ވާނަން އެކުގައި... 29

ހަވީރުގެ ވަގުތެވެ. ކެރެޓު ތައްޓެއް ހިފައިގެން މަދީހާ ބޭރަށް ނުކުތްއިރު އާރިޒް އޮތީ ބޭރު ޖޯލީގައެވެ. މަދީހާ ފެނުމުން ތެދުވެ، ހިނިތުންވެލިއެވެ. މަދީހާ ގޮސް އިށީނީ އާރިޒްގެ ކުރިމަތީގައި ހުރި ޖޯލިފަތީގައެވެ. އޭނާ އާރިޒްގެ މޫނަށް ވަރަށް ފަރުވާތެރިކަމާއި އެކުގައި ބަލައިލިއެވެ. ބޮޑު ތަހުގީގެއް ހިންގަން ތައްޔާރުވެފައިވާފަދަ ނަޒަރަކުންނެވެ.

********

އެތައް ސުވާލެއް ކުރަން ބޭނުންވި ނަމަވެސް، ހިންދީބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގޭތީ އެއްޗެއް ބުނަން މަދީހާ ފަސްޖެހުނެވެ. އާރިޒްވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެކަކު އަނެކަކަށް ބަލާލާފައި ހިނިތުންވެލުން ފިޔަވާ އިތުރު ކަމެއް ނުކުރެއެވެ. މަދީހާ މާ ވަރަކަށް ބަލާތީ އާރިޒް އިނީ އެތަނުގައި އިންނަން އުނދަގޫވެފައެވެ.

ފޯނެއް އައުމުން އާރިޒް އަވަސް އަވަހަށް ތެދުވިއެވެ. ޖީބުގައި އޮތް ވޮލެޓު ޖޯލި ދަށަށް ވެއްޓުނު ކަމެއް އާރިޒަކަށް ނޭނގެއެވެ. އެމަންޒަރު ފެނުނު ނަމަވެސް، ނުފެންނަކަމަށް ހަދައިގެން މަދީހާ އިނެވެ. އޭނާ އިނީ އާރިޒް ބޭރަށް ނުކުންނަންދެނެވެ. ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފާ، މަދީހާ ވޮލެޓު ނަގާ ހުޅުވައިލިއެވެ. ފުރަތަމަވެސް ފެންނަން އޮތީ، އަންހެނެއްގެ ޕާސްޕޯޓު ސައިޒުގެ ތަސްވީރެކެވެ. ގިނަ ދުވަސްވެފައިވާތީ، ތަސްވީރުގެ ކުލަ ވަނީ ބާވެފައެވެ. މަދީހާއަށް ވޮލެޓުގައި އޮތް ތަސްވީރު ދަމައިގަނެވުނީ ކިރިޔާއެވެ. ޖޯލި ދަށަށް ބޯ ކޮއްޕާލައިގެން އޮއްވާ، ފަހަތުން އައި މީހަކު އޭނާގެ ބުރަކަށީގައި އަތް ޖައްސައިލިއެވެ. ސިހުނު ވަރުން މަދީހާގެ އަތުގައި އޮތް ވޮލެޓު އަތުން ދޫވިއެވެ. ތަސްވީރު އަތުގެ ތެރޭގައި ފޮރުވައިލަމުން، މަދީހާ އަވަހަށް ތެދުވަން އުޅުނެވެ. އެވަގުތު ޖޯލީގެ ދަގަނޑުގައި ބޯޖެހުނެވެ.

"މަންމާ!..." ލިޝާ ދެފަރާތަށް ބޯހޫރައިލިއެވެ. "އަޅެ ބަލައިގެން އުޅެބަލަ... ކީއްތަ ތިކުރަނީ؟..."

"ކޮންމެސް ކުއްޖެއްގެ ވޮލެޓެއް އޮތީމަ ނެގޭތޯ މިއުޅުނީ... ދަރިފުޅު ބަލާބަލަ އަތް ފޯރާތޯ..." ހިތުގެ ހިނގުން ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން މަދީހާ ވާހަކަ ދެއްކިއެވެ.

ވޮލެޓު ނަގާ ބަލައިލުމާއެކު ލިޝާއަށް އެއީ ކާކުގެ އެއްޗެއްކަން އެނގުނެވެ.

"ނަސީބެއްނު މަންމައަށް ތި ފެނުނުކަން..." މަދީހާ ހިނިތުންވެލިއެވެ. "ދެންމެ އެސޮރު އެ ނުކުތީ ބޭރަށް..."

މާނަވް އައުމުން އާރިޒާއި ދެމީހުން އެކުގައި ހިނގައިގަތީ ރަށުގެ އަތިރިމައްޗާއި ދިމާއަށެވެ. އިރު އޮއްސުމުގެ ކުލަތައް އުޑުމަތިން ފެންނަން ހުއްޓެވެ. ރީތި އެތައް ކުލައަކުން ފަޒާއަށް ދިރުން ގެނުވާފައިވިއެވެ. ގުދުރަތުގެ ފުރިހަމަކަމަށް ތައުރީފު އޮހޭހައިވެއެވެ. އޮއްސެމުންދިޔަ އިރުގެ ތަސްވީރެއް ނަގާ ފޯނުގައި ރައްކާކޮށްލަމުން، އާރިޒް ވެލިގަނޑުގެ މަތީގައި އިށީނެވެ.

"ކޮން ވާހަކައެއް ދައްކަން މިތަނަށް ތި ގެނުވީ؟..." އާރިޒްގެ ކައިރީގައި އިށީންނަމުން މާނަވް އަހައިލިއެވެ.

"އަހަންނަކަށް ނޭނގެ މިވާހަކަ ފަށާނެގޮތެއް..." ވެލިގަނޑާއި ކުޅެލަމުން އާރިޒް ވާހަކަ ދެއްކިއެވެ.

"ތިހިސާބަށް ބުނެފަ ނިންމާލަންތަ ތިއުޅެނީ؟... ދެން މިހާރު ތިއޮތީ ކޮންމެވެސް ގޮތަކުން ފަށަންވެފަ އިނގޭ..." މާނަވް ސަމާސާކޮށްލިއެވެ.

"މާނަވްއަށް އެނގެއެއްނު އަހަރެންގެ މަންމަ ނިޔާވީ ކިހިނެއް ކަން..." މާޒީ ހަނދާންކޮށްލަމުން އާރިޒް ބުންޏެވެ.

"އާނ... ކޮންމެސް މީހަކު ކުރި ކަމެކޭ ކިޔާފަ ދޯ އޭރު އަޑު ފެތުރުނީ..." މާނަވް ބުނެލިއެވެ.

އާރިޒް ބޯ ޖަހައިލިއެވެ. މާޒީ ހަނދާންވިޔަސް އޭނާގެ މުޅި ގައިން ހީބިހި ނަގައިގެން ދެއެވެ. މަންމަގެ ހަށިގަނޑު އެންމެފަހު ފަހަރަށް ފެނުނުއިރު، އެ ހަށިގަނޑުން ފެނުނު ޒަހަމުތަކުގެމަތިން އޭނާ ހަނދާންނެތޭނީ ކިހިނެއް ހެއްޔެވެ؟

********

މަދީހާ ހަލުވި ފިޔަވަޅުތަކެއްގައި ގޭތެރެއަށް ވަނެވެ. ނައީމުގެ އަލްބަމް ނަގައިގެން އޭގެން އޭނާ ބޭނުންވި ތަސްވީރު ނެގިއެވެ. އާރިޒްގެ ވޮލެޓުން ފެނުނު ތަސްވީރާއި އަޅާކިޔެވެ.

ނައީމު ގެއަށް އައިއިރު، މަދީހާ އިނީ އެނދުގައި އިށީނދެލައިގެންނެވެ. ކައިރީގައި ނައީމުގެ އަލްބަމް އޮތެވެ. މަދީހާ އިނީ އިސްޖެހިފައެވެ.

"ކިހިނެއްވީ ކުއްލިއަކަށް ގުޅާފަ އަންނަން ބުނީ؟..." އެތެރެއަށް ވަދެ، ދޮރު ލައްޕައިލަމުން ނައީމު ބުންޏެވެ.

ކަރުނުން ފުރިގެންވީ ދެލޮލުން މަދީހާ ނައީމަށް ބަލައިލިއެވެ. މުށް ހުޅުވައިލުމަށްފަހު އޭނާ ދިއްކޮށްލީ އާރިޒްގެ ވޮލެޓުން ނެގި ކުޑަ ތަސްވީރެވެ.

"މި ކޯއްޗެއް؟..." ތަސްވީރުގައި ހިފަމުން ނައީމު އަހައިލިއެވެ.

މަދީހާ ޖަވާބެއް ނުދެއެވެ. ތަސްވީރު ފެނުމާއިއެކު ނައީމުގެ މޫނަށް ވެރިވި އަސަރުތަކުން މަދީހާ ބޭނުންވި ޖަވާބު ލިބުނެވެ.

"ނައީމަށް ހީވީ ރަނގަޅަށް... އެއީ ހަމަ އެސޮރު..." މަދީހާގެ އަޑުގައިވީ ކަންބޮޑުވުމުގެ އަސަރެވެ.

"ޝިޓް..." ނައީމަށް ބުނެވުނެވެ.

"އެސޮރު އެއުޅެނީ އަހަރެމެންގެ ކިބައިން ބަދަލުހިފަން ކަންނޭނގެ އައިސް..." މަދީހާއަށް ރޮވެން ފެށުނެވެ.

"އެއްކަލަ މަދީ... މާ އަވަހަށޭ ތި ގޮތް ނިންމަނީ... އެހާ އަވަހަށް ކަންކަމާ ހާސްނުވެބަލަ... އަދި ނޭނގެއެއްނު އެސޮރަށް އެކަން އެނގޭ ކަމެއްވެސް..." މަދީހާއަށް ވިސްނައިދޭން ވާހަކަ ދެއްކި ނަމަވެސް ނައީމުގެ ހިތުގައިވެސް އޮތީ މަދީހާގެ ހިތުގައި އޮތް ބިރުވެރިކަމެވެ.

"މީ އިއްތިފާގެއް ނޫން..." މަދީހާ ބުނެލިއެވެ. "ކޮންމެސް ނުބައެއް އެބައުޅޭ..."

********

"އެމީހަކީ ލިޝްގެ ބައްޕަ..." އާރިޒް ދޫކޮށްލީ ފުންނޭވާއެކެވެ.

"އޭނ؟..." މާނަވް ދެލޯ ބޮޑުކޮށްލަމުން އާރިޒަށް ބަލައިލިއެވެ. "ތިބުނީ އާރިގެ މަންމަ މަރާލީ ލިޝްގެ ބައްޕައޭތަ؟..."

"އާނ..." އާރިޒް ޔަގީންކަމާއި އެކުގައި ބުންޏެވެ. "އަހަރެން ބޭނުންވީ އޭނަގެ ކިބައިން ބަދަލުހިފަން..."

"މައިގޯޑް..." މާނަވް މޭގައި އަތުން ހިފަހައްޓާލިއެވެ. "އެކަމަކު ކިހިނެއް އެނގެނީ އޭނަގެ ބައްޕަ ކަމެއް އެކަން ކުރީ؟... ތި ކުރެވެނީ ކުށްހީއަކަށްވެސް ވެދާނެއެއްނު..."

"މަންމަ ނިޔާވި ރޭ، ދެމީހުން އެ ހޮޓަލަށް ވަންތަން އެބަހުރި ސީސީޓީވީއަށް އަރާފަ... ނުކުތީ އެ ނައީމު އެކަނި... ދެން އެތަނުން ނެރުނީ މަންމަގެ ފުރާނަ ނެތް މަސްގަނޑު..." އާރިޒް ތަފްސީލް ދިނެވެ.

"އަހަންނަށް ހީވިޔޭ އާރި އަންހެންކުއްޖަކާ ހެދި އެހާ ވަރުން ނޫޅޭނެއޭ... އެހެންވެތަ އެމަންޖެއާ ގާތްވީ؟... ބަދަލުހިފަންތަ؟...." މާނަވް އަހައިލިއެވެ.

"ލިޝްއަށް ދިމާވި ހުރިހާ ހިތާމައެއް ކުރިމަތިވީ އަހަރެންގެ ސަބަބުން... އަކްރަމާއި ކައިވެނި ކުރީވެސް އަހަރެންގެ ނުފޫޒުން... އިންޑިޔާއަށް ގެނުވީވެސް އަހަރެން... ލިޝް އެތާ ސަފަރކުރަން ހުންނަން ޖެހުނީވެސް އަހަރެންގެ ސަބަބުން... އެ ކަން އެނގިއްޖެއްޔާ..." އާރިޒަށް ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ.

ފަހަތުން އެއްޗެއް ވެއްޓުނު އަޑަށް އާރިޒަށާއި މާނަވަށް ފަހަތް ބަލައިލެވުނީ އެކުއެކީގައެވެ. ގަބުވެފައި ހުރި ލިޝާ ފެނި، އާރިޒްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މާނަވަށްވެސް ލިބުނީ ސިހުމެކެވެ. ލިޝާގެ ފޯނާއި އާރިޒްގެ ވޮލެޓު އޮތީ ބިންމަތީގައެވެ. ފެންކަޅިވަމުންދިޔަ ލިޝާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށުމާއިއެކު، އެއްގަމާއި ދިމާއަށް ދުއްވައިގަތެވެ.

"ލިޝް..." އާރިޒް އަވަސް އަވަހަށް ތެދުވިއެވެ. ލިޝާގެ ފޯނާއި ވޮލެޓު ނަގައިގެން ފަހަތުން ދުއްވައިގަތެވެ.

އާރިޒަށް ލިޝާ އަތުވީ ލިޝާގެ ގެއާއި ހަމައިންނެވެ. ލިޝާ ގަދަކަމުން އަތް ދަމައިގަންނަން އުޅޭއިރުވެސް ދޫކުރާކަށް އާރިޒް ބޭނުމެއް ނުވިއެވެ.

"ލިޝް!... އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ..." އާރިޒް އެދުނެވެ.

"ދޫކުރޭ!..." ލިޝާ އަމުރުކުރިއެވެ.

"ލިޝް ޕްލީޒް..." އާރިޒް އާދޭސްކުރިއެވެ. "އަހަރެން މިއައީ ލިޝްއަށް ހަގީގަތް ހާމަކުރާށޭ...."

"ހަގީގަތޭ؟..." ލިޝާ ކަރުނަ ފޮހެލާފައި އާރިޒަށް ބަލައިލީ، ނަފުރަތުގެ ނަޒަރަކުންނެވެ. "އަހަރެން ދެން ކިހިނެއް އާރިޒް ދައްކާ ވާހަކަ ގަބޫލުކުރާނީ؟..."

"އަހަރެން ލިޝްއަށް އޮޅުވާލީމޭ... އެކަމަކު، އަހަރެން މިހާރު ލިޝްދެކެ ވަނީ ހަގީގީ ލޯބި..." އާރިޒް ވާހަކަ ދެއްކި ނަމަވެސް ލިޝާ އެ އަޑު އެހި ހެނެއް ހިއެއް ނުވެއެވެ.

"ދޫކުރޭ އޭނަ އަތުން..." ގޭތެރެއިން ނުކުތް ނައީމު ތަންކޮޅެއް ބާރަށް ބުންޏެވެ.

އާރިޒް ދޫކޮށްލުމުން ލިޝާ ދުވެފައި ގޭތެރެއަށް ވަނެވެ. ނައީމު ލޮލުގެ އިޝާރާތުން ކައިރީގައި ހުރި މަދީހާއަށް ލިޝާގެ ކައިރިއަށް ދިޔުމަށް އެދުނެވެ.

"އައިސްބަލަ..." ނައީމު ކުރިއަށް ހިނގައިގަތެވެ.

ރަށުގެ ހިތްގައިމު ރެސްޓޯރެންޓްގެ ޓެރެސްގައި ނައީމާއި އާރިޒް ތިއްބެވެ. ދެމީހުންގެ ދެމެދަށް ވެރިވެފައިވާ ހިމޭންކަން ނެތިގެން ދިޔައީ، ނައީމުގެ އަޑުންނެވެ. އާރިޒްގެ މަންމައާއި ބައްދަލުވީގޮތާއި، ދެމީހުންގެ ދެމެދު އުފެދުނު ލޯބީގެ ގުޅުން އުފެދުނީ ކީއްވެކަން ނައީމު ބުނެދިނެވެ. ދެމީހުންވެސް ވާހަކަ ދެއްކީ އިނގިރޭސިންނެވެ. ނައީމަކީ ރާއްޖެއިން ބޭރަށް ދަތުރުކުރި މީހަކަށްވާތީ، ފަރިތަކޮށް އިނގިރޭސިން ވާހަކަ ދައްކަން އެނގެއެވެ. އިންޑިޔާ ބަސްވެސް ކޮންމެވެސް ވަރަކަށް އެނގެއެވެ.

"އާރިޒްގެ ބައްޕައަކީ ތި ހީކުރާ ކަހަލަ މީހެއް ނޫން..." ނައީމު ވާހަކަ ފެށީ ސީދާ މައުޟޫއިންނެވެ. "އާރިޒްގެ މަންމަ އުޅުނީ ވަރަށް އެކަނިވެރި ދިރުއުޅުމެއް..."

އާރިޒް ހިތްހަމަނުޖެހިފައި ނައީމަށް ބަލައިލި ނަމަވެސް އެއްޗެއް ނުބުނެއެވެ. ނައީމުގެ ވާހަކަ އަޑުއަހަން އޭނާ ބޭނުމެއް ނުވެއެވެ. އެކަމަކު، ލިޝާގެ ބައްޕައަށްވީތީ ގަދަރުކުރަން ބޭނުންވިއެވެ.

"އާރިޒްގެ ބައްޕަގެ ފަރާތުން ކޮންމެ ދުވަހަކު ލިބޭ އަނިޔާތަކަށް ކެތްނުވެގެން އާރިޒްގެ މަންމަ އަހަރެންގެ އެހީ ހޯދަން ފެށީ..." ނައީމުގެ ދެލޯ ފެންކަޅިވީ މާޒީ ހަނދާންވުމުންނެވެ.

"އެހެންވެތަ އަހަރެންގެ މަންމަ މަރާލީ؟..." ކެތްނުވެގެން އާރިޒަށް ބުނެވުނެވެ.

ދެލޯ ބޮޑުކޮށްލައިގެން އާރިޒަށް ބަލަން ނައީމު އިރުކޮޅަކު އިނެވެ. ކަންތައްވީ މަދީހާ ބުނި ގޮތަށެވެ. އާރިޒަށް ހަގީގަތް އެނގެއެވެ. ވީއިރު، ބަދަލުހިފުމުގެ ވިސްނުމެއް ނުގެންގުޅޭނެކަމާއިމެދު ޝައްކެއް ނެތެވެ.

"މާތްﷲ ގަންދީ ހުވާކޮށްފަ މިބުނަނީ އަހަރެން ތިކަހަލަ ކަމެއް ނުކުރަން..." ނައީމު ޔަގީންކަމާއި އެކުގައި ބުންޏެވެ.

"އަހަރެން ކިހިނެއް ގަބޫލުކުރާނީ؟... މީހުން މަރާ މީހުން އެއްބަސްވާނެތަ؟... އަދި މިހާ ދުވަސް ފަހުން...." އާރިޒް ވާހަކަ ދެއްކީ މަޑުމައިތިރިކޮށެވެ. އެކަމަކު އޭނާގެ ބަސްތަކުން ނައީމުގެ ހިތް ތޮރުފާލައިފިއެވެ.

"އެންމެ ރަނގަޅު... ތިބުނާގޮތުންވިއްޔާ ކުރިކަމެއް ކުރީ އަހަރެންތާ... އަހަރެންގެ ދަރިފުޅުގެ އެއްވެސް ކުށެއް ނެތް..." ނައީމު ބުނެލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު