ސިހުރާ ގުޅޭ ބިރުވެރި ފިލްމު 'ޝައިތާން' ނެޓްފްލިކްސްއަށް

މިދިޔަ މާޗު މަހު ސިނަމާތަކުގައި އެޅުވި އަޖޭ ދޭވްގަން އަދި އާރް މާދަވަން ލީޑް ރޯލް ކުޅުނު ފިލްމު "ޝައިޠާން" ނެޓްފްލިކްސްގައި ޕްރިމިއަކުރަން ފަށައިފިއެވެ.

ޑައިރެކްޓަރު ވިކާސް ބަލްގެ މި ފިލްމަކީ، ބިރުވެރި ހާދިސާތަކެއް އެކުލެވޭ ސިހުރު ހާހޫރައިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

އިއްޔެ ފިލްމު ނެޓްފްލިކްސްއަށް ދޫކޮށްލާފައިވަނީ ފިލްމު ޑިޖިޓަލް ޕްލެޓްފޯމަކަށް ދޫކޮށްލާނެ އިރެއްގެ އިންތިޒާރުގައި ގިނަ ބަޔަކު ތިއްބައެވެ. ފިލްމުގެ ޓްރެއިލާ ބަލާލުމަށް ފަހު ފިލްމު ބަލަން ސިމަނާއަށް ވެސް އެކަނި ދާން ނުކެރުނު މީހުންނަށް މިއީ އުފާވެރި ޚަބަރެކެވެ. ފިލްމު ނެޓްފްލިކްސްއަށް ދޫކޮށްލި ޚަބަރު އަޖޭއާއި އާރް މާދަވަން އިއުލާނުކޮށްފައިވަނީ ވެސް ޙާއްސަ ފިލްމާ ގުޅުންހުރި ވީޑިއޯއަކުންނެވެ.

އެކްޓަރު އާރް މާދަވަން ފިލްމު "ޝައިޠާން"ގެ މަންޒަރެއްގައި--ފޮޓޯ/އެންޑީޓީވީނިއުސް

ޖިއޯ ސްޓޫޑިއޯސްއާއި އަޖޭ ދޭވްގަން ފިލްމްސް އަދި ޕެނެރޯމާ ސްޓޫޑިއޯ ގުޅިގެން އުފެއްދި މި ފިލްމަކީ 65 ކްރޯޑް ރުޕީސް (8 މިލިއަން ޑޮލަރު)ގެ ބަޖެޓަކުންނެވެ. އެހެންނަމަވެސް މިހާތަނަށް ފިލްމަށް 25 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ ވަނީ ލިބިފައެވެ. ފިލްމު ޑިޖިޓަލް ޕްލެޓްފޯމަކަށް ވިއްކާލުމާ އެކު ފިލްމުގެ އާމްދަނީ މިއަށްވުރެ އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ބެލުންތެރިންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާ އެކު މި ފިލްމުގެ ދެވަނަ ބައެއް އުފެއްދުމުގެ ޝައުގުވެރިކަން ޑައިރެކްޓަރު ވިކާސް ބަލްގެ ހުރިކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. އެހެންކަމުން މި ވާހަކައިގެ ދެވަނަ ބައެއް ގެންދާނެގޮތުގެ މަޝްވަރާތައް ފިލްމު ކްރޫއިންނާ އެކު ކުރެވެމުންދާ ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ފިލްމު "ޝައިޠާން" އަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރި ގުޖްރާތީ ފިލްމު "ވަޝް"ގެ ރިމޭކްއެކެވެ.

comment ކޮމެންޓް