ސަރުކާރުން ދައްކަން ޖެހޭ ބިލްތަކުގެ ޖުމްލަ ދެ ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެހެން ނަމަވެސް ދައުލަތުގެ ދަރަނިތަކުގެ އެ ވާހަކަތައް ސަރުކާރަށް ދެއްކެން ނޯންނާނެ ކަމަށާއި ސަރުކާރަށް ކުރަންޖެހޭ ކަމަކީ ދައުލަތުގެ ބިލްތައް ދެއްކުން ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން މަސައްކަތް ކުރަނީ ދައުލަތުގައި ހުރި ފައިސާގެ ބޭނުން ނުކޮށް އެހެނިހެން ގޮތް ގޮތުން ލިބެން އޮތް އެއްޗަކުން ރާއްޖޭގެ ތަރައްގީގެ މަޝްރޫތައް ފެއްޓެވުން ކަމަށާއި އެގޮތުން ބޭރު ގައުމުތަކުންދޭ އެކި އެހީތަކާ އެކު އިތުރު މަޝްރޫތައް ކުރިއަށް އޮތްތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
ރައީސް ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރައީސް ޑރ. ވަހީދަކީ ތައުލީމީ ގާބިލް ބޭފުޅެއް ކަމަށާއި އެހެން ކަމުން އެމަނިކުފާނުގެ ވެރިކަމުގައި މީގެ ކުރިން ރާއްޖެ އަށް ނާންނަ ފަދަ ތަރައްގީ އަންނަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ސިޔާމް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ވެސް ތައުލީމީ ރަނގަޅު ބިންގަލެއް އެޅިފައި ނުވާ ކަމަށާއި ރާއްޖޭގައި ޕްރީސްކޫލުތައް ރަނގަޅަށް ހިނގަމުން ނުދާކަން ފާހަގަ ކުރެއްވެވި އެވެ. އަދި މީގެ ކުރީ ސަރުކާރުން ވެސް އެކަން ކަމަށް އަޅާލާފައިނުވާ ކަން ފާހަގަ ކުރެއްވެވި އެވެ.
އަންނަ އަހަރުގެ ބަޖެޓްގައި ބަނޑިދޫ ބަނދަރު މަރާމާތު ކުރުމަށް ފައިސާ ހިމަނައިދެއްވުމަށް ސިޔާމްގެ ވާހަކަފުޅުގައި ތަކުރާރުކޮށް ރައީސް އަރިހުގައި އެދިވަޑައިގެންނެވި އެވެ.
ދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސް ވަހީދު މި ރަށަށް ވަޑައިގެންނެވީ މިއަދު ހެނދުނެވެ. އެމަނިކުފާނު މިރަށް ވަޑައިގެންނެވުމުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ރަށު ކައުންސިލް މެންބަރުން އެމަނިކުފާނަށް ވަނީ މަރުހަބާ ދަންނަވައިފަ އެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މި ރަށަށް ކުރެއްވެވި ފުރަތަމަ ދަތުރުފުޅުގައި ރައީސް މިއަދު މި ރަށުގެ މަސްވެރިންނާ ވެސް ވަނީ ބައްދަލު ކުރައްވައިފަ އެވެ. އަދި ރަށުގެ ބައެއް ރައްޔިތުންނާ ވަކި ވަކީން ބައްދަލު ކުރައްވައި އީދުގެ ތަހްނިޔާ ވިދާޅުވި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް ބައިވެރިވަޑައިގަންނަވަ އެވެ. ރައީސް މިއަދު ދެން ވަޑައިގަންނަ ވާނީ މި އަތޮޅު މީދު އަށެވެ.