"އިމާމް އިބުން ގައްޔިމް ވިދާޅުވިއެވެ. ރިޒުގު ދަތިވާ ހަތަރު ސަބަބެއް ވެއެވެ. ހެނދުނު ނިދުން، ނަމާދަށް ފަރުވާކުޑަކުރުން، ކަންނެތްކަން އަދި ޚިޔާނާތްތެރިވުމެވެ."

***

" ދައްތާ....އިތުރު އެންމެ ލަފަޒެއްވެސް އަޑު އަހާކަށް ބޭނުމެއްނޫން...." އައްޒަހްރާ ހިނގައިގަތް އިރު ފަޔަށް ތަދެއް އެރިއެވެ. އަދި މާހްޒަބީން އާއި އާސިނާ އެހީވާން އުޅުމުންވެސް އަތުގެ އިޝާރާތުން ދުރުވުމަށް އަންގާފައި ހިނގައިގަތެވެ. ސަކީނާ ހުރީ ހަދާނެގޮތެއް ނޭގިފައެވެ. ހިތުގައިވެސް ޖެހުނެވެ. އަދި ނިކުމެގެން ހިނގައިގަތް ވަގުތު މާހްޒަބީން ވާހަކަ ދައްކަން ދިމާކުރުމުންވެސް އަތް ފޮޅާލިއެވެ. މުރުތަސިމް ވެސް ގެއިން ނިކުންނަން އައީ އެވަގުތުއެވެ.

" އެ އަންހެނާ އަކީ ހަމަ ވިހައެއް......" މުރުތަސިމް އާއި ދިމާ އަށް ޝަހާދަތް އިނގިލި ދިއްކޮށްލިއިރު ސަކީނާގެ އަޑުވެސް ތުރުތުރުލައެވެ. މުރުތަސިމް އަށް އެއްޗެއް ނުބުނެވެނީސް ސަކީނާ އަވަސް ފިޔަވަޅުތަކުގައި ބޮޑު ދޮރާށިން ނިކުމެ ލޯމަތިން ގެއްލުނެވެ.

"އާންޓް އަށް ކިހިނެއްވީ؟" މުރުތަސިމް ހައިރާންވީވަރުން ގެޔަށް ވަދެ މާހްޒަބީން އާއި އާސީނާ ކައިރިން އަހައިލިއެވެ. މާހްޒަބީން އާއި އާސީނާ ވެސް ގަބު ވެފައި ޖަވާބު ނުދީ ތިބުމުންްް މުރުތަސިމް ބުމަ އަރުވާލައި ބޯ ހޫރާލައި ނިކުތެވެ. ގެޔާ ވަކިން އިންނަ ސްޓޯރޫމްގެ ބޮކި ދިއްލިފައި ހުރުމުން އެ ދިމާ އަށް މިސްރާބު ޖަހާލެވުނެވެ. އަދި ކުޑަދޮރުން ބައެއްގެ ހިޔަނި އެޅެހެން ހީވާން ފެށުމުން ކުދި ފިޔަވަޅުތަކުގައި ސިއްރުން ދޮރު ހުޅުވާލިއެވެ. ކައިލް އާއި އަލްބާން ސިހިފައި ދެލޯ ބޮޑުކޮށްގެން މުރުތަސިމް އަށް ބަލައިލިއެވެ.

" މި ދެމީހުން ދޯ. ހީކުރީ އަނެއްކާ ވަގުންތަކެއް ކަމަށް...." ހިނިގަނޑެއް ޖަހާލަމުން މުރުތަސިމް ބުނެލި އިރުވެސް ކައިލް އާއި އަލްބާންގެ މޫނުމަތީން ފެންނަމުންދިޔައީ މާޔޫސް ކަމެވެ.

"ކީއްވެތަ މިރޭ އެންމެން ބޭޑް މޫޑޫގަ؟" މުރުތަސިމް އަހައިލިއެވެ. ކައިލް ގަދަ ކަމުން ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން އެއްވެސް ކަމެއް ނުވާ ކަމަށް ހެދުނެވެ. އަދި އަލްބާން ގައިގާ ކޮށްޓާލިވެސް އެހެންވެއެވެ.

"ނޫނޭ. އަލް އަށް ރީތި ކުއްޖެއް ހޯދަނީ މި ކެމަރާ ފުޓޭޖު ބަލާފަ...." ކައިލް ސަމާސާ ކޮށްލިއެވެ. އަދި އަލްބާންވެސް އަވަހަށް މޫނު ގެ ކުލަވަރު ބަދަލުކޮށް މަޖާވިއެވެ. މުރުތަސިމް އަށް ހަގީގަތް އެނގިއްޖެއްޔާ ކުޅިވަރެއް ހުންނާނެކަން އެނގޭތިއެވެ. މުރުތަސިމް ވެސް ގޮނޑިޔެއް ނަގައި ޖައްސާލަމުން ފުން ނޭވާ އެއް ދޫކޮށްލާ މުޅި ތަން ހޯދައިލިއެވެ. ސްޓޯރޫމްގައި ގިނައީ ކުޑައިރުގެ ފޮނި ހަނދާންތަކެވެ. އައްޒަހްރާ ވަނީ ހުރިހާ އެއްޗެއްވެސް އެހާ ތަރުތީބާއި އެކީ އަތުރާ ރައްކާކޮށްފައެވެ. ކައިލް އިޝާރާތުން ސްކްރީނުން ފެނުނު މީހަކު އަލްބާންއަށް ދައްކާލިއެވެ. އެ މީހާގެ މޫނު ނުސާފެވެ. މާސްކެއް އަޅާފައި ހުރުމުން ވަކި ކުރަން ނޭނގެއެވެ. ނަމވެސް ޕާޓީގައި ދެން ތިބި މީހުންގެ ހެދުން އެޅުމާއި ތަފާތު ގޮތެއް އެމީހާގެ ހުރިކަން އަލްބާން އަށް ވެސް ފާހަނގަ ވިއެވެ.

"ކޮބާ ފެނުނީތަ؟" މުރުތަސިމް އަވަސް ވެފައި އަހާލެވުނެވެ.

"ނޫނޭ.....އަހަންނަށް ހީވަނީ ފުރަތަމަ ސިމް އަށް ހެން ހޯދަ ދޭންވީ..." ކައިލް އަވަހަށް ވާހަކަ އޮޅުވާލިއެވެ.

" އަސްލު އަހަރެން ވާހަކަ އެއް އަހާލަންތަ؟ އުނހޫ...ބަހައްޓާ..." މުރުތަސިމް ދެހިޔާލެއްގައި ހުރެވުނެވެ. އަހަން ބޭނުން ނަމަވެސް ކައިލް އާއި އަލްބާން ދިމާކޮށްފާނެ ކަމުގެ ބިރަށް އަހަން ފަސްޖެހެވުނީއެވެ.

"ތި ކިޔާބަލަ...." އަލްބާން މަސައްކަތުގައި ހުރި ނަމަވެސް މުރުތަސިމް ކައިރިން އެހިއެވެ.

" އަންހެންކުދިން ބޭބެ އެއް ގޮތައް ބަލާނީ އަސްލު ކޮން ސިފަ ތަކަކަށް ބަލާފަ ތަ؟" މުރުތަސިމް ގެ ކަންބޮޑުވުން ހިއްސާކުރެވުނެވެ. އަލްބާން އާއި ކައިލް އަށް ހެވުނެވެ.

" ބްރޯ ޒޯން ވީ ދޯ.....އަދި ފްރެންޑް ޒޯނެއް ވެސް ނޫން...." އަލްބާން ހެމުން ބުނެވުނެވެ. މުރުތަސިމްގެ މޫނު މަތީން ރުޅީގެ އަސަރު ފެންނަން ހުރީ ލަދުވެތި ގޮތެއްގައެވެ.

" ދެން އަހަންނަށް ދިމާވި ކަމެއް ނޫނޭ....މީހަކަށް ދިމާވި ކަމެއްގެ ވާހަކަ...." މުރުތަސިމް އަވަހަށް ކަރުކަހައިލާ ނޫން ކަމަށް ހެދުނެވެ. ކައިލް ގެ ހުނުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރިއެވެ. މުރުތަސިމް ގެ މޫނު މަތީން އެއީ ހަމަ ގައިމުވެސް އޭނަޔަށް ދިމާވެގެން އުޅެ ކަމެއްކަން ސާފެވެ.

"ހޫން ކައި ހޭނެ ކަމެއް ނެތޭ. އަހަރެން ހަނދާން ހުރެޔޭ...އާސީ ފުރަތަމަ ކައި އާ ދިމާ ވި ދުވަހު ބްރޯ ކިޔާފަ ވާހަކަ ދެއްކި ހަނދާން...." މުރުތަސިމް ކައިލް އަށް ހަނދާން އާކޮށްލަދިނެވެ.

"އެ މުޅިން އެހެން ގޮތަކަށް....އެއީ ލޯބިން ކިޔާ ކަހަލަ ބްރޯ.... ބްރޯ ގެ ވެސް އެކި ލެވެލްތައް ހުންނާނެ....." އަލްބާން ކައިލް ދިފާއު ކުރިއެވެ. އަލްބާން ހީވީ ވަރަށް ތަޖުރިބާ އާއއެކު ކިޔައިދޭ ހެންނެވެ.

"އޯ އެހެން ކަމަށް ވެދާނެބާ..." މުރުތަސިމް އަށް ހިތާ ހިތުން ކިޔާލެވުނެވެ. އަދި އަވަސް އަވަހަށް ފޯނު ނަގައި މެސެޖްތައް ކިޔާލެވުނެވެ.

" އަހެދް ބުނީ ދޯ ތިއީ ބޭބެ ކަހަލަ އޭ....އެކަހަލަ ކުދިން ބުނާނީ އެހެންނޭ ފުރަތަމަ...ދީންވެރި އަޅުވެރި ކުދިން އަބަދުވެސް ދެކޭނީ އެހެން ފިރިހެނުން އެގޮތަށް..." އަލްބާން އަމިއްލަ ޚިޔާލު ދިނެވެ. ކައިލް ގެ ހުނުން ހުއްޓުނެވެ. މުރުތަސިމް ހައިރާންވެފައި އިނދެވުނީ އަލްބާން އެހާ ފަސޭހައިން އޭނަގެ ސިކުނޑި ކިޔައިލިކަން އެނގުމުންނެވެ.

" ދެން ކިހިނެއް އެނގޭނީ ލައިކް ވަންޏާ؟" މުރުތަސިމް އިތުރަށް ފޮރުވާކަށް ނޫޅުނެވެ. މުރުތަސިމް ގެ ޚިޔާލު ހުރީ ކައިވެންޏަށެވެ. އަލްބާން އާއި ކައިލް ހައިރާންކުރުވިއެވެ.

ސުބްޙާނައްﷲ.....މިއީ ހަމަ ސިމް. .ނޫނީ ޖިންނި އެއްތަ؟މަ ބުނަން ގެރެންޓީކޮށް އަހެދް އެހެން ބުންޏަސް ޝީ ފޯ ޝުއަ ލައިކްސް ޔޫ...." އަލްބާން ހިތްވަރު ދިނެވެ. އެވަގުތު އޭނަގެ ލޮލުގެ ވިދުން ގަދަވީ ހަވީރު ބަގީޗާގައި ކެމެރާ ހަރުކުރިކަން ހަނދާނަށް އައުމުންނެވެ. އެ ފޫޓޭޖުން ވެސް ޖޫރީގެ ފޮޓޯ ނެގި މީހެއް އަރާފައި ހުރެދާނެއެވެ. ބަގީޗާގެ އެ ހިސާބަކީ ގޭގެ އެހެން ކެމަރާތަކަށް އަރާ ހިސާބެއް ނޫނެވެ. ގްރިންހައުސް ކައިރީގައި ވެސް ޖޫރީ ގެ ފޮޓޯތަކެއް ނަގައިފައި ހުރިކަން ފޮޓޯތަކުން ހާމަވިއެވެ. މުރުތަސިމް އަށް އެކަން އަނގަން ބޭނުން ނުވާތީ ލިބުނު އުފާވެރިކަން ފޮރުވިއެވެ. ކައިލް ހުރީ ބުނާނެ އެއްޗެއް ނޭނގިފައި ނަމަވެސް މުރުތަސިމް ބަލާލި ގޮތުން ހިޔާލު ހޯދަން ބޭނުންވެފައި ހުރި ކަން އެނގުނެވެ.

" މިހާ ކުޑަ ދުވަސްކޮޅަކުން ނޭނގޭނެ މީހެއްގެ ހުރި ގޮތެއް. ވިސްނުން ބެހެއްޓުން ބުއްދިވެރި...." އަހެދް ގެ ގޮތް ކައިލްއަށް ބޮޑަށް އެނގޭތީ ބޭނުންވީ މުރުތަސިމް އަށް ނަސޭހަތްތެރިވުމަށެވެ.

" ޔޫ ޑޯންޓް ލައިކް ހަ ދޯ...." މުރުތަސިމްއަށް ކައިލް ގެ މޫނުމަތީން ނުރުހުންތެރިކަން ފާޅުވިއެވެ.

" ދޮންތި ހުއްޓާ އެހެން އަންހެނެއް ކައި އެއް ލައިކް އެއް ނުވާނެ ދޯ...ސިމް ވެސް ދެން ދައްކާ މޮޔަ ވާހަކަ..." އަލްބާން ހުރީ މަޖާވެފައެވެ. އަދި އަވަހަށް މުރުތަސިމް އެތަނުން ފޮނުވާލަން ބޭނުންވެފައެވެ. މުރުތަސިމް އަލްބާން އަށް ލޯ އަޅާލާފައި އަނެއްކާ ވެސް ޗެޓް ލޮގް ހުޅުވާލިއެވެ. އެވަގުތު އަލްބާން ފޯނު ޖަހައިގަނެ މުރުތަސިމްގެ އަތު ނުޖެހި ދުވަމުން މެސެޖެއް ލިޔެ އަހެދް އަށް ފޮނުވިއެވެ. މާ ނޭވާ ލެވިފައި ހުރި މުރުތަސިމް އަށް ފޯނު ދިއްކޮށްލީ ދެނެވެ.

"އަލް ތީތި ކަޑަ....." ނޭވާ ހަމަޔަކަށް އެޅުވޭތޯ ބަލަމުން މުރުތަސިމް ވާހަކަ ދެއްކިއެވެ. އެވަގުތު ފޯނަށް މެސެޖް ނޯޓިފިކޭޝަނެއްވެސް އައެވެ.

" ކަޑަ އެއް ނުވިއެއްނު...." ކައިލް ލާނެތް ގޮތަކަށް ބުނެލައި އަލްބާން އާއި ދެމީހުން އަތް ޖަހާލިއެވެ. މުރުތަސިމް އެއްޗެއް ނުބުނެ ލޯ އަޅައިލާފައި އެ ތަނުން ނިކުތެވެ. އަހެދް ގެ މެސެޖް ހުޅުވަން ކެތްމަދުވެފައި ހުރުމުން އިތުރު ރައްދެއްވެސް ނުދިނީއެވެ.

އެވަގުތު އާސީނާވެސް ކައިލްއަށް ގުޅިއެވެ. ބައްޕަ ބޭނުންވެގެން ސޯފީ ރޮނީއެވެ. އަދި އާސީނާ ވަނީ މިރޭ ޖޫރީގެ ކޮޓަރީގައި އޮތުމަށް ނިންމާފައެވެ.

" އެ އޯކޭ...ގްރީންހައުސް ކައިރީ އިން ފޫޓޭޖް ބަލާފަ ޚަބަރު ވާނަން..." ކައިލް ޔަގީންކަން ދިނެވެ.

***

އެތައް ހާސް ތަރިތަކުން އުޑު ޖަރީވެފައިވީ އިރު އެ ތަރިތަކުގެ އަލި ފަނޑުކޮށްދެނީ ބަގީޗާގައި ދިއްލިފައިހުރި އަލިގަދަ ބޮކިތަކެވެ. ވެލްވެޓް މޭންޝަންގައި ވީ އެ އަލިކަން ކަޅު ރެއެއްގައިވެސް މީހަކަށް އަމާންކަން އިހުސާސް ކޮށްދޭނެއެވެ. ރޭގަނޑުގެ ހަމަހިމޭން ލުއި ވައިރޯޅިތައް ބަގީޗާގެ ފަތްތަކާއި ކުޅެމުންދިޔައެވެ. ދަންވަރަށް ފޮޅޭ މާތަކުގެ މީރު ވަސް މުޅި އެތަން އެއްވަސްކޮށްފައިވިއެވެ. މަޑުމޮޅި ހިނގުމެއްގައި އުޑާ ދިމާއަށް މޫނު އުފުލާލައިގެން ބާބިލް އަށް ހުރެވުނެވެ. ދުނިޔޭގެ ކަސްތޮޅުތަކުން މިންޖުވާނެ ދުވަހަކަށް އެ ހިތް ދުޢާކުރަމުން ދިޔައެވެ. އަލްބާން ގެ ފިޔަވަޅުތަށް މަޑު ޖެހިލީ ބާބިލް ފެނުމުންނެވެ. ދުވަހަކުވެސް އެފަދަ ގޮތެއްގައި ބާބިލް ދެކެފައެއް ނުވެއެވެ. މިއީ ބާބިލް ގެ މޫނު މިހާ ސާފުކޮށް ފެންނަ ފުރަތަމަ ފަހަރުކަން އަލްބާން އަށް އެނގުނެވެ. މޫނު މަތީގައިވީ މާސޫމު ކަމެވެ. ބިއްލޫރިކޮޅެއްހާ ސާފު އެހާމެ ނާޒުކު ކަމެއް އެ ސޫރައިގައިވިއެވެ. ޖެހުނު ވައިރޯޅިން ބާބިލް ގެ ގަޔަށް ހީބިހި ވައްދާލުމުން އަމިއްލަ ގައިގައި ބައްދާލެވުނެވެ. އަތުގައި ހުރި ޒަޚަމް ތަކަށް ތަދުވި އިރު ލޮލުން އޮހެމުން ދިޔައީ ކަރުނައިގެ މުތީތަކެވެ. ތުރު ތުރު ލަމުން ދިޔަ ރަތް ކުލައިގެ ތުންފަތެވެ. އަލްބާން ގެ ހިތަށް އެ މަންޒަރު އުނދަގޫ ކުރުވިއެވެ. ފިޔަވަޅުތައް ނޭނގިނަމަވެސް އެޅެމުން ދިޔައީ ބާބިލް އާ ދިމާއަށެވެ. ބާބިލް އަށް މިހެއްގެ ހިލަން ވާކަން އެނގުމުން ލޯ ހުޅުވާލެވުނެވެ. ދިގު ލޯ އެސްފިޔަތަކުގައި ހަރުލާފައި ހުރި ކަރުނަތިކި ތަށް ވެސް ބުރައިގެން ދިޔައެވެ. ފަސް އެނބުރުނީ އެހާމެ ހަލުވިކަމާއެކުއެވެ.

" ވެއިޓް...." އަލްބާންގެ އަތް ދިއްކޮށްލެވުނީ ބާބިލް އަތުގައި ހިފުމަށް ނަމަވެސް ހުއްޓުނެވެ.

" އަލް...މިތާ... ޒަހްރާއްތަ އެބަ ގޮވާ ކަންނޭނގޭ...." އަލްބާން އިތުރު ވާހަކައެއް ދެއްކުމުގެ ކުރިން ބަހަނާ ދައްކައި ބާބިލް ދުވެފައި ގޮސް އަވަހަށް ގެޔަށް ވަނެވެ. އަލްބާންގެ އަތް މަޅާލެވުނެވެ. ބާބިލް އަށް ވި ކިހިނެއްކަން ނޭނގިފައި ހިނދުކޮޅަކަށް ހުރެވުނު ނަމަވެސް މިއަދު ހަވީރުވެސް ބާބިލް ހުރި ހާލަތު ހަނދާނަށް ގެނެވުނެވެ. އަދި ބާބިލް ގެ ފިރިމީހާ ހުރި ގޮތްވެސް ހަނދާން ވިއެވެ. އޭރު ފޫޓޭޖް ތަކުން ނުސާފުކޮށް ފެނުނީ ލޯކަންއެވެ. އެކަން އޭނައަށް ޔަގީންވިއެވެ. އަލްބާން އަވަސް ވެގަތީ ގަހުގައި ހަރުކޮށްފައި އިން ކެމަރާ ނެއްޓުމަށެވެ. އަވަހަށް ގޮސް އެ އަޅުވަ ބަލާލުމުން މީހާގެ ރުޅި މަތަ ކުރަން އުނދަގޫ ވިއެވެ. ފުރަތަމަވެސް ފެނުނު މަންޒަރުން މިހާގެ ލޭ ކެކުނެވެ. ބާބިލް އަށް އެކުރާ އަނިޔާ ފެނި އަލްބާން އަށް ހުރެވުނު ތަން ވެސް ނޭނގުނެވެ.

***

އެކަނިވެރިކަމާއި މޮޅިވެރިކަން އައްޒަހްރާގެ ވަށާލާފައި އޭގެ ތެރޭގައި އޭނަ ހަފުސްކުރާހެން ހީވިއެވެ. ސަކީނާ އާއި ދިމާއަށް ކިޔުނު އެއްޗިއްސާ ބުނެވުނު ގޮތާއި މެދު ދެރަވިއެވެ. ދެތިންފަހަރު ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމަށް ފަހު ވަދެގެން އައީ މާހްޒަބީންއެވެ. ފެން ތަށްޓެއްގެ ބަހާނަގައި އައީ އައްޒަހްރާ އާއި ވާހަކަ ދައްކަންވެގެންނެވެ.

" ދަރިފުޅާ....މަންމަ އަށް ކަންތައްކުރެވުނީ ވަރަށް ގޯސްކޮށް...." އައްޒަހްރާ ގެ ލޯ ކަރުނުން ފުރުނެވެ. ސަކީނާ އަށް ރުޅި އިސްކުރެވުމުން އެކަމުގެ ހިތާމަ ފާޅުކުރިއެވެ.

"މަންމާ. އިޓްސް އޯކޭ..އާންޓް އަށް ވެސް ގިނަ ފަހަރު ކުރެވޭ ކަންތައްތަކުން އެއީ....މަންމަ ދެން އެކަމާ އެހާ ބޮޑަށް ނުވިސްނާ. އާންޓް އަންނާނެ މާދަން އަރާ އިރާ އެކީ ޔަގީން. އާންޓް ގެ ހިތް މަންމަ އަކަށް ބުރައެއް ނުވާނެ..." މާހްޒަބީން ވިސްނައިދިނެވެ. އަދި އެކަން އެގޮތައް ދިމާވާންވީ ސަބަބު އައްޒަހްރާ މާހްޒަބީން އާއި ހިއްސާކުރިއެވެ. އަހެދް ގެ ނަން ގަތުމުން މާހްޒްބީން ގެ ޚިޔާލު ދަތުރުކުރީ މާޒީ އަށެވެ.

" އަހެދް އާއި މައިރާ އެއީ އެއް އުމުރުތަ؟" މާހްޒަބީން އަށް އަހާލެވުނެވެ. އެހާ ކުއްލި ގޮތަކަށް އެ ސުވާލު އައުމުން އައްޒަހްރާ ހުރީ ވާނުވާ ނޭނގިފައެވެ. ނަމަވެސް މަހުގެ ގޮތުން އަހެދް ބޮޑުކަން އައްޒަހްރާ ބުނެދިނެވެ. މާހްޒަބީން ގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.

"ކިހިނެއްވީ؟" އައްޒަހްރާ ސުވާލުކުރުމުން ޖަވާބު ނުދީ މާހްޒަބީން އަށް ހުރެވުނީ ހުއްޓުން އަރާފައެވެ.

" ފީރޯޒާ މަތިން ވަރަށް ހަނދާންވޭ ދޯ އަހެދް ފެނުމުން...ހާދަ ވައްތަރޭ....އެކަމަކު މަންމަ ގެ ހިތް ވަރަށް ބިރުގަނޭ...." އައްޒަހްރާ ގެ މޫނު މަތީގައި މާޔޫސް ކަން ފާޅުވިއެވެ.

"މަންމާ.....އެއި މަންމަ ގެ ކުށެއް ނޫނޭ....އެ އެކްސިޑެންޓުގައި ބައްޕަ ވެސް ނިޔާވީ....ފީރޯޒާވެސް...." މާހްޒަބީން އައްޒަހްރާގެ އަތުގައި ފިރުމާލަދިނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު