ސިޔާސީ ހައްދުފަހަނަ އެޅުން

ރައީސް މުހަންމަދު ނަޝީދަށް!

މަނިކުފާނެވެ. މަނިކުފާނު އަބަދުހެން ވިދާޅުވާ ވާހަކައެއް އޮވެ އެވެ. އެއީ ހައްދު ފަހަނައަޅާފައިވާ މީހުންގެ ވާހަކަ އެވެ. މަނިކުފާނު ބޭރުގެ ގައުމުތަކަށް ކުރައްވާ ކޮންމެ ދަތުރުފުޅެއްގައި ކަހަލަ ގޮތަކަށް އެ ވާހަކައެއް ދައްކަވަ އެވެ. އެ ދައްކަވަނީ ކާކުގެ ވާހަކަތޯ އެވެ؟ ނޭނގެ އެވެ. އެކަމަކު ހައްދުފަހަނަ އެޅުމުގެ އަމަލު އަޅުގަނޑަށް ފެންނަނީ މަނިކުފާނުގެ ކިބައިންނެވެ. މަނިކުފާނުގެ އަމަލުފުޅުތަކާއި ދައްކަވާ ވާހަކަތަކުން އަޅުގަނޑަށް ހަމަ ހީވަނީ އެވެ.

މަނިކުފާނާ ބެހޭ ގޮތުން މަނިކުފާނުގެ ރައްޓެހިން ވިދާޅުވާ ވާހަކައެއް އޮވެ އެވެ. މަނިކުފާނަކީ ކުޑައިރުއްސުރެ ސިޔާސީ ކަންކަމަށް ދެވި ހިފާފައި ހުންނަ ބޭފުޅެއް ކަމަށެވެ. އަބަދުވެސް ސިޔާސީ ކުޅި ބައި އަތުރުއްވާ ބޭފުޅެކޭ ވެސް ވިދާޅުވެ އެވެ.

އެހެން ވިޔަސް ފެބުރުއަރީ ހަތެއްގައި މަނިކުފާނުގެ ވެރިކަން ފުރޮޅުމާ އެކު ވަޑައިގަތީ އާއިލީ ގެކޮޅު ކެނެރީގެއަށެވެ. އަޅުގަނޑަށް ހީވީ މަނިކުފާނުގެ ސިޔާސީ އިރު އޮއްސުނީ ކަމަށް އަމިއްލަފުޅަށް ވެސް ގަބޫލުފުޅު ކުރެއްވީ ކަމަށެވެ. ނަމަވެސް ޖެހިގެން އައި ދުވަހު މަނިކުފާނު ހުންނެވީ ސަޕޯޓަރުންނާ އެކު ދަރުބާރުގޭގަ އެވެ. ނުކުމެ ވަޑައިގެން ވިދާޅުވީ އިސްތިއުފާ ދެއްވީ ބަޑި ޖެއްސުމުން ކަމަށެވެ. އެ ދުވަހުއްސުރެ މަނިކުފާުނު އުޅުއްވަނީ މަގުމަތީގަ އެވެ. އަލުން ވެރިކަމަށް ވަޑައިގަތުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މަނިކުފާނެވެ. މިއީ ސިޔާސީ ހައްދުފަހަނަ އެޅުން ނޫން ބާއޭ އަޅުގަނޑުގެ ހިތަށް ހަމަ އަރަނީ އެވެ؟ މަނިކުފާނު އެ ވިދާޅުވާ ހައްދުފަހަނަ އެޅުމަކީ މިއީ ނޫންތޯ އެވެ؟

ވެރިކަން ފުރޮޅުމަށް ފަހު މަގުމައްޗަށް ނުކުމެ ވަޑައިގެން މަނިކުފާނު ކުރެއްވެވި ކަމަކީ ހަމަނުޖެހުމަށް މަގުފަހި ކުރެއްވުމެވެ. އެދުވަހު ރާއްޖެ ތެރޭގެ އެތައް ތަނެއްގައި ހުޅުޖަހައި ދައުލަތައް ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވި އެވެ. މަނިކުފާނު އެހެން ހެއްދިވިއެކޭ އަޅުގަނޑު ނުދަންނަވަމެވެ. އެކަމަކު އެ ދުވަހުގެ ހުރިހާ ކަމެއް ހިނގީ މަނިކުފާނުގެ ސަބަބުންނޭ އަޅުގަނޑަށް ހީވެ އެވެ. އެ ދުވަހު މަނިކުފާނުގެ އަމަލުތައް ވެސް ގާތުން އަޅުގަނޑު ދުށީމެވެ. ފަހުން މަނިކުފާނު ކުޅުއްވީ އަދި މާ ނުރައްކާތެރި ކުޅި އެކެވެ. ރާއްޖޭގެ މައްސަލަ ހިތްޕަވައިގެން ބޭރު ގައުމުތަކުގައި ވިދާޅުވީ ރާއްޖޭގެ ސަރުކާރު ގަބޫލު ނުކުރާށޭ އެވެ. ރާއްޖެ އަށް އެހީވެސް ނުވާށޭ އެވެ. އެވަރުން ވެސް މަނިކުފާނަށް މަޑުން ހުންނެވޭ ވަރެއް ނުވި އެވެ. އިތުރު ސިޔާސީ ކުޅިއެއް ކުޅުއްވި އެވެ. ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލެއްވީ އެވެ. މިއީ ހައްދުފަނަައެޅުން ނޫންތޯ އެވެ؟ ނޫނީ މިއީ ގައުމުގެ ހެވަށް އެދިވަޑައިގަތުންތޯ އެވެ؟

ހަތެއް ފަބުރުއަރީ އަކީ ބަޣާވާތެއް ކަމަށް މަނިކުފާނު ވަކާލާތު ކުރައްވާ އިރު އެކަން ތަހުގީގު ކުރުމަށް މަނިކުފާނުގެ ބަސް އޮންނަ ގޮތަށް އިންކްއަރީ ކޮމިޝަނެއް އެކުލަވާލައި މަސައްކަތް ވަނީ ފަށާފަ އެވެ. ބައިނަލް އަގުވާމީ މުޖުތަމައުން ވެސް ބުނަނީ ރާއްޖޭގެ ކަންތައްތަކަށް ބަސްކިޔޭނީ އިންކްއަރީ ކޮމިޝަންގެ ރިޕޯޓް އާންމުވުމުން ކަމަށެވެ. ނަމަވެސް މަނިކުފާނު އަދިވެސް ތި އުޅުއްވަނީ މަގުމަތީގައި ސަޕޯޓަރުން ގޮވައިގެން އަވަސް އިންތިހާބަކަށް އަޑު އުފުއްލެވުމުގަ އެވެ. ތިއީ ހުދޫދުގައި ހުންނެވުންތޯ އެވެ؟ ނޫނީ އިންފަހަނައަޅައި ވަޑައިގެންނެވުންތޯ އެވެ؟

އަމިއްލަފުޅަށް ތަހުގީގެއް ކުރައްވަން އެއްބަސްވެ ވަޑައިގެން އިރު މަގުމަތީގައި ހުންނަވަނީ ސިޔާސީ ގޮތުން މަނިކުފާނު ހައްދު ފަހަނައެޅީމައޭ ބުނަން އަޅުގަނޑު ހާދަ ލަދުގަނެވެ. އެކަމަކު އެއީ މަނިކުފާނަށް ވަރަށް ފަރިތަ ދޯޅު ކަންކަންހެން ހީވެ އެވެ. މިކަހަލަ ބައިވަރެވެ. އެއިން ކޮންމެ ކަމަކީ މަނިކުފާނު ކޮށްފަރިތަ އަމަލުތައްހެން ވެސް ހީވަނީ އެވެ.

އާ ގައުމިއްޔަތޭ ވިދާޅުވަމުން މަގުމައްޗާއި އުސްފަސްގަނޑުގައި މަނިކުފާނު ތިޔަ "ގޮވާން" ކުރައްވަނީ ކޯންޗެއްތޯ އެވެ؟ ނުރައްކާތެރި އަދި ހައްދުފަހަނަ އަޅައިދާނެ ޖީލެއް ގޮވާން ކުރައްވަނީ ނޫންތޯ އެވެ؟ މަނިކުފާނެވެ، ކުރިޔަށް އޮތީ ރޯދަ މަހެވެ. ގައުމުގެ އެންމެ ސީނިއާ ސިޓިޒަންގެ ގޮތުގައި ހުންނަވައި މަނިކުފާނު ތިޔަ ވިދާޅުވަނީ ބައި ގިނަކުރާށޭ އެވެ. އެކަކު ވެސް ގެއަށް ނުވަންނަހަރޭ އެވެ. އެއީ ހައްދުފަހަނަޅައި ދިއުމެކޭ ނުކިޔޭނެތޯ އެވެ؟

ކައްޑެއްވާ މޮޅަދެވި ފިލައި ދިޔައަސް ކޮށްފަރިތައެއް ނުފިލާނެއޭ ބުނާ ބަހަށް އަޅުގަނޑަށް ވުރެ މަނިކުފާނު ފަރިތަވާނެ އެވެ. އެކަމަކު ފެންނަ ފެނުމަށް ކަންކަމުގެ އިން ފަޅައިލުން މަނިކުފާނުގެ ކިބައިން ފިލައިދާނެހެނެއް ހީއެއް ނުވެ އެވެ. އެކަމަކު މަނިކުފާނު ތިޔަ ކުރައްވާ ގޮވާމުގައި މިރުސް އިންދަވައިގެން އާފަލު ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ނުކުރައްވައްޗެވެ. ވަރަށް ސަލާމެވެ!
ގުޅޭ ޓެގު
comment ކޮމެންޓް