ރަސޫލާ އަށް ފުރައްސާރަކުރާ ފިލްމްގެ ޓްރެއިލާ ރާއްޖެ އަށް ނުފެންނަ ގޮތް ހެދުމުގެ މަސައްކަތް ފަށައިފި

ކީރިތިރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަވާ ގޮތަށް އެމެރިކާގެ ޔަހޫންދީންތަކެއް އުފައްދާފައިވާ ފިލްމްގެ ޓްރެއިލާ ރާއްޖެ އަށް ނުފެންނަ ގޮތަށް ހެދުމުގެ މަސައްކަތް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޮލްޑިވްސް އިން ފަށައިފި އެވެ.

އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އިލިޔާސް އަހުމަދު މިއަދު ވިދާޅުވީ ޔޫޓިއުބަށް ލާފައިވާ އެފިލްމްގެ ޓްރެއިލާ ނުފެންނަ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޔޫޓިއުބަށް ލާފައިވާ ވަކިވަކި ވީޑިއޯއެއް ނެގުމަކީ އުނދަގޫ ކަމަކަށްވާ އިރު އެވީޑިއޯތައް ހަމައެކަނި ރާއްޖެ އަށް ނުފެންނަ ގޮތެއް އޮތްތޯ ބެލުމަށް ޔޫޓިބުގެ ވެރިފަރާތް ކަމުގައިވާ ގޫގުލްސްއާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

"މިކަހަލަ ކަންކަން ވީމާ ކުރީގައި މިކުރާ ކަމަކީ އެ ސައިޓެއް ބްލޮކްކޮށްލަނީ. އެހެންނަމަވެސް ޔޫޓިބަކީ ފުދޭވަރަކަށް ގިނަ މީހުން ބޭނުންކުރަމުން އަންނަ ބޮޑު ސައިޓަކަށްވާ އިރު ޔޫޓިއުބް ބްލޮކުރުމަކީ ޕްރެކްޓިކަލް ކަމެއް ނޫން ކަމުގައިވާ އިރު އެސައިޓް ބްލޮކްނުކޮށް، ޔޫޓިއުބަށް ލާފައިވާ ވަކިވަކި ވީޑިއޯތަކެއް ނެގުމަށް ގޫގުލްސްއާ ވާހަކަ ދައްކަމުން މިގެންދަނީ،" އިލިޔާސް ވިދާޅުވި އެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އިން އެފިލްމްގެ ޓްރެއިލާ ބްލޮކް ކުރުމުގެ މަސައްކަތް ފަށައިފައި ވަނީ އިސްލާމިކް މިނިސްޓްރީން އެފިލްމް ބްލޮކްކޮށް ދިނުމަށް އެދި ސިޓީއަކުން ހުށަހެޅުމާ ގުޅިގެންނެވެ. އިލިޔާސް ވިދާޅުވީ މިއީ މިފަދަ ގޮތަކަށް ރާއްޖެ އިން އެއްޗެއް ބްލޮކް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ފުރަތަމަ ފަހަރު ކަމަށެވެ.

ރަސޫލާ އަށް ނިސްބަތްކޮށް އެމެރިކާގައި ހެދި އެފިލްމާ ގުޅިގެން މިހާރު ދުނިޔޭގެ މުސްލިމް ގައުމުތަކުގައި އެމެރިކާ އާ ދެކޮޅަށް ދަނީ ގިނަ ހަރަކާތްތަކެއް ވެސް ހިންގަމުނެވެ. އެ ފިލްމްގެ މައްސަލަ ރާއްޖޭގައި ވެސް ވަނީ ހޫނުވެފަ އެވެ.

ރާއްޖެ އަށް އެ ފިލްމްގެ ޓްރެއިލާ ނުފެންނަ ގޮތް ހެދުމާ ބެހޭ ގޮތުން މަސައްކަތްކުރަމުން އަންނަ އިރު އެ ފިލްމްގެ ޓްރެއިލާ ޔޫޓިއުބްގައި އިތުރަށް ބޭންދުމާ މެދު އަލުން ވިސްނުމަށް އެމެރިކާގެ ވައިޓް ހައުސް އިން އެދުމުން ގޫގުލް އިން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ. ގޫގުލް އިން ބުނެފައި ވަނީ އެފިލްމު ނުބެލޭ ގޮތް އެ ކުންފުނިން ހަދާނީ ސިޔާސީ ޕްރެޝަރަށް ބަލައިގެން ނޫން ކަމަށާއި އެ ގައުމެއްގެ ގާނޫނަށް ބަލައިގެން ކަމަށެވެ. އެގޮތުން އެ ފިލްމަކީ ޣައިރުގާނޫނީ އެއްޗަކަށް ހަދާ ގައުމުތަކަށް އެފިލްމު ނުފެންނަ ގޮތް ހަދަމުންދާ ކަމަށާއި އެގޮތުން މިސްރާއި ލީބިޔާ އިންޑި އާއާއި އިންޑޮނޭޝިއާއަށް މިހާރު އެފިލްމް ނުފެންނަ ގޮތް ހަދައިދީފައިވާ ކަމަށް ވެސް ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު