ޝަރުމީލާ އަމިއްލައަށް ގަންނަ މުދާ ފިރިމީހާއަކަށް ނުދޭ

ކުރީގެ ފިލްމީތަރި ޝަރުމީލާ ޓޭގޯރް--ފޮޓޯ/ބޮލީވުޑްބަބްލް

ކުރީގެ ބަތަލާ ޝަރުމީލާ ޓޭގޯރް މިހާތަނަށް އަމިއްލައަށް ގަނެފައިވާ އެއްވެސް މުދަލެއްގެ މިލްކުވެރިކަން ފިރިމީހާ ޓައިގާ ޕަތައުޑީއާ ހިއްސާކޮށްފައިނުވާނެ ކަމަށް ބުނެފިއެވެ.

މިހާނަތަށް އަގުބޮޑެތި ކާރުތަކާއި ގެތައް ގަނެފައިވާނެ ކަމަށާއި ނަމަވެސް ދުވަހަކު ވެސް ފިރިމީހާގެ ނަމުގައި އެއްވެސް އެފަދަ އެސެޓެއް ގަނެފައިނުވާނެ ކަމަށް ބަތަލާ ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ.

ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާންގެ މަންމަ ޝަރުމީލާ ވަރަށް ޅަ އުމުރުގައި އާމްދަނީ ހޯދުމުގެ ގޮތުން މަސައްކަތްކުރަން ފެށިއިރު އަމިއްލައަށް ހޯދާ އާމްދަނީ އަމިއްލައަށް ކޮންޓްރޯލްކުރަން ވަގުތު ނެގިކަމަށް އަނޫޕަމާ ގުޕްތާގެ ޝޯގައި ބަތަލާ ވަނީ ބުނެފައެވެ. ފިރިމީހާ މަންސޫރު އަލީ ޚާން (ޓައިގާ)އާ ކައިވެނި ކުރުމަށް ފަހު ވެސް ފައިސާގެ މުއާމަލާތުތައް ކުރާނެ ގޮތާއި މެދު އެއްބަސްވުމަކަށް ދިޔަ ކަމަށާއި ލިބޭ އާމްދަނީގެ މުއާމަލާތުތައް ކުރިއަށް ގެންދާނެގޮތާ ބެހޭގޮތުން ދެ މީހުން މަޝްވަރާކޮށް ވަކި ގޮތެއް ނިންމުމަކީ މުހިއްމު ކަމެއް ކަމަށް ޝަރުމީލާ ވަނީ ބުނެފައެވެ.

ކުރީގެ ފިލްމީތަރި ޝަރުމީލާ ޓޭގޯރް ފިރިމީހާ މަންސޫރު އަލީ ޚާންއާ އެކު -- ފޮޓޯ/ބޮލީވުޑްބަބްލް
މިހާތަނަށް ފިރިމީހާ މަންސޫރު ގަނެފައިވާ މުދަލުގެ މިލްކުވެރިޔަކީ ވެސް ޚުދު މަންސޫރު ކަމަށާއި ނަމަވެސް މަންސޫރު މަރުވުމުގެ ކުރިން ހުރިހާ މުދަލެއް ވެސް ކައިވެންޏަށް ލިބިފައިވާ ތިން ކުދިންނަށް ހަމަހަމައަށް ބަހާފައިވާކަން ޝަރުމީލާ ވަނީ މި އިންޓަވިއުގައި ފާހަގަކޮށްފައެވެ.

އިންޑިއާގެ ޝާހީ އާއިލާ ޕަތައުޑީ އާއިލާއަށް ނިސްބަތްވާ މަންސޫރު އަލީ ޚާންއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅަދާނަ ކްރިކެޓް ކުޅުންތެރިއެކެވެ. އިންޑިއާގެ ޤައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންގެ މަގާމު ވެސް އަދާކޮށްފައިވާ މަންސޫރު އަލީ ޚާނާ ޝަރުމީލާ ޓޭގޯރް ކައިވެނިކޮށްފައިވަނީ 1968 ވަނަ އަހަރެވެ.

އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭ ހިމެނޭ ޝަރުމީލާ ޓޭގޯރް އަކީ 1960ގެ އަހަރުތަކުގައި ވިދާލު މަގުބޫލު ފިލްމީ ތަރިއެކެވެ. ފިލްމީ ދާއިރާގައި މިހާރު ވެސް ހަރަކާތްތެރިވެ އުޅޭ ޝަރުމީލާ އެންމެފަހުން ބެލުންތެރިންނާ ބައްދަލުކުރީ މިދިޔަ އަހަރު ޑިޒްނީ ހޮޓް ސްޓާގައި ރިލީޒްކުރި ފިލްމު "ގުލްމޯހަރު"އިންނެވެ.

comment ކޮމެންޓް