ޑައިރެކްޓަރު އަލީ އައްބާސްގެ ހުށަހެޅުމެއް މި ތިން އެކްޓަރުންނަށް

ބޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ އާމިރު ޚާން، އަޖޭ ދޭވްގަން އަދި ޝާހްރުކް ޚާން--ޕިންކްވިލާ

މިދިޔަ ހަފުތާގެ ބުދަ ދުވަހު ސިނަމާތަކުގައި އެޅުވި ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ"ގެ ޑައިރެކްޓަރު ބޭނުންވަނީ މަޝްހޫރު ފިލްމީތަރިން ކަމަށްވާ ޝާހްރުކް ޚާން، އާމިރު ޚާން އަދި އަޖޭ ދޭވްގަންއާ އެކު ވަރުގަދަ އެކްޝަން ފިލްމުތައް އުފައްދަން ކަމަށް ބުނެފިއެވެ.

ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ"ގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު މީގެ ކުރިން ވަނީ ސަލްމާން ޚާނާ އެކު ފިލްމު "ޓައިގާ ޒިންދާހޭ"، "ސުލްތާން" އަދި "ބާރަތު" ފަދަ ފިލްމުތަކުގައި މަސައްކަތް ކޮށްފައެވެ. މި ފިލްމުތަކަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމުތަކެކެވެ.

އިންޑިއާގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި އައްބާސް ބުނީ ފިލްމު އިންޑަސްޓްރީގެ މަތީ ހަރުފަތުގައި ތިބި ހުރިހާ އެކްޓަރުންނާ އެކު މަސައްކަތް ކުރުމަކީ އޭނާގެ އުއްމީދެއް ކަމުގައެވެ. ނަމަވެސް އެ ލިސްޓުގެ އެންމެ ކުރީގައި ތިބި ތިން ތަރިންނަކީ ޝާހާއި އާމިރު އަދި އަޖޭ ދޭވްގަން ކަމަށް އައްބާސް ވަނީ މި އިންޓަވިއުގައި ބުނެފައެވެ.

ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު -- ފޮޓޯ/ޓެލެގްރާފްއިންޑިއާ
އެއިން ކޮންމެ އެކްޓަރަކަށް ވެސް ވަކި ހާއްސަ ސްކްރިޕްޓެއް ތައްޔާރުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި އެއީ އެކްޝަން ފިލްމަކަށްވާނެ ކަމާމެދު ޝައްކެއްނެތް ކަމަށް އަލީ އައްބާސް ވަނީ ބުނެފައެވެ.

ފިލްމު އިންޑަސްޓްރީގެ އެންމެ މަގުބޫލު ތިން ތަރިން ކަމަށްވާ ޝާހްރުކް ޚާން، އާމިރު ޚާން އަދި އަޖޭ ދޭވްގަން އަކީ ދިގު މުއްދަތަކަށް ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ތަޖުރިބާކާރު ތަރިންނަށްވުމުން އެ ތަރިންނާ އެކު މަސައްކަތްކޮށްލަން ލިބޭ ފުރުސަތަކީ ވަރަށް ތަފާތު ތަޖުރިބާއަކަށްވާނެ ކަމަށް ކާމިޔާބު ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ފިލްމު އުފެއްދުމުގެ އިތުރުން އަލީ އައްބާސް ވަނީ ޑިޖިޓަލް ދުނިޔެއަށް ވެސް ތައާރަފްވެފައެވެ. އެމޭޒަން ޕްރައިމްއަށް އޭނާ އުފައްދައިދިން ވެބް ސީރީސް "ތަންޑަވް"އަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބި އޭގެ ދެވަނަ ސީޒަންއަކަށް ބެލުންތެރިން އިންތިޒާރުކުރަމުން އަންނަ ވެބް ސީރީސްއެކެވެ.

ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ"ގެ އިތުރުން މިދިޔަ އަހަރު ޖިއޯ ސިނަމާއިން ޕްރިމިއަކުރި "ބްލަޑީ ޑެޑީ"އަކީ ވެސް އަލީ އައްބާސްގެ އުފެއްދުމެކެވެ.

comment ކޮމެންޓް