އިޓާލިއަން ސެރީއާގެ ޗެމްޕިއަންކަން އިންޓާ މިލާނުން ހޯދައިފި

އިންޓާއިން ސެރީއާގެ ތަށި 20 ވަނަ ފަހަރަށް ކާމިޔާބު ކޮށްފި / ފޮޓޯ: ޔޫރޯ ސްޕޯޓް

އިޓާލިއަން ސެރީއާގެ ޗެމްޕިއަންކަން އިންޓާ މިލާނުން ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އިންޓާއިން ހޯދީ މި ފަހަރު ލީގަށް އެންމެ ގާތުން ވާދަކުރަމުންދާ ވާދަވެރި އޭސީ މިލާނާއި ރޭ ބައްދަލުކުރި މެޗު ކާމިޔާބު ކުރުމާއެކު އިތުރު ޓީމަކަށް އިންޓާއާއި އަރާ ހަމަނުކުރެވޭނެކަން ޔަގީންވުމުންނެވެ. މިއީ އިންޓާއިން ސެރީއާގެ ތަށި ކާމިޔާބުކުރި 20ވަނަ ފަހަރެވެ.

ސެންސީރޯގައި ކުޅުނު މި މެޗު އިންޓާއިން ކާމިޔާބު ކޮށްފައިވަނީ ދެލަނޑު އެއް ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި އަދި ވަރަށް ބޮޑަށް ހޫނުވެގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ މިލާނުންނެވެ. ނަމަވެސް މިއާއެކު ވެސް މި މެޗުގައި މިލާންއަށް އިންޓާގެ މައްޗަށް ކުރި ހޯދޭ ގޮތެއް ނުވިއެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ އިންޓާއިން ލީޑު ނަގާފައިވަނީ މެޗުގެ 18 ވަނަ މިނެޓުގައި ޑިފެންޑާ ފަރަންސެސްކޯ އަސާބީ ޖަހައިދިން ލަނޑުންނެވެ. އަދި މެޗުގެ 49 ވަނަ މިނެޓުގައި މާކަސް ތުރަމް ޖަހައިދިން ލަނޑުން އިންޓާއިން މި މެޗުގައި ދެ ލަނޑުގެ ލީޑެއް ނެގިއެވެ. މި މެޗުގައި މިލާންއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފިކާޔޯ ޓޮމޯރީއެވެ.

މިއާއެކު މެޗުގެ ފަހު 10 މިނެޓްގެ ފޯރި އިތުރަށް ގަދަވެގެންގޮސް ކޮންމެވެސް ވަރަކަށް ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުން ވެސް ހިނގިއެވެ.

މިގޮތުން މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ހިނގި ހަމަނުޖެހުމެއްގައި މިލާންގެ ތިއޯ ހެނާންޑޭޒް އާއި އިންޓާގެ ޑެންޒެލް ޑަމްފްރީސްއަށް ވަނީ ރަތް ކާދު ދައްކާފައެވެ. އަދި އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައި މިލާންގެ ކެޕްޓަން ޑޭވިޑް ކެލަބްރިއާއަށްވެސް ވަނީ ރަތްކާޑު ދައްކާފައެވެ.

މިކާމިޔާބީއާއެކު އިންޓާއިން މިހާރުވަނީ ކުޅުނު 33 މެޗުން 86 ޕޮއިންޓް ހޯދާ 17 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. އަދި މިހާރު ކޮންމެ ޓީމަކަށް ބާކީ އޮތީ ފަސް މެޗު ކަމުން ދެން އެއްވެސް ޓީމަކަށް އިންޓާ އާއި އަރާ ހަމަކުރުމުގެ ފުރުސަތެއް ނެތެވެ.

މިލާނަށް ލިބިފައިވަނީ 69 ޕޮއިންޓެވެ. މިއާއެކު އިންޓާއިން މި ވަނީ އެންމެ ފަހުން ކުޅުނު މިލާން ޑާބީގެ ހަ މެޗު ވެސް ކާމިޔާބުކޮށް އޭސީ މިލާނުން 1911 އިން 1913 އަށް އަދި 1946 އިން 1948އަށް ހަދާފައިވާ ރިކޯޑާއި އަރާ ހަމަކޮށްފައެވެ.

އަދި މި ފަހަރުގެ ސުކުޑޭޓޯ އާއެކު އިންޓާއިން މިހާރުވަނީ މިލާނަށް ވުރެ ކުރިއަށް ޖެހިލާފައެވެ. އިންޓާއިން މި ސީޒަންގައި މިހާތަނަށް ސެރީއާގައިވަނީ 79 ލަނޑު ޖަހާ 15 މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާލައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު