ނަފުސާނީ ކަންކަމުގައި އެހީވާން ސަމަންތާ ހުރީ ތައްޔާރަށް

ބަތަލާ ސަމަންތާ--ފޮޓޯ/ތެލަންގާނާޓުޑޭ

ފިލްމީ ތަރިއެއްގެ ހައިސިއްޔަތުން ނަފުސާނީ ދުޅަހެޔޮކަމަށް ވަކާލާތުކުރަން ބަލާއިރު އެ ކަމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ޤަބޫލުކުރެވޭ ކަމަށް ސައުތު ސިނަމާގެ މަގުބޫލު ބަތަލާ ސަމަންތާ ރޫތު ޕްރަބޫ ބުނެފިއެވެ.

ސަމަންތާ ދާދި ފަހުން ފެށި އަމިއްލަ ޕޮޑްކާސްޓު 'ޓޭކް 20' ޝޯގައި ވާހަކަ ދައްކަމުން ބުނެފައިވަނީ، ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކީ ފެޝަނާއި މުނިފޫހިފިލުވުމުގެ ވާހަކަތައް ތަކުރާރުކޮށް ދައްކަން އާދަވެފައިވާ ބައެއް ކަމުން ނަފުސާނީ ދުޅަހެޔޮކަން ފަދަ ސީރިއަސް މައުޟޫއުތަކަށް ވާހަކަ ދެއްކުމަށް ވަގުތު ނަގާ ކަމަށެވެ.

އެހެންނަމަވެސް އެއީ ނުކުރެވޭނެ ކަމެއް ނޫން ކަމަށާއި ސަމަންތާގެ އަބަދުގެ ވެސް އުއްމީދަކީ ވީހާ ވެސް ގިނަ ބަޔަކު އެ މައުޟޫއަށް ހޭލުންތެރިކުރުވުން ކަމަށް ކާމިޔާބު ބަތަލާ ވަނީ ބުނެފައެވެ.

ތެލުގޫ އަދި ތަމަޅަ ފިލްމުތައް ކުޅެ ސައުތު ސިނަމާގެ އެންމެ ނުފޫޒުގަދަ ބަތަލާއިންގެ ލިސްޓުން ޖާގަ ހޯދާފައިވާ ސަމަންތާގެ ސަޕޯޓަރުންނަށް ނަފުސާނީ ދުޅަހެޔޮކަމާ ގުޅިގެން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ބަތަލާ ތައްޔާރަށް ހުރި ކަމަށް 'ޓޭކް 20' ޝޯގައިވަނީ ބުނެފައެވެ. އެގޮތުން، އެކަމަށް ބޭނުންވާ ސަމާލުކަމާ އެކު ބޭނުންވާ ވަގުތުގެ އިތުރުން ސަމަންތާގެ އެހީތެރިކަމާ އެކު މަދު ބަޔަކަށް ވިޔަސް އެހީތެރިކަން ފޯރުކޮށްދީ ހެޔޮ ބަދަލެއް ގެނެވިއްޖެނަމަ އެއީ ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށް 37 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.

ސަމަންތާ 'ސިޓަޑެލް' ވެބް ސީރީސްގެ ކޯ-ސްޓާ އެކްޓަރު ވަރުން ދަވަންއާ އެކު--ފޮޓޯ/ފޭސްބުކް
އާއްމުކޮށް ވަރަށް މަދުން ނުފެންނަ ބައްޔެއް ކަމަށްވާ ޑާމަޓޯމަޔޯސައިޓިސްއަށް ފަރުވާ ހޯދުމަށް ސަމަންތާ ވަނީ 2022 ވަނަ އަހަރުން ފެށިގެން ފިލްމީ މަސައްކަތްތަކާ ދުރުހެލިވެފައެވެ. އެ ބައްޔަށް ފަރުވާ ހޯދަމުން ދިޔަ ދަނޑިވަޅުގައި ނަފުސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ވަރަށް ބޮޑަށް އިހުސާސްކުރެވުނު ކަމަށް ސަމަންތާ ވަނީ ބުނެފައެވެ.

ފިލްމީ މަސައްކަތްތަކަށް އެނބުރި އައުން އަދިވެސް މަޑުޖައްސާލާފައި އޮތް ނަމަވެސް ސަމަންތާ ބޭނުންވީ އަމިއްލަ ޕޮޑްކާސްޓު ޝޯއެއް އުފައްދާ އޭގެ އެހީގައި ބަތަލާގެ ސަޕޯޓަރުންނަށް އެހީތެރިކަމެއް ފޯރުކޮށްދީ ނަފުސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން އާއްމުން ހޭލުންތެރި ކުރުވުމަށެވެ.

ސަމަންތާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އެމޭޒަން ޕްރައިމްއިން ގެނެސްދޭ "ސިޓަޑެލް ހަނީ ބަނީ" ސީރީސްއިންނެވެ. މި ސީރީސް ޕްރިމިއާ ކުރާނެ ތާރީޚެއް އަދިވެސް އިއުލާނެއް ނުކުރެއެވެ.

comment ކޮމެންޓް