ދާދިފަހުން އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާނުކުރި ބޮލީވުޑްގެ މަޝްހޫރު ބަތަލާ އެންމެ ފަހުން ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓޯއާ އެކު ގިނަ ބައެއްގެ ތާއީދު ބަތަލާ ހޯދައިފިއެވެ.
ދީޕިކާގެ އަމިއްލަ އިންސްޓަގްރާމް ޕޭޖްގައި އަތުން ވިޔަން ފަށާފައިވާ މަސައްކަތެއްގެ ފޮޓޯއެއް ޕޯސްޓުކުރަމުން ބަތަލާ ބުނެފައިވަނީ އެ މަސައްކަތް ފުރިހަމަ ކުރުމަށް ފަހު ވަރަށް އަވަހަށް ދައްކާލެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ދީޕިކާގެ މި ޕޯސްޓާ ގުޅިގެން ބަތަލާއަށް ތާއީދުކުރާ ގިނަ ބަޔަކު ބުނެފައިވަނީ ވިހަންވާއިރަށް ދީޕިކާ ތަފާތު އާ މަސައްކަތެއް ދަސްކުރަނީ ކަމަށެވެ. އަލަތު ދަރިފުޅަށް އަމިއްލަ އަތުން ވިޔާ އެމްބްރޮއިޑަރީ ހެދުންކޮޅަކީ ދެވޭނެ ވަރަށް ހާއްސަ ހަދިޔާއެއް ކަމަށާއި އެ މަސައްކަތަކީ ވެސް ވަރަށް ތަފާތު އުފާވެރި އިހުސާސްތަކެއް ކުރުވާ މަސައްކަތެއް ކަމަށް ބައެއް މީހުންވަނީ ސިފަކޮށްފައެވެ.
ބެލުންތެރިންގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ބަތަލާ މި ދުވަސްވަރު ހޭދަކުރަމުން އެ ދަނީ ހަޔާތުގެ އެންމެ ހިތްގައިމު ދުވަސްތައް ކަމަށް ބުނެ ވެސް ބައެއް މީހުން ވަނީ މި ޕޯސްޓަށް ތާއީދުކޮށްފައެވެ.
ހިންދީ ސިނަމާގެ އެންމެ ފުންނާބު އުސް ބަތަލާއާއި އެކްޓަރު ރަންވީރު ސިން އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާނުކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހު ދީޕިކާ ވިހަންވާއިރަށް ރަންވީރު ސިން ވަނީ މިހާތަނަށް ސޮއިކޮށްފައި ހުރި ގިނަ ފިލްމުތަކުގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލާފައެވެ.
މި އަހަރުގެ ޖަނަވަރީ މަހު ފިލްމު "ފައިޓާ"އިން ބެލުންތެރިންނަށް ދީޕިކާ ފެނުނުއިރު ދެން އެންމެ އަވަހަށް ބަތަލާގެ ފިލްމެއް ރިލީޒްކުރާނީ މި އަހަރުގެ އޮގަސްޓް މަހުއެވެ. އެއީ، ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު "ސިންގްހަމް އަގެއިން"އެވެ.