އަޖޭއާއި ރަކުލްގެ ކޮމެޑީ ފިލްމުގައި އަނިލް

އަޖޭ ދޭވްގަން އަދި އަނިލް ކަޕޫރު--ފޮޓޯ/ބޮލީވުޑްހަންގާމާ

އަޖޭ ދޭވްގަންއާއި ބަތަލާ ރަކުލް ޕްރީތު ސިންގް އަދި ތައްބޫ މުހިއްމު ރޯލުތައް ކުޅުނު ފިލްމު "ދޭ ދޭ ޕިޔާރު ދޭ"ގެ ދެވަނަ ފިލްމަށް އަނިލް ކަޕޫރު ސޮއިކޮށްފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ޕިންކްވިލާ ނިއުސްއިން ބުނެފައިވަނީ ޑައިރެކްޓަރު ލަވް ރަންޖަންގެ ސީކުއަލް "ދޭ ދޭ ޕިޔާރު ދޭ 2"އިން އަނިލަށް ހުށަހެޅި ރޯލް އެކްޓަރަށް ވަރަށް ކަމުދިޔަ ކަމަށެވެ. މި ފިލްމަކީ ލަވް ރަންޖަންގެ ލަވް ފިލްމްސްއާއި ޕްރޮޑިއުސަރު ބުޝަން ކުމާރުގެ ޓީ-ސީރީސް ގުޅިގެން ގެނެސްދޭ ސީކުއަލްއެކެވެ.

ޕިންކްވިލާގައި ބުނެފައިވާ ގޮތުގައި އަނިލް ކަޕޫރު ފިލްމުގައި ފެނުން އެކަށީގެންވަނީ ބަތަލާ ރަކުލްގެ ބައްޕަގެ ރޯލުންނެވެ.

ބަތަލާ ތައްބޫ އަދި ރަކުލް ޕްރީތު ސިންގް--ފޮޓޯ/ބޮލީވުޑްހަންގާމާ

މީގެ ފަސް އަހަރު ކުރިން ރިލީޒްކުރެވުނު މި ފިލްމުގެ ފުރަތަމަ ބައި ލަވް ރަންޖަން ޑައިރެކްޓް ކުރިއިރު މި ފަހަރުގެ ސީކުއަލްގެ ޑައިރެކްޓަރަކީ އަންޝުލް ޝަރުމާއެވެ. އަންޝުލް ޝަރުމާ ޑައިރެކްޓް ކޮށްފައިވާ މަގުބޫލު ފިލްމުތަކުގެ ތެރޭ 2009ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދޭވް ޑީ" އަދި "ޕޮކެޓް 43" ހިމެނެއެވެ. އަޖޭއާއި އަނިލް ކަޕޫރު އެއް ފިލްމަކުން ފެންނަ ޚަބަރާ އެކު ބެލުންތެރިންނަށް އުފާވެރިކަން ގެނުވިއިރު މި ދެ ތަރިން އެކީގައި 2019ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޓޯޓަލް ދަމާލް"ގައި ވަނީ މަސައްކަތް ކޮށްފައެވެ.

ފިލްމު "ދޭ ދޭ ޕިޔާރު ދޭ"އަކީ 50 އަހަރުން މަތީގެ ކާމިޔާބު ވިޔަފާރިވެރިޔަކާ 20 އަހަރުވެފައިވާ ޒުވާން އަންހެން ކުއްޖެއްގެ މެދުގައި ލޯބީގެ ގުޅުން އުފެދި ދެ މީހުންގެ އާއިލާގެ ރުހުން ހޯދުމުގެތެރޭ ހިނގާ ހެއްވާ މަޖާ ހާދިސާތައް ދައްކުވައިދޭ ފިލްމެކެވެ. މި އަހަރުގެ ޖޫން މަހު މި ފިލްމުގެ ސީކުއަލްގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާއިރު ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ ކުރިއަށް އޮތް އަހަރެވެ.

comment ކޮމެންޓް