ސަލްމާން ހާންގެ އެޕާޓްމަންޓަށް ބަޑި ޖެހި ދެ މީހުން ހައްޔަރުކޮށްފި

ބޮލީވުޑް އެކްޓަރު ސަލްމާން ޚާން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މި ހަފުތާގެ އާދީއްތަ ދުވަހު ހެނދުނުގެ ވަގުތެއްގައި ބޮލީވުޑް އެކްޓަރު ސަލްމާން ޚާން ދިރިއުޅޭ އެޕާޓްމަންޓަށް ދިން ބަޑީގެ ހަމަލާގައި ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މުމްބާއީގެ ކްރައިމް ބްރާންޗުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ވިކީ ސަހާބް ގުޕްތާ އަދި ސާގަރު ޝްރިޖޮގެންދުރާ ޕަލް ނަމަކަށް ކިޔާ ދެ މީހުންނެވެ. މުމްބާއީގެ ފުލުހުން މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ގުޖްރާތު ބޫޖުއިން ރޭގެ ވަގުތެއްގައެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުން ވެސް ނިސްބަތް ވަނީ ބިހާރުގެ ވެސްޓް ޗަމްޕާރަން އަށެވެ. ފުލުހުން އެއްކުރި މައުލޫމާތުގެ އަލީގައި މި ދެ މީހުންނަކީ ވެސް ގޭންގްސްޓާ ލޯރެންސް ބިޝްނޯއީ އިސްވެ ހުންނަ ގޭންގާ ގުޅިފައިވާ ބައެއްކަން އެނގިފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ. ލޯރެންސް ބިޝްނޯއީގެ ފަރާތުން މީގެކުރިން ވެސް ސަލްމާން ޚާން އަށާއި އެކްޓަރުގެ އާއިލާއަށް ވަނީ މަރުގެ އިންޒާރުތައް ދީފައެވެ.

ސަލްމާން ޚާންގެ ގޭގެ ބޭރުގައި ފުލުހުން ހަރަކާތްތެރި ވަނީ އަދި ބަޑީގެ ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުންގެ ފޮޓޯ-- ފޮޓޯ/އިންޑިއާޓީވީ

މި ހަމަލާގެ އިތުރު ތަހުގީގުތަކަށް ހައްޔަރު ކުރި ދެ މީހުން މުމްބާއީއަށް ގެންދިޔަ މަންޒަރުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ދެ މީހުން ވެސް މުމްބާއީ ކޯޓަށް މިއަދުގެ ވަގުތެއްގައި ހާޒިރުކުރާނެއެވެ. މި ހަމަލާގެ ފަހަތުގައި ހުރީ ގޭންގްސްޓާ ލޯރެންސް ބިޝޯނީގެ ކޮއްކޮ އައްމޯލް ބިޝޯނީ ކަމަށާއި މިއީ އެ މީހުން ދެއްކި ކުޑަ ވަރެއްގެ ޓްރެއިލާއެއް ކަމަށް އައްމޯލް ބިޝޯނީ ވަނީ އޭނާގެ ފޭސްބުކް އެކައުންޓު މެދުވެރިކޮށް ބުނެފައެވެ.

ސަލްމާން ޚާން ކޮއްކޮ އަރުބާޒް ޚާންއާ އެކު-- ފޮޓޯ/އިންޑިއާޓީވީ

މިދިޔަ އާދީއްތަ ދުވަހު ސައިކަލެއްގައި ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ސަލްމާން ދިރިއުޅޭ އެޕާޓްމަންޓަށް ބަޑީގެ ހަމަލާ ދިން ވަގުތު ސަލްމާން އެކްޓަރުގެ މައިންބަފައިންނާ އެކު ހުރީ ގޭގައެވެ. މި ހާދިސާ އަކީ ޕަބްލިކް ސްޓަންޓެއް ކަމަށް ބުނެ ބައެއް މީޑިއާތަކުން ދޮގު ޚަބަރު ފަތުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ސަލްމާންގެ ކޮއްކޮ އަރުބާޒު ޚާން ވަނީ ރޭގެ ވަގުތެއްގައި ބަޔާނެއް ވެސް ނެރެފައެވެ. މި ހަމަލާއާ ގުޅިގެން ސަލްމާންގެ ފަރާތުން މިހާތަނަށް ރަސްމީ ސިފައެއްގައި އެއްވެސް ބަޔާނެއް އާއްމުކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް