ޖުމްހޫރީ މައިދާނުގައި ފެންއަރުވާ ވަޑާން ނުވަތަ ޖުމްހޫރީ ފައްވާރާ މަރާމާތުކޮށް ނިންމުމަށް ފަހު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، ދިވެއްހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.
ޖުމްހޫރީ ފައްވާރާގެ މަސައްކަތަކީ އެމްޓީސީސީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ނުވަތަ އިޖުތިމާއީ ޒިންމާގެ ދަށުން ކުރި މަސައްކަތެކެވެ.
ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ފަރުމާކޮށް ފުރަތަމަ ހުޅުވީ 2015 ވަނަ އަހަރު ފާހަގަކުރި 'މިނިވަން 50' މުނާސަބަތާ ގުޅިގެންނެވެ. މިތަން ފަރުމާކުރީ އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މޭސްތިރިކަމުގެ ދަށުން، އެމްޓީސީސީންނެވެ. މި ބިނާ ފަރުމާ ކުރެވުނީ ރާއްޖޭގައި ކުރީ ޒަމާނުގެ ރަސްރަސްކަލުން ފެންވަރުމަށް ބޭނުންކުރާ ވެވު ރަމްޒެއް ކަމަށް ބަލައިގެންނެވެ. ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅިގެން ހުޅޫވި ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ފަރުމާކޮށްފައިވަނީ، މިނިވަންކަމުގެ ބަހާތައް ކަމުގައިވާ ގައުމީ އެއްބައިވަންތަކަމާއި އަމިއްލަވަންތަކަން ރަމްޒުކޮށްދޭ ގޮތަށެވެ.
މީގެ އިތުރުން މި މަސައްކަތް ފަރުމާކުރެވިފައިވަނީ އާންމުންގެ ސިއްހަތާއި ރައްކާތެރިކަމަށް ވެސް ރިއާޔަތްކޮށްގެންނެވެ. މިގޮތުން، މިތަނުގެ ފެން ފިލްޓަކުރާ ނިޒާމް ފަރުމާކޮށްފައިވަނީ ގިނަ އަދަދެއްގެ ކުޑަކުދިން ބޭނުންކުރާ ތަނަކަށް ވާތީއާއެކު ބަލިމަޑުކަމެއް ނުފެތުރޭނެ ގޮތަށް ސާފުކުރެވި ބަދަލުކުރެވޭނެ ގޮތަކަށެވެ.
ހަމައެހެންމެ، ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެނަމަ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުޅިން ފައްވާރުގެ ނިޒާމު އެއްކޮށް ނިވޭނެ ގޮތަށެވެ. ޖުމްހޫރީ ފައްވާރާ ފަރުމާކުރެވިފައިވަނީ ފެންއަރުވާ ގަޑީގައި މިއުޒިކްގެ އަޑުވެސް އިވޭ ގޮތަށެވެ. ނަމަވެސް، ރާއްޖޭގެ އެންމެ ބޮޑު މިސްކިތްހުރި ސަރަހައްދުކަމަށްވާތީ، މިއުޒިކް ޖަހާނީ ނަމާދު ގަޑިތަކާއި ދިމާނުވާނެހެން ބަލައިގެންނެވެ.
ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި މި ބިނާއޮތީ ވަރަށް ބޮޑަށް ވީރާނާވެ މަރާމާތަށް ބޭނުންވެފައެވެ. އެހެންކަމުން، ޖުމްހޫރީ ފައްވާރާ އަލުން ހުޅުވިފައި މިވަނީ، ގައުމިއްޔަތާއި އިސްލާމީ ޝިއާރު ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ޚާއްޞަ އިރުޝާދާ ގުޅިގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ އިސްނެގުމުގެ މަތިން އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމުމާ ގުޅިގެންނެވެ.
މި ފެންއަރުވާ ވަޑާމަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ހިތްހަމަޖެހުން ލިބޭނެހެން، އަދި ވަކިން ޚާއްޞަކޮށް ކުޑަކުދިންނަށް އަމާޒުކޮށްގެން މާލޭ ސިޓީގައި ހުޅުވިފައިވާ، މާލޭގެ މަލަމަތި ރީތިކޮށްދޭ ހިތްގައިމު ބިނާއެކެވެ. މި ބިނާ މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުވެގެން ދިޔަކަމީ މި ކުންފުންޏަށް ލިބުނު ވަރަަށް ބޮޑު ފަހުރަކާއި ޝަރަފެކެވެ. ސަބަބަކީ މި ޖުމްހޫރީ ފައްވާރާއަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާއި ގުޅިގެން އެކަން ރަމްޒުކޮށްދިނުމަށް މި ކުންފުނިންނ ހެދިފައިވާ މުހިންމު ބިނާއަކަށްވާތީއެވެ.
މުޖުތަމައުގެ ކަންކަމަށް ހިއްސާކުރުމުގެ ރޫހަކީ ކުންފުނި އުފެދުނީއްސުރެ އެމްޓީސީސީގެ ސަގާފަތުގައި ހިމެނޭ ކަމެކެވެ. ރައްޔިތުންގެ ކުންފުނި އެމްޓީސީސީއަކީ އެ ކުންފުނިން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާ ރަސްރަށުގައި އާއި އަދި އެ ނޫންވެސް އެކި ކަހަލަ އިޖުތިމާއީ ކަންކަމުގައި ވަރަށް ފުޅާ ދާއިރާއެއްގައި އިޖުތިމާއީ ޒިންމާ އަދާކުރަމުންދާ ކުންފުންޏެކެވެ.
މިހާރުވެސް، ރާއްޖޭގެ އުތުރާއި ދެކުނުގައި، ކުންފުނީގެ އިޖުތިމާއި ޒިންމާގެ ދަށުން، ތަފާތު މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. އެމްޓީސީސީގެ އުއްމީދަކީ މުޖުތަމައަށް ނަފާވާ މިފަދަ މަސައްކަތްތައް ކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ކުންފުނީގެ ނަން ތާރީޚުގައި ލިޔެވިގެން ދިޔުމެވެ.