ޔާމީގެ ޓެރަރިޒަމާ ދެކޮޅު ފިލްމު މިހާރު ނެޓްފްލިކްސްއިން ބެލޭނެ

ފިލްމު "އާޓިކަލް 370"ގެ މަންޒަރެއްގައި ބަތަލާ ޔާމީ ގޯތަމް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މި އަހަރުގެ ފެބްރުއަރީ މަހުގެ ފަހު ހަފުތާގައި ރިލީޒްކުރި ބަތަލާ ޔާމީ ގޯތަމްގެ ފިލްމު "އާޓިކަލް 370" ނެޓްފިލްކްސްއަށް ދޫކޮށްލައިފިއެވެ.

މި ފިލްމަކީ އިންޑިއާގެ ޤައުމީ އެވޯޑް ދެ ފަހަރަށް ހޯދާފައިވާ ޑައިރެކްޓަރު އަދިތިޔާ ސުހާސް ޖަމްބޭލްގެ އުފެއްދުމެކެވެ. ފިލްމުގެ ޑައިރެކްޓަރުގެ އިތުރުން އަދިތިޔާ އަކީ ޔާމީގެ ފިރިމީހާވެސް މެއެވެ.

މި ފިލްމަކީ މުޅިއެކު 20 ކްރޯޑް ރުޕީސް (ދެ މިލިއަން އެމެރިކާ ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި ފިލްމެއް ނަމަވެސް ފިލްމަށް މިހާތަނަށް 13 މިލިއަން އެމެރިކާ ޑޮލަރާ ގާތްކުރާ އަދަދަކަށް އާމްދަނީ ވަނީ ލިބިފައެވެ.

ސިޔާސީ ހަލަބޮލިކަމުގެ ތެރޭ ހިނގާ ޓެރަރިޒަމާ ދެކޮޅު ހާދިސާތަކުން ވަޠަން ސަލާމަތްކޮށް ދިނުމުގައި އިސް ރޯލެއް އަދާކުރާ ރޯލަކުން ޔާމީ ފެންނައިރު ބަތަލާ ކުޅެފައި ވަނީ އެޝަނަލް އިންވެސްޓިގޭޝަން އެޖެންސީގެ ހާއްސަ އެޖެންޓެއްގެ ރޯލެވެ.

ޔާމީއާ އެކު ފިލްމުގެ މުހިއްމު ރޯލް ކުޅެފައިވާ ތަރިންގެތެރޭ ޤައުމީ އެވޯޑް ހޯދާފައިވާ ސައުތު ބަތަލާ ޕްރިޔާމަނީ އަދި ރާޖް އަރުޖުން ހިމެނެއެވެ.

ފިލްމު "އާޓިކަލް 370"ގެ ޓްރެއިލާ ރިލީޒްކުރި ހަފްލާގައި ބަތަލާ ޔާމީ ގޯތަމް އަދި ޑައިރެކްޓަރު އަދިތިޔަ --ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމު ނެޓްފްލިކްސްއަށް ދޫކޮށްލާފައިވާކަން އިއުލާނުކުރަމުން ޑައިރެކްޓަރު އަދިތިޔާ ބުނެފައި ވަނީ "އާޓިކަލް 370"އަކީ ކެރިއަރުގެ ވަރަށް ހާއްސަ ފިލްމެއް ކަމަށެވެ. ސަބަބަކީ މި ފިލްމަކީ ވަރަށް ބުރަ މަސައްކަތާއެކު ވަރަށް ގިނަ ދުވަހުން ވުޖޫދަށް އައި ފިލްމަކަށް ވެފައި ފިލްމު ޑިޖިޓަލް ޕްލެޓްފޯމަކަށް ދޫކޮށްލެވުމަކީ މި ފިލްމަށް އިންތިޒާރުކުރި ގިނަ ބައެއްގެ އިންތިޒާރަށް ނިމުމެއް ގެނެސްދެވުނު ކަމަކަށް ވާތީ ކަމަށް އަދިތިޔަ ވަނީ ބުނެފައެވެ.

މި ފިލްމުގެ ޓްރެއިލާ ރިލީޒްކުރި ހަފްލާގައި ޔާމީ ވަނީ ފުރަތަމަ ދަރިފުޅަށް ބަލިވެއިންކަން އިއުލާނުކޮށް ބެލުންތެރިންގެ ހޮތް އުފާކޮށްދީފައެވެ. ފިލްމުގެ ބޮޑު ބައެއް ޝޫޓްކުރި އިރުވެސް ޔާމީ އިނީ އަލަތު ދަރިފުޅަށް ބަލިވެ ކަމަށާއި މި ފިލްމަކީ ބަތަލާގެ ކެރިއަރުގައި ހުރިހާ ގޮތަކުން ވެސް ހާއްސަ ފިލްމެއްކަމަށް ޔާމީ ވަނީ ބުނެފައެވެ.

comment ކޮމެންޓް