ޓްރަމްޕްގެ މައްސަލައެއް ކޯޓުގައި ކުރިއަށްދަނިކޮށް އަމިއްލަ ގައިގައި ރޯކޮށްލި މީހަކު މަރުވެއްޖެ

ޓްރަމްޕްގެ މައްސަލަ ކުރިއަށްދަނިކޮށް ކޯޓުގެ ބޭރުގައި އަމިއްލަ ގައިގައި ރޯކޮށްލި ސެއިންޓް އޮގަސްޓިންގެ މެކްސް އަޒާރެލޯ. ފޮޓޯ/ދަ ޓައިމްސް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް އުފުލާފައިވާ ޖިނާއީ ޝަރީއަތުގެ މަރުހަލާގައި ޖޫރީ ހޮވުމުގެ މަސައްކަތާއި ގާތްގަނޑަކަށް އެއް ވަގުތެއްގައި ނިއުޔޯކް ކޯޓު ބޭރުގައި އަމިއްލަ ގައިގައި ރޯކޮށްލި މީހަކު މަރުވެއްޖެއެވެ.

ނިއުޔޯކް ސިޓީގެ ޕޮލިސް ޑިޕާޓްމަންޓުން ބުނީ ފްލޮރިޑާގެ ސެއިންޓް އޮގަސްޓިންގެ މެކްސް އަޒާރެލޯ ނަމަކަށް ކިޔާ އެ މީހާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައި ވަނީ ހުކުރު ދުވަހު ހިނގި ހާދިސާއަށް ފަހު ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.

ފުލުހުން ބުނީ 1987 ވަނަ އަހަރު އުފަންވި އެ މީހާއަކީ ޓްރަމްޕަށް ނުވަތަ ޝަރީއަތުގައި ބައިވެރިވި އެހެން މީހަކަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅުނު މީހެއް ނޫނެވެ.

ވިޔަފާރީގެ ރެކޯޑްތައް އޮޅުވާލުމުގެ ޖިނާއީ ދައުވާގައި ޓްރަމްޕްގެ ޝަރީއަތުގެ ހަތަރު ވަނަ ދުވަހު ހިނގި އެ ހާދިސާގައި އަޒާރެލޯ ވަނީ އަމިއްލަ ގައިގައި ރޯކޮށްލުމުގެ ކުރިން ވައިގެ ތެރެއަށް ޕެމްޕްލެޓްތައް އުކައިލައިފައެވެ.

އަލިފާން ރޯކޮށްލައިފައި ވަނީ ޓްރަމްޕަށް ތާއީދުކުރާ މީހުންނާއި ޓްރަމްޕާ ދެކޮޅު މުޒާހަރާގެ ބައިވެރިން ބައިތިއްބަން ކަމާބެހޭ ފަރާތްތަކުން ބޭނުންކުރާ ސަރަހައްދެއް ކަމަށްވާ 100 ސެންޓާ ސްޓްރީޓް ކޯޓްހައުސް ކުރިމަތީގައި ހުރި ޕާކެއްގައެވެ.

މި ހާދިސާއަށް ފަހު ކަމާބެހޭ ފަރާތްތަކުން ބުނީ ސެކިއުރިޓީ ޕްރޮޓޮކޯލްތައް ބަލައި ފާސްކުރުމަށް އެ ޕާކަށް ވަނުން މަނާކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް