ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންނަވަނީ

ރައީސް ޔާމީން ކެމްޕެއިން ހަރަކާތުގައި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބައިވެރިވެވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހުއްދަ ދީފައިވާ ކަމަށް، އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ ޔާމީން ސިޔާސީ ހަރަކާތަތްކުގައި ބައިވެރިވެވަޑައިގަތުމަކީ މަނާ ކަމެކެވެ.

އެހެންވެ، ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ މާދަމާ އޮންނަ ޖަލްސާގައި ޔާމީނަށް ބައިވެރިވުމުގެ ހުއްދަ ދިނުމަށް ކަރެކްޝަންސްގައި އެދިފައެވެ.

ކަރެކްޝަންސްއިން މިއަދު "ސަން"އަށް ބުނީ އެ ހުއްދައަށް އެދުމުން އެކަމަށް ޖަވާބެއް ދީފައިވާނެ ކަމަށާއި ނަމަވެސް އެ މުއާމަލާތާ ގުޅޭ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.

ކަރެކްޝަންސްއިން ހުއްދަ ދީފައިވާ ކަމަށް ޖަމީލް "ސަން"އަށް ވިދާޅުވި ނަމަވެސް އެ މަނިކުފާނު ވެސް އިތުރު ތަފުސީލެއް ނުދެއްވައެވެ.

ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ޑިސެމްބަރު 25، 2022ގައި ހުކުމްކުރީ، ފަތުރުވެރިކަމަށް އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދެ ދައުވާ ވެސް ސާބިތުވުމުންނެވެ.

ޖަލު ހުކުމާ ހެދި، އެ މަނިކުފާނު މީގެ ކުރިން އިސްކޮށް ހުންނެވި ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލުނެވެ. އެ މަނިކުފާނުގެ ބަަދަލުގައި އިންތިޚާބުގައި ވާދަކުރައްވައި ކާމިޔާބު ހޯއްދެވީ މިހާރު އެ ކޯލިޝަންގެ ލީޑަރު ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.

ރައީސް މުއިއްޒު އިންތިޚާބުވުމާއެކު ޔާމީން ގެކޮޅަށް ބަދަލުކުރެއްވިއެވެ. އަދި އެ މަނިކުފާނުގެ ހުކުމް ތަންފީޒުކުރުމުގައި ކަރެކްޝަންސްއިން ލުއިތަކެއް ދީފައިވާއިރު، ކަސްރަތު ކުރުމަށާއި ސިއްހީ ސަބަބުތަކަށާއި މުހިންމު ކަންކަމަށް މީހުންނާ ބައްދަލުކުރުމަށް އެ މަނިކުފާނަށް ހުއްދަ ދީފައިވެއެވެ.

އެހެންނަމަވެސް ޔާމީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާތީ އެމަނިކުފާނާއެކު ހަދާފައިވާ އިގުރާރު ބާތިލުކުރަން ޖެހިދާނެ ކަމުގެ އިންޒާރު ކަރެކްޝަންސްއިން ވަނީ މީގެ ކުރިން ދީފައެވެ.

އޭގެ ފަހުން ވެސް ޔާމީން ވަނީ ކެމްޕޭން ބައެއް ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްތާ މާގިނަ ދުވަހެއް ނުވެ ސަރުކާރު ކޯލިޝަނުން ވަކިވެވަޑައިގަތް ޔާމީން އުފައްދަވާ ޕީއެންއެފް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިދިޔަ އަހަރުގެ ނޮވެންބަރު 29ގައެވެ.

comment ކޮމެންޓް