ދުރުގައި ވާން ނޭދުނަސް ހިތް... 07

"އަހަރެމެންގެ ސްޓޮކް ބަރާބަރަށް ދާ ރަށެއް ތީ. އަހަރެން ފޮނުވާނަން ނަންބަރެއް. އެ ނަންބަރަށް ގުޅާލީމަ ހުރިހާކަމެއް ހަމަޖެހޭނެ." އެކޮޅުން އެހެން ބުނެލާފައި ފޯނު ކަނޑާލިއެވެ. އޭގެ ފަނަރަ މިނެޓް ފަހުން އިޝްފާންގެ ފޯނަށް އައި މެސެޖުގައި އެ ބުނާ ނަންބަރު އޮތެވެ. އޭނާ އެ ނަންބަރަށް ގުޅާލިއެވެ.

ދެވަނަ ރިންގާއެކު އެކޮޅުން ފޯނު ނަގައިފިއެވެ. އިޝްފާން އެއްޗެއް ބުނުމުގެ ކުރިން އޭނާ ގުޅި ބޭނުން، އެ މީހަކު ބުނެލުމާއެކު ކުރިން އޭނާ ގުޅާނެކަން އެމީހާއަށް އެނގިފައިވާކަމާއި އެއީ ކާކުގެ ފަރާތުން ވީ ކަމެއްކަން އިޝްފާންއަށް އެނގުނެވެ.

"ކޮންތާކަށް ދާންވީ؟" އިޝްފާން ސުވާލުކޮށްލިއެވެ.

"ނުވައެއް ޖަހާއިރު، އަހަރެން ބުނާ ތަނަކަށް އާދޭ. މެސެޖެއް ފޮނުވާލާނަން." އެހެން ބުނެލާފައި އެ ޒުވާނާ ފޯނު ބޭއްވިއެވެ.

އަށްގަޑި ބައި ވީއްސުރެ އިޝްފާންއަށް ހީވަނީ ގަޑީގެ ކަށިވެސް އެނބުރެމުން ދިޔަލެއް ލަސްހެންނެވެ. އޭނާ ހީވަނީ ހަދާނެ ގޮތެއް ނޭނގިގެން އުޅޭ މީހެއްހެންނެވެ. އެއްފަހަރު ކޮޓަރިއަށް ވަންނާނެއެވެ. އަނެއްފަހަރު ނިކުންނާނެއެވެ. ސޯފާގައި އިށީނދެލާފައި ޓީވީ ހުޅުވާލާފައި ނިންވާލާނެއެވެ. ކާކޮޓަރިއަށް ގޮސް ފްރިޖް ހުޅުވާލާފައި ލައްޕާލާނެއެވެ. އެ ޙާލެއްގައި އޭނާ އުޅެނިކޮށް ފޯނަށް މެސެޖެއް އަތުވެއްޖެއެވެ. އަވަސް އަވަހަށް އެ މެސެޖު ހުޅުވާ ބަލައިލި އިޝްފާން ފޯނު ޖީބަށް ލަމުން ގެއިން ނުކުމެލިއެވެ. އިޝްފާންގެ މިސްރާބު ހުރީ ރަށުގެ އަތިރިމަތީގައި، ބަނދަރާ ދާދި ކައިރީގައި ހުރި ހަޓަށެވެ. އެ ދިޔަ މަގުމަތީގައި އޭނާ ދިޔައީ އޭޓީއެމްއިން ލާރިވެސް ނަގައިގެންނެވެ.

އެ ހަޓު ހިޔާކޮށްފައިވާއިރު، ވަށައިގެން ހުރި ގަސްތަކުގައި އުނގޯލި އެލުވާފައި ހުއްޓެވެ. އޭގެ އިތުރުން އިށީނދެލެވޭ ގޮތަށް ޖޯލިތައްވެސް ބަހައްޓާފައި ހުއްޓެވެ. ބަނދަރުގައި ދިއްލާފައިވާ ލައިޓުތަކުގެ އަލިން ކޮންމެވެސް ވަރަކަށް އެތަނަށް އަލި ވަމުން ދިޔައެވެ.

އަވަސް ފިޔަވަޅުތަކެއްގައި ގޮސް އިޝްފާން ހަޓަށް ވަނެވެ. އޭރު އެތަނުގައި ތިބީ ދެމީހެކެވެ. އިޝްފާން ފެނުމާއެކު އެމީހުން އެކަކު އަނެކަކަށް ބަލާލިއެވެ.

"އިޝްފާން؟" ޔަޤީންކޮށްލި ފަދައަކުން އެކަކު އަހާލުމާއެކު އިޝްފާން ބޯ ޖަހާލާ އާއެކޭ ބުނެލިއެވެ.

"މި އޮތީ…" ޖީބުން ނެގި ދެތިން ރަބަރު ޕެކެޓް އިޝްފާންއަށް ދިއްކޮށްލަމުން އެތަނުގައި އިސްކޮޅުން ދިގަށް ހުރި ޒުވާނާ ބުނެލިއެވެ. އޭނާގެ ބޯ ވަނީ ބާލާފައެވެ. ތުނބުޅި މަތިމަސްވެސް ވަނީ ކުރުކޮށް ކޮށާލާފައެވެ. ލިބިފައިވަނީ ރޫފަ ރަނގަޅު ހަށިގަނޑަކާއި އޮޅަކި ކުލައިގެ ހަންގަނޑެކެވެ. ބަލާބެލުމަށް ޑްރަގް ބޭނުންކުރާ މީހެއް ވައްތަރެއް ނުޖަހައެވެ. ލާފައި ހުރީވެސް ގަޔަށް ހެޔޮވަރުގެ ގަމީހަކާއި ޖީންސްއެކެވެ. އޭނާގެ ކައިރީގައި ހުރި ޒުވާނާވެސް ހުރީ ފިރިހެންވަންތަކޮށެވެ. ކުރުކޮށް ކޮށާލާފައިވާ އިސްތަށިގަނޑާއި އެކު ތުނބުޅި ހުރީ ކުރުކޮށް ކޮށާލާފައެވެ. ލާފައިހުރީ ޓީޝާޓަކާއި ސޯޓެކެވެ. އޭނާއަށް އެ ދިމާކުރެވުނީ ރަނގަޅު މީހާއާ ތޯ ޝައްކެއްގެ މަތީގައި ހުރި އިޝްފާންއަށް އެކަން ޔަޤީންވީ އެމީހާ ރަބަރު ޕެކެޓުތައް ދިއްކޮށްލުމުންނެވެ.

"އިންޖެކްޝަން ނުގެންނަންތަ؟" އިޝްފާން ސުވާލުކޮށްލިއެވެ.

"ކޮން ވައްތަރެއް؟" އެ ޒުވާނާ އަނެއްކާ ސުވާލުކޮށްލިއެވެ. އިޝްފާން އޭނާ ބޭނުންވާ ބާވަތުގެ ނަން ބުނެލުމާއެކު، އަނެއްކާވެސް އެ ދެމީހުން އެކަކު އަނެކަކަށް ބަލާލިއެވެ.

"ތިޔެއް އަހަރެމެން މިކޮޅަކަށް ނުގެންނަން. ގެނަޔަސް އަގު ބޮޑުކަމުން ގަންނަ މީހަކު ނޫޅޭ." އޭނަ އިތުރު ކޮށްލިއެވެ.

"އޯކޭ. ކިހާވަރެއް އަރަނީ؟" އިޝްފާން ސުވާލުކޮށްލުމާއެކު، އޭނަ އަގު ބުނެލިއެވެ. އޭރު އޭނާގެ ކައިރީގައި ހުރި އަނެއް ޒުވާނާ ފޯނާ ކުޅެން ހުއްޓެވެ.

"ތިން ހާސް." އިޝްފާން އޭނާގެ ވޮލެޓުން ނެގި ފައްސަތޭކައިގެ ހަ ނޫޓު ދިއްކޮށްލިއެވެ. އޭގައި ހިފަމުން އެ ޒުވާނާ ސަލާމަށް އަތް ދިއްކޮށްލިއެވެ.

"ނާއިލް… ދެން އެއީ ސަމާހު." އެ ޒުވާނާ ތަޢާރަފްވެލިއެވެ. އެ އެއްޗެހި ހިފައިގެން އިޝްފާން އެތަނުން ނުކުތުމަށްފަހު އެންމެ ފުރަތަމަވެސް ނެގީ ފޯނެވެ. އެއަށްފަހު، އޭނާ ކުރިންވެސް ގުޅި ނަންބަރަށް ޑައިލްކޮށްލިއެވެ.

"ފަވައްޓެ އެމީހުން ބުނީ އިންޖެކްޓަބަލް ޑްރަގްސް ނުގެންނަކަމަށް." އިޝްފާން ބުނެލުމާއެކު، އެކޮޅުން ވާހަކަ ދެއްކިއެވެ.

"އޭ އާނ. ތިކޮޅުގަ ނުވިކޭ އެއްޗެއް ކަމަށްވަނީ އަގު ބޮޑުކަމުން. ކައެ ބޭނުމިއްޔާ ސްޓޮކާއެކު ވަކިން ކައެއަށް ފޮނުވިދާނެ ކޮންމެ ފަހަރަކު، އޭރަށް ކައެޖެހޭނީ ޑައިރެކްޓްލީ މައެ އަށް ލާރި ފޮނުވަން. އެގޮތް އޯކޭ ވިއްޔާ އެގޮތަށް ހެދިދާނެ." ފަވައްޓެ ބުނެލިއެވެ. އޭނާގެ އަސްލު ނަމަކީ ފަވާދު ނަމަވެސް، މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ، އެތަކެތި ބޭނުންކުރާ އެންމެންގެ ތެރޭގައި އޭނާ މަޝްހޫރުވެފައިވަނީ ފަވައްޓެގެ ނަމުންނެވެ. ފަވާދުގެ ހުށައެޅުމަށް އިޝްފާން އެއްބަސްވުމަށްފަހު، ފޯނު ބޭއްވިއެވެ.

އެއަށްފަހު، އޭނާ މިސްރާބުޖެހީ ގެއާ ދިމާލަށެވެ. ގެއާ ހިސާބަށް ގޮސް ގޯތިތެރެއަށް ވަދެފައި އޭނާ ގެއަށް ވަނުމުގެ ބަދަލުގައި ޒައިނާމެން ގޭ ގޯތިތެރެއަށް ނަޒަރު ހުއްޓާލިއެވެ. އެގޭގެ ގޯތިތެރޭގައި ދިއްލާފައި ހުރި ބޮކިންނާ މަގުމަތީގެ ބައްތީގެ އަލިކަމުން، ގަސްތައް ގިނަ ނަމަވެސް އެ ގޯތި ތެރެ ރީއްޗަށް ފެނެއެވެ. އެތަނުގައި ހުރި ޖޯއްޔެއްގައި އޮށޯވެގެން އޮތް އަންހެން ކުއްޖާ ލޮލުގައި އަޅައިގަތުމާއެކު، އެއީ ޒައިނާކަން އޭނާއަށް ޔަޤީންވެ މަޑުޖެހެވުނެވެ. އިރުކޮޅަކު ޒައިނާއަށް ބަލަހައްޓައިގެން އިޝްފާންއަށް ހުރެވުނެވެ. ޒައިނާ ނުފެނި ހޭދަވި ދެ ދުވަހު ޒައިނާއަށް ކަމެއް ވީކަމަށް ހިތާ އޭނާގެ ހިތަށް ވެރިވެފައިވާ ހާސްކަން ފިލައިގެން ދިޔުމާއެކު، ހަަމަޖެހުމުގެ ނޭވާއެއް ލެވުނު ނަމަވެސް، އެ ހިތުގައި ކުޑަ ނުތަނަވަސްކަމެއް ވިއެވެ. ހިތް ގޮވަން ފެށީ ޒައިނާގެ ކައިރިއަށް ދިޔުމަށް ނަމަވެސް، ސިކުނޑި ވިސްނައިދެމުން ދިޔައީ މުޅީން އެހެން ގޮތަކަށެވެ. އެހާ ވަރަށް ޒައިނާއާ މެދު ކަންބޮޑުވާތީ އިޝްފާން އަމިއްލަ ނަފްސަށް އަޑުލިޔެވެ. ޒައިނާއާ މެދު އޭނާއަށް އެހާ ވަރަށް އެ ވިސްނެނީ ކީއްވެހެއްޔެވެ؟ އެއީ އަނިޔާ ލިބެމުންދާ ނިކަމެތި އަންހެން ކުއްޖެއްކަން އެނގޭތީ ހެއްޔެވެ؟ އެ އަނިޔާއިން ޒައިނާ ސަލާމަތްކޮށްދޭން ބޭނުންވާތީ ހެއްޔެވެ؟ ޒައިނާގެ ބަދަލުގައި އެހެން އަންހެން ކުއްޖަކު ހުރި ނަމަވެސް، އޭނާ ހަމަ އެހާ ކަންބޮޑުވެދާނެހެއްޔެވެ؟ ޒައިނާގެ ކަޅުކަން ގަދަ ކަޅި ހިމެނޭ އެ ބޮޑު ދެލޮލުގެ ތެރެއިން އެ ފެންނަ ކަރުނައިގެ މުތީތައް އޭނާގެ ހިތަށް އެހާ އުނދަގޫކުރަނީ ކީއްވެހެއްޔެވެ؟ އެއީ އޭނާއާ އަލަށް ބައްދަލުވި އަންހެން ކުއްޖެކެވެ. ވީއިރު އެހާ ބޮޑަށް އެ އަންހެން ކުއްޖާއާ މެދު ވިސްނެންވީ ކީއްވެހެއްޔެވެ؟ އެ ހިތުގައި އެ އުފެދެމުން ދަނީ އުފެދިގެން ނުވާނެ ފަދަ ޖަޒުބާތެއްހެއްޔެވެ؟ އެ އިހްސާސް އޭނަ މާނަ ކުރާނީ ކިހިނެއްހެއްޔެވެ؟ އަމިއްލަ ނަފްސަށް ކުރަމުން ދިޔަ އެއްވެސް ސުވާލެއްގެ ޖަވާބެއް އިޝްފާންގެ އަތަކު ތެވެ. ހައްތަހާ ނުތަނަވަސްކަން އޭނާއަށް އުނދަގޫކުރުން ނޫންކަމެއް ނުވިއެވެ.

"އަންހެން ކުއްޖަކާ މެދު ތިހާ ބޮޑަށް ވިސްނުމުގެ ހައްޤެއް ކަލެއަކަށް ނެތޭ އިޝްފާން." ހިތާ ހިތުން އިޝްފާން އޭނާގެ ނަފްސަށް ވިސްނައިދޭން މަސައްކަތް ކުރި ފަދައެވެ.

އެހެން ހުރެ ހުރެވެސް އެއްވެސް ހިތްހަމަ ޖެހުމެއް ނުލިބުމުން އެންމެ ފަހުން ގޭގެ ދޮރު ހުޅުވާލާފައި ވެދެ ދޮރު ލައްޕާލާފައި ގޮސް އޭނާ އިށީނީ ސިޓިން ރޫމު ސޯފާގައެވެ. ގެނައި ޕެކެޓްތައް ނަގާފައި ސޯފާތައް ކައިރީގައި ހުރި ކުޑަ މޭޒު މަތީގައި ބަހައްޓާފައި އެ އަށް ބަލާލިއެވެ. އެއީ އޭނާ މިރޭ ބޭނުންވާ ވައްތަރެއް ނޫނެވެ. އެހެންނަމަވެސް، މިރޭ އެނޫން ގޮތެއް ނެތީތީ އިޝްފާން ނިންމީ އެ އެއްޗެއް ބޭނުންކުރުމަށެވެ. އޭނާ މަސްތުވާތަކެތި ބޭނުންކުރާތާ އެތައް އަހަރެއް ވެއްޖެއެވެ. އުމުރުން އެންމެ ސާދަ އަހަރުގައި އިޝްފާން ސިނގިރޭޓް ބޯން ފެށިއެވެ. ގިނަގިނައިން ބޭރަށް ނުކުމެ އުޅުމުގެ ނަތީޖާއެއްގެ ގޮތުން އޭނާއާ އެކުވެރިވީ މާލޭގައި އުޅޭ ގޭންގުތަކެވެ. އެންމެ ފުރަތަމަ އޭނާގެ މަސައްކަތަކަށްވީ މަސްތުވާތަކެތި އެއްތަނުން އަނެއް ތަނަށް ގެންގޮސް ދިނުމެވެ. މަސްތުވާތަކެތި ބޭނުންކުރަން ފެށުނީ ވެސް އެ ދުވަސްވަރުގައެވެ.

މަސްތުބާތަކެތި ބޭނުންކުރުމަކީ ކިހާ ބޮޑު ފާފައެއްކަން އޭނާއަށް ނޭނގެނީއެއް ނޫނެވެ. އެ ބޭނުންކުރުން ހުއްޓާލަން އޭނާ ބޭނުން ނުވީއެއް ވެސް ނޫނެވެ. ދޮންތަ، ސަވާގެ އާދޭސްތަކަށްފަހު، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލަން އިޝްފާން ބޭނުންވެގެން މަސައްކަތްވެސް ކުރިއެވެ. އެހެންނަމަވެސް، ޙަޔާތުގައި ދިމާވި ތަފާތު އިމްތިޙާނުތައް ކޮންމެ ފަހަރަކުވެސް އޭނާ ގޮސް ހުއްޓުވަނީ މަސްތުވާތަކެތީގެ ކުރިމައްޗަށެވެ. އޭގެން ނަފްސަށް ލުއި ލިބޭތީއެވެ. ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް، އެކަންތައް މަތިން ހަނދާން ނެތޭތީއެވެ. އެހެންނަމަވެސް، އިޝްފާންއަށް ނޭނގުނު ކަމަކީ އެއީ ހަމައެކަނި އޭނާއަށް ހީވާ ހީވުންތަކެއް ކަމެވެ. މަސްތުވާތަކެއްޗާ، ރަލަކީ އިންސާނާއަށް އެއިން އެއްވެސް ފައިދާއެއް ކުރާ އެއްޗެއް ނޫނެވެ. އެއީ އިންސާނާގެ ދުނިޔޭގެ ދިރިއުޅުމާއި އާޚިރަތުގެ ހަލާކެވެ. ހަޤީގީ ބުއްދިވެރިންނަކީ ދިމާވާ ކޮންމެ ކަމެއްގައި ހެއްދެވި ފަރާތަށް ވަކީލުކޮށް އެފަދާރަށް ދުޢާ ދަންނަވާ މީހުންނެވެ. ކުރިމަތިވާ އިމްތިހާނުތަކާ ކުރިމަތިލުމަށް ﷲގެ ކިބައިން ވާގި ހޯދާ މަދަދަށް އެދޭ މީހުންނެވެ. އިސްލާމް ދީނުގައި ރަލާ މަސްތުވާތަކެތި ޙަރާމްކުރައްވާފައިވަނީ މަތިވެރި ޙިކުމަތަކަށްޓަކައެވެ. ސަބަބުތައް ކިތަންމެ ގިނަ ނަމަވެސް، އެއިން އެއްވެސް ކަމަކާ ވިސްނޭވަރަށް ވުރެ އިޝްފާން ވަނީ އެއަށް ދެވި ހިފާފައެވެ. ހުއްޓަން ބޭނުންވި ނަމަވެސް، ނުހުއްޓޭ ސަބަބަކީ އެއީއެވެ. އިޝްފާން ގަބޫލުކުރާ ގޮތުގައި މަސްތުވާތަކެއްޗާ ނުލާ އުޅުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. އެ ބޭނުންނުކުރުމުން އެވާ އުނދަގުލުން އޭނާ މޮޔަވެދާނެއެވެ. އޭނާއަށް ނޭނގުނު ކަމަކީ ކޮންމެ ކަމަކީ ވެސް އިންސާނާ ހިންމަތާއެކު ކުރިމަތިލައިފިނަމަ ﷲގެ އިރާދަފުޅުން ކާމިޔާބު ވާނެކަމެއް ކަމުގައެވެ. ދުނިޔޭގައި ކިތަންމެ މީހަކު މަސްތުވާތަކެތީގެ ވަބާއިން މިންޖުވެ ރަނގަޅު ގޮތުގައި ޙަޔާތް ވޭތުކުރަމުން ދާ ކަމެވެ. ﷲއަށް ވަކީލުކުރުމަށްފަހު، އަމިއްލަ ނަފްސަށް މީހާ ކުރާ އިތުބާރާ، ދެ ގޮތެއް ނުވާނޭ އަޒުމަކީ ކާމިޔާބީގެ މައިބަދަކަމެވެ.

އިޝްފާންއަށް ނިދިޖެހެން ފެށުމާއެކު، އޭނާ ސޯފާގައި އޮށޯވެލިއެވެ. ދެލޯ މަރާލައިގެން އޮއްވާ އޭނާގެ ފޯނު ރިންގްވިއެވެ. ކުޑަކޮށް ލޯ ހުޅުވާލުމާއެކު، ފޯނުގެ ސްކްރީނަށް އަރާފައިވާ ނަމަށް ބަލައިލުމަށްފަހު، ފޯނަށް ޖަވާބުދެމުން ކަންފަތުގައި ޖައްސާލިއެވެ.

"ހެ…ލޯ… ދޮން…ތާ…" އިޝްފާންގެ އަޑު ނުކުތްގޮތުން ސަވާއަށް އިޝްފާން އެހުރީ ހަމަހޭގައި ނޫންކަން އެނގުނެވެ.

"އިޝްފާން. އަނެއްކާ ތިތަނުގަވެސް ތި ބޭނުންކުރަން ފެށީތަ؟" ސަވާގެ އަޑުގައި ކަންބޮޑުވުމާއި ހިތާމައިގެ އަސަރުވެއެވެ.

"އިޝްފާން…" އިޝްފާން އެއްޗެއް ނުބުނެ ގިނައިރުވާން ފެށުމުން ސަވާ އަނެއްކާވެސް ގޮވާލިއެވެ.

"ހޫމް.." ހަމައެކަނި ހޫމްއަކުން އިޝްފާން ފުއްދާލީއެވެ.

"ތީގެ ސަބަބުން ކޮބާ އިޝްފާންއަށް ލިބޭ ފައިދާއަކީ؟ ކިހާ ވަރަކަށް އާދޭސްކުރަންވީ ތިކަން ހުއްޓަން. މަންމައާއި ބައްޕަ ބުނެގެން ނުހުއްޓިޔަސް، އެހެން މީހަކު ބުނެގެން ނުހުއްޓިޔަސް، ދޮންތަ ބުނީމަ ހުއްޓާލާކަށް ނުވިސްނަންތަ؟ އަހަންނަށް ހިތްވަރު ދޭން މީހާއޭ އިޝްފާންއަކީ! ދޮންތައަކަށް ނޭނގެ ދެން ބުނާނެ އެއްޗެއް. ތި ރަށުގައި ތިކަންތައް ކޮށްގެން އަނެއްކާ ފުލުހުން ބަންދުކުރީމަ ބައްޕަ އިތުރަށް ރުޅި އަންނާނީ." ސަވާ ބުނެލިއެވެ.

"އަހަންނަށް ކޮންކަމެއް އޭނަ ރުޅިއަޔަސް. އަހަންނާ ގުޅުން ހުރި މީހެއް ނޫން އެ ފަތުޙީ އަކީ." އޭނާގެ ބައްޕަގެ ވާހަކަ ސަވާ ފެށުމާއެކު އިޝްފާންގެ ގާތަށް ރުޅި އަންނަ ގޮތްވިއެވެ. އޭނާގެ އަޑަށް ހަރުކަށިކަން ވެރިވިއެވެ.

"އަހަރެން ހިތްހަަމަޖެހޭތީ މިކަން ކުރަނީ…" އިޝްފާންއަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގެއެވެ.

"ހިތްހަމަ ޖެހެނީ ތި އެއްޗެއް ބުއިމަތަ؟ އެއްފަހަރުވެސް މުސައްލަމައްޗަށް އަރާ ދުޢާ ކޮށްފަ ހިތުގެ އުދާސްތައް ބޭރުކޮށްބަލަ!" ސަވާއަށް ރޮވޭގޮތްވިއެވެ.

"ދޮންތާ…" އިޝްފާން ސަވާއަށް ގޮވާލިއެވެ.

"މަންމައާއި ބައްޕަ…" ސަވާގެ ޖުމްލަ ފުރިހަމަކުރުމުގެ ފުރުސަތެއް އިޝްފާން ނުދިނެވެ.

"ދޮންތައާ ދޭތެރޭ ވީ ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ ފަތުޙީ. އަހަރެންގެ ކައިރީގައި ބައްޕައޭ ނުކިޔަބަލަ. އެ ދެމީހުން ދޮންތައާ ދޭތެރޭ ވިސްނާނަމަ އެގޮތަށް ކަންތަކެއް ނުކުރާނެ." އިޝްފާންގެ އަޑު މަޑުވިއެވެ. ސަވާގެ ރުއިމުގެ އަޑު އިޝްފާންގެ ކަންފަތުގައި ޖެހުނުހެން ހީނުވެ ފޯނު ކެނޑިއްޖެއެވެ. އިޝްފާން ގުޅަން މަސައްކަތް ކުރި ނަމަވެސް، ފުސްވަމުން ދިޔަ ދެލޮލުގެ ސަބަބުން އެކަން ކުރުން އޭނާއަށް އުނދަގޫވިއެވެ. އިސާހިތަކު އޭނާގެ އަތުން ފޯނު ދޫވެގެން މޭމައްޗަށް ވެއްޓުނެވެ. އެންމެފަހުން، މަޑުމަޑުން ދެލޯ މެރެމުން މެރެމުން ގޮސް އިޝްފާންއަށް ނިދިއްޖެއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު