"މަރުވުމުުން ތިބާގެ ރީތިކަން، މުދާވެރިކަން، ސިއްހަތް، ދަރިން، ގޯތިތަކާއި ގަނޑުވަރުތައް، ފިރިމީހާ/އަނބިމީހާ ފަދަ ހުރިހާ އުފަލަކާއި ވަކިވެގެން ހިނގައިދާނެއެވެ. ތިބާއާއެކު ވާނީ އެކަނި ދުނިޔޭގައިކޮށްފައިވާ ހެޔޮ އަމަލުތަކެވެ، މިއީ ވިސްނާ ފިކުރުކުރަން ޖެހޭ ހަގީގަތެވެ. ވީމާ ވީހާވެސް ގިނައިން އަޅުކަން ކުރުމުގައި ވަގުތު ހޭދަކުރާށެވެ."

***

"ކައިލް....." އަހެދް ހިތް ބުނަމުން ދިޔައީ ކައިލް އޭނައާއި ބައްދަލުވެ ވާހަކަ ދައްކަން ބޭނުންވަނީ ކަމަށެވެ. ކައިލް އާއި ގުޅުމެއް އޮތް ކަމަށް އަހެދް އެއްވެސް މީހަކަށް އަންގާކަށް ބޭނުންމެއްނުވެއެވެ. ނަމަވެސް ކައިލް ބުނަން ބޭނުންވާ ވާހަކަ އަޑުއެހުމަށް އަހެދް ބޭނުންވިއެވެ.

މުރުތަސިމް ވަރުބަލި ކަމާއެކު ކޮޓަރީގައި ޖައްސާލަން އައި ވަގުތު މެއިލް އިން ލިބިފައިހުރި ސިޓީތަކު ތެރޭގައި ވަކިން އޮތް ކަރުދާސްކޮޅުން ހިތް ހާސްކުރުވިއެވެ. އެލީޒީ އަނެއްކާ މިގެޔަށް އައީ ބާއެވެ. މުރުތަސިމްގެ އުފަންދުވަހެއްގައި އެލީޒި އެފަދަ ސަޕްރައިޒެއް ދީފައި ވުމުން ހީކުރެވުނީ އެއީ އެލީޒީގެ ލާނެތް އަމަލެއް ކަަމަށެވެ.

ގޭ ތެރޭގެ ހަލަބޮލި ކަމުގައި އެންމެން އަވަދިނެތި އުޅުމުން އަލްބާން އާއި ޖޫރީ ގެ ހަރަކާތްތަކަށް ފާރަވެރި ވާނެ މީހަކު ނެތެވެ. ގަސްތަކުގެ ތެރޭގައި ކުޑަ ފެހިކުލައިގެ ކެމެރާ އެއް ސެޓްކޮށްލަން އުޅުނީ މަންޒަރު ވީޑިއޯކޮށްލަން ފަސޭހަ އަކަށެވެ. މުރުތަސިމް އާއި އަހެދް ދިމާވުމަށް ބުނެފައިވަނީ ގްރީންހައުސް ތެރޭގައި ކަމުން އެތާގެ ދޮރު ކުރިމައްޗަށް ވާގޮތަށް ހެދިފައިވާ ބޮޑު ބޯގަންވިލާ ގަސްތެރޭ ކެމެރާ ހަރުކުރުމަށް އެކުދިން އުޅުނެވެ. ވީޑިޔޯ ކުރުމަކީ އާސީނާ އެކަމަށް ނުރުހުން ފާޅުކުރި ކަމެއް ކަމުގައި ވިޔަސް އަލްބާން އާއި ޖޫރީ އެ ޚިޔާލާއިގެން ކުރިޔަށް ދާން ނިންމިއެވެ. އަލްބާން އާއި ޖޫރީ ގޭތެރެއިން ގެއްލުމުން އާސީނާ އަށް އެމީހުން ކުރަން ދިޔައީ ކޮން ކަމެއްކަން ރަނގަޅަށް އެނގި އަވަހަށް ބަގީޗާ އަށް ދިޔައެވެ.

"އަލް....ތީތި ކަޑަ ވާނެ.....ސިމް އަށް އެނގިއްޖެއްޔާ ހަމަ ކާލާނެ....ޖޫ ވެސް" ގަހުގެ ތެރޭގައި ފިލައި ތިބިއެއް ކަމަކު އާސީނާ އަށް އެދެމީހުންގެ ފައި ފެނުނެވެ.

" އެކަމާ ހާސް ނުވެބަލަ.....މީތި ބަލާފަ ޑިލީޓް ކޮށްލާނީ އޭ....." އަލްބާން ހުރީ ދޫ ދޭ ގޮތެއްގައެއް ނޫނެވެ. ޖޫރީ ގެ މޫނު މަތީގައިވި އެއްޗެއް ބުނަން ފަސްޖެހެވޭ ކަހަލަ ގޮތެކެވެ. މުރުތަސިމް އަށް އެނގިއްޖެއްޔާ ގޯސް ވާނެ ކަން އެނގުނަސް ޖޫރީ އަށް ވެސް މުރުތަސިމް އާއި އަހެދް ގެ ދޭތެރޭގައި އޮތް ގުޅުން އެނގެން ބޭނުންވާލެއް ބޮޑުވިއެވެ.

" ތި ޕްލޭން ފަޅާއެރުމުން މަގޭ ނަން ނަމަ ނަމަ ނުކިޔާތި......ކައިލް އަށް އެނގިއްޖެއްޔާ ވެސް ވަރަށް ހިތްހަމަނުޖެހޭނެ...." އާސީނާ ވަރަށް ކަންބޮޑުވިއެވެ.

" މިތާ ކޮން ކުޑަ މަޖިލިހެއް މިއޮތީ؟" ކައިލްގެ އަޑުން އެންމެން ސިއްސުވާލިއެވެ. ކަޅު ޓީޝާޓަކާއި ޖީންސް އެއް ލައިގެން ހުރި އިރު މުރުތަސިމް އަޅާ ހެދުމާއި އެއްވައްްތަރު ގޮތެއް ހުރެއެވެ. އިސްކޮޅުވެސް އެއްވަރު ކަމުން ބައެއް ފަހަރު އައްޒަހްރާވެސް އޮޅޭގޮތްވެއެވެ. ޖޫރީ އަވަހަށް ފުންމައިގެން ގޮސް އެއްވެސް ކަމެއް ޖޫރީ ނުކުރާ ކަމަށް ބުނަމުން ދިޔައީ ވަގަކު ވައްކަމެއް ކޮށް ފަޅާއެރުމުން އަމަލުކުރާ ފަދައިންނެވެ. ޖުރީ ފުރަތަމަ ހީކުރީވެސް އެއީ މުރުތަސިމް ކަމުގައެވެ.

" އެ ތެދެއް ކަމެއް ނުވޭ....ކޮބާ ސޯފީ؟" އާސީނާގެ މޫނުމަތީވި ހާސްކަން ކައިލް އަކަށް ފޮރުވާނުލެވެއެވެ.

" ކޮބާ ހިނގާ ކޮފީ އަކަށް ދާން.....ކޮންމެވެސް ހީނާފަތެއް އަޅަން އަންހެންވެރިންތައް ނާންނަނީސް.." އަލްބާން ބޭނުންވީ އަވަހަށް އތަނުން ކައިލް ގޮވައިގެން ދެވޭތޯއެވެ. އިތުރު ސުވާލަކުން ކުރަން އުޅުނު ކަން ފަޅާއަރާފާނެތީއެވެ.

ހަތަރު ކަޅި ހަމަކުރަން އުނދަގޫ ވެފައި ހުރި އާސީނާ އަށް ކައިލް ބަލާލީ ޝައްކުން ފުރިފައިވާ ނަޒަރަކުންނެވެ. ނަމަވެސް އެ ހިނދުކޮޅުގައި ކަމެއް ކުރަނީ ތޯ އެހުމަށް ވުރެ ނޭހުން ރަނގަޅުވާނެ ކަމަށް ބަލައި އަލްބާން އާއި ދެމީހުން ހިނގައިގަތީ ބޭރަށް ދިޔުމަށެވެ. އެތަނުން ދިޔުމުގެ ކުރިން އާސީނާ ކައިރީ ސޯފީ އޮތި ނިދިފައި ކަމެއްވެސް ބުނެލީ ލުއި ހިނިތުންވުމަކާއެކީއެވެ.

" ކައި ދޮން އަށް ނޭނގޭނެ ދޯ....." އަލްބާން އާއި ކައިލް ދިޔުމުން ޖޫރީ އަހައލީ ވައި އަޑަކުންނެވެ.

" ޔަގީން ގެރެންޓީ އެނގޭނެ.....ޖޫ ގެ މޫނަށް ބަލާފަ ވެސް އެނގޭވަރުވޭ....." އާސީނާ ލޯ އަޅާލަމުން ޖޫރީ އަށް ބުނެލީ މަޖާގޮތަކަށެވެ.

"އަސްލުވެސް ނިޤާބް އަޅާންވީ...." ޖޫރީގެ ދޮން މޫނަށް ރަތުގެ ހުރިހާ ކުލައެއް ވެރިވެފައިވިއެވެ. އަދި އާސީނާ ފަހަތުން ދުވަމުން ކަހަލަ ގޮތަކަށް ގެއަށް ވަނުމަށް ދިޔައެވެ.

***

" ދެން ދައްތާ....ތި މީހުން ދައްކާ ކަހަލަ ވާހަކަތަ؟" އަހެދް އަށް އެއްޗެއް ނުބުނެވެނީސް އައްޒަހްރާ ޖަވާބު ދިނެވެ.

ވެލްވެޓް މޭނޝަންގެ ފެންޑާ ތައްޔާރުކޮށްފައިވަނީ ބަގީޗާއެއް ހެންނެވެ. ބޭނުންކޮށްފައިވަނީ ފިނިފެންމަލުގެ އެކި ކުލަ ތަކެވެ. ގޭތެރޭގެ ދޮރުފޮތިތައް ދަމާލާފައިވީ އިރު އޭގެ މަތީގައިވެސް ވަނީ ފިނިފެންމާތައް އެލުވާފައެވެ. ތަނބުތަކުގެ ވަށައިގެން މާތަށް އަމުނާފައިވިއެވެ. މުޅި ގެ އެއްވަސްކޮށްފައިވީ ފިނިފެންމަލުގެ ލުއި މީރު ވަހުންނެވެ. މި ހުރިހާ ތައްޔާރީތަކުގެ ޚިޔާލު ދިނުމުގައާއި އިތުރުމުގެ ކަންތަކުގައި އެހީތެރިވެދިނީ އަހެދް އެވެ. އަހެދް އަކީ ޑިޒައިންއާއި އިވެންޓް ތައްޔާރުކުރުމަށް ޝައުގު ހުރެ އެ ހުނަރުވެސް ލިބިފައިވާ ކުއްޖެކެވެ. އެހެންކަމުން މިކަހަލަ ފުރުސަތެއް ލިބުން ކުރާހިތުން ކުރެވޭ ކަމަކަށް މިކަންތައް ވެގެން ދިޔައެވެ.

" ތި މޫނު ނަގާލިޔަސް ރަނގަޅުވާނެ އޭ. ގޭގަ އެއްނު ތިހުރީ. މިތާނގަ ނެތޭ ހިލޭ ބައެއް...." މޭޒު މަތި މާކޯނިތަކުން ރީތި ކުރަމުން ދިޔަ އަހެދް އަށް ސިހުންގެނުވީ ސަކީނާ އަޑެވެ.

"ދައްތާ. ދެން ތި މީހުންނަ ދިމާލަށް ބުނާ ކަހަލަ އެއްޗެއްތަ؟" އައްޒަހްރާ އަވަހަށް އަހެދް ގެ ހިމާޔަތަށް އައެވެ.

" އެ އޯކޭ ވާނެ.....ޒަހްރާއްތަ....އަސްލު އަހެދް މޫނު އެޅީ ޑަސްޓް އެލާޖީ ވާތީވެ...ދެން މިހާރު އަސްލު މިކޮޅަށް އައި ފަހުން އެބައި ވަރަށް ބޮޑުތަން ރަނގަޅު...." ލަދުން ހުރެ ނަމަވެސް ސަކީނާ އަށް މޫނު ދައްކާލަން މޫނު ފޮތި ކޮޅު ނެގިއެވެ. އަދި ހިނިތުން ވެލައި ސަކީނާ އާއި ސަލާން ކޮށްލިއެވެ.

" މިހާރު އެއްޗެކޭ ކިޔާފަ ނިޤާބް ނެގޭތޯ ދޯ............" ސަކީނާ ވަރަށް ރާގުލާފައި ބުނެލީ ހެމުން ދިމާކުރާ ފާޑުގައެވެ. އައްޒަހްރާގެ އަލިފާނުގެ ނަޒަރުން ސަކީނާގެ ހުނުން މައިތިރިވިއެވެ. އަދި ސުފުރާ ތައްޔާރުކުރަމުުން ދިޔަ ބާބިލް ފެނުމުން ކާ އެއްޗިއްސާ ދިމާ އަށް ހިނގައިގަތެވެ.

ހުއްޓުން އަރާފައި އަހެދް އަށް ހުރެވުނީ ހިތުގައި އޮތް ގޮތް ސަކީނާ ބޭޒާރުކޮށްލުމުންނެވެ. ނަމަވެސް އައްޒަހްރާ ހިތްހެޔޮކަަމާއެކު ބުރަކަށީ ފިރުމާލަމުން ބުނެލީ އެއީ އެއްވެސް މައްސަލއެއް ނޫން ކަމަށެވެ. އަދި ނިގާބް އެޅުމާއި ނޭޅުމަކީ އަހެދް ގެ އަމިއްލަ ކަމެއް ކަމުގައެވެ. ނަމަވެސް ނިޤާބް އެޅުމުން އަހެދް ގެ ރީތިކަން އިތުރުވާކަމަށް ވެސް ފާހަަގަ ކޮށްލިއެވެ. ސަކީނާ އެފަދަ ގޮތަކަށް ބުނެލުމުން އަހެދް އަށް ނިޤާބް އަޅައިގެން އުޅުމަށް މަޖުބޫރުވިއެވެ.އައްޒަހްރާ އަދި އެހެން ބުންޏަސް އޭނައަށް ހީވާނީ ނުބައިކޮށް ކަމަށް ހިތް ބުނަމުން ދިޔައެވެ.

***

އަލީޒީ އަށް ގުޅޭތޯ މުރުތަސިމް ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެއްވެސް ގޮތަކަށް ފޯނުން ގުޅޭނޭ ގޮތެއް ނުވިއެވެ. ގަބޫލުކުރެވެނީ އެލީޒީ ބޭނުންވަނީ ދިމާ ވެގެން ވާހަކަ ދައްކަން ކަމުގައެވެ. ނަމަވެސް ކުށްވެރިކުރެވެމުން ދިޔަ ނަފްސު އެލީޒީ ކުރިމަތީގައި ލަދުގަންނާނެ ކަން އެނގެއެވެ. ދިމާވެގެން ވާހަކަ ދެއްކުމަށް ވުރެ ނުފެނި ދައްކާނެ ވާހަކެއް ނިންމާލުން މާ ފަސޭހަ ވާނެއެވެ. ނަމަވެސް ހިތް ބުނަމުން ދިޔައީ މިހާ ދުވަސް ވީ އިރު އެލީޒީއަށް އެ ފުރުސަތު އެގޮތުގައި ދިނުން ޙައްޤު ކަމުގައެވެ.

އަތުކުރީ ގަޑިޔަށް ބަލައިލެވޭ ކޮންމެ ފަހަރަކު ހިތް ބާރަށް ތެޅޭމުން ދިޔައެވެެ.ހާސްވެ ފިނިވާންފެށީ މީހަކަށް ފެނިދާނެތީއެވެ. ނަމަވެސް ގްރީންހައުސް އަކީ ބަގީޗާގެ ވެސް އެންމެ ކަހެރި ހިސާބު ކަމުން ފެނުމުގެ ފުރުސަތު ކުޑަވެސް ވާނެއެވެ.

***

އަހެދް ވެސް ގަޑި ބަލާލުމަށް ފަހު ކައިލް އާއި ދިމާކުރަން ގަޑި ކިޔާފައި ވުމުން އަވަހަށް ތައްޔާރުވެލަން ދެވުނެވެ. ދުރުގައި ކާން އިން ސަކީނާ އަށް އަހެދް ގެ އުޅުމުގައި ސިއްރުވެރިގޮތެއް ހުރިކަން ފާހަނގަ ވިއެވެ. އަދި ބަލައިލެވެނީ ވެސް ލޯ ހިމަ ކޮށްލައިގެން ޝައްކުގެ ނަޒަރުންނެވެ.

ސަހަރް އާއި މައިރާ ގެއަށް ވަދެގެން އައީ މާހްޒަބީން އާއި އެކުއެވެ. ގޭތެރެ ރީތިކޮށްފައި ހުރިލެއް ފުރިހަމަ ކަން ފެނި ސަހަރް ގެ ލޯ އުޖާލާވިއެވެ. އަދި މައިރާ ލަދުން ހުރުމުން އޭނާގެ މަންމަގެ އަތަތް ފިތާލެވުނީ ވެފައި ހުރި އުފަލުންނެވެ. ސެހެރް ގެ އަޑު އިވުމާއެކު އައްޒަހްރާ ހަލުވި ފިޔަވަޅުތަކުގައި އެދިމާއަށް ހިނގައިގަތެވެ.

" ކަނބުލޮ މިގެއަށް އާދެވުނީ ދޯ......ހިތަށް އަރާ ހަމަ މިއަދުން މިއަދަށް މިކަން ނިމޭނޭ ނަމައޭ...." އައްޒަހްރާގެ ހިތުގައިވީ އުފާ ބަންޑުންކޮށްލެވުނީ އެހާ ގާތް ކަމާއެކުއެވެ.

" ސުބްޙާނައްﷲ . މިހާ ތައްޔާރީ ކޮށްފަ މިއޮތީ ހެންވީމަތާ ދޯ...." ސަހަރްވެސް އެއްބަސްވެލިއެވެ.

ކެއުމާއިގެން އަވަދިނެތި ހުރި ސަކީނާއަށް މި އަޑުތައް އިވުމާއެކު އަވަހަކަށް ފުންމައިގެން ތެދުވާން އުޅުމުން އަނެއްކާވެސް ގޮނޑީގައި ތާށިވިއެވެ. ބާބިލް ފެނުމުން ބާބިލް އެހީ އަށް އެދުނެވެ.

ސަކީނާ ތެދުވާން އުޅުގެ ތެރޭފައި ބާބިލްގެ އަތުގައި ހިފާ ބާރުކޮށްލެވުނުއިރު އެ އަތުގައި ހުރި ޒަޚަމެއް ނުފެނެއެވެ. ބާބިލްގެ އަތަށް ތަދުވުމުން ކުޑަކޮށް އަޑެއް ވެސް ލައްވާލެވުނެވެ.

"ހޫން.....ތީ ހިމަ އިލޮށްޓެއްނު. ފިރިމީހާ ކާން ނުދެނީތަ ރަނގަޅަށް....." ސަޚިނާ ވަރަށް ފޫހި ކަމާއެކު ބުނެލިގޮތުން ބާބިލްގެ ހިތް ފަޅައިގެން ދާހާ ވަރުވިއެވެ.

ސަކީނާ އަށް ގޮނޑިން ތެދުވެވުމުން ބާބިލް އެއްވެސް އެއްޗެއް ނުބުނެ ބޭރަށް ދާން ހިނގައިގަތެވެ. އަތުން އޮހެމުން ދިޔަ ލޭ ތިކިތަށް ނުފެނުނީ ކަރުނުން ލޯ ފުރިފައި ވުމުންނެވެ. ބާބިލް ދުވެފައި ދާ ކަހަލަ ގޮތަކަށް ލޯ ފޮހެމުން ނިކުތީ ބަދިގެ ފަރާތު ދޮރުން ބަގީޗާ ތެރެއަށެވެ. ގްރީންހައުސް ވެސް ހުންނަނީ އެ ފަރާތުގައި ކަމުން އެތާ ތެރެއަށް ވަދެ ހިތް ފުރެންދެން ރޯލެވުނެވެ. ގްރީންހައުސް އަކީ ބާބިލް އަށް ޚާއްސަކޮށް އައްޒަހްރާ ހަދައިދީފައިވާ ތަނެކެވެ. ތަރުކާރީ އާއި މޭވާ ހެއްދުމަކީ ބާބިލް ވަރަށް ގަޔާ ވާކަމެކެވެ. އެ ތަނަކީ ބާބިލް ގެ ހުރިހާ އުދާސްތަކެއް ބޭރުކޮށްލެވޭ އެއް ތަނެވެ. ފޯނުން ގަޑި ބަލައިލާފައި ބާބިލް އަވަސް އަވަހަށް އަތުގައިވި ޒަޚަމްތަށް އެތާހުރި އިސްކުރުން ދޮވެލިއެވެ. ނިމިގެން ހިން ދެމިލިތަނާ މީހަކު އަނގަމަތީ އަތް އެޅި އެވެ. އެއީ ބާބިލް ގެ ފިރިމީހާ ގެ ބާރުގަދަ ދެއަތެވެ.

"ހީކުރީތަ މަ ނާންނާނެ ކަމަށް......މިއަދަށް ވާ ރުފިޔާ ހަމަ މިހާރު ދީ....." ލޯކަން ގެ ނުލަފާ އަޑުން އަމުރުކުރިއެވެ.

"ލޯކަން. ރުފިޔާ ދޭނަމޭ....ހިނގާބަލަ އެކޮޅަށް...." ބާބިލް ހިންދިރުވައިލިއެވެ. ބިރުންގޮސް އޭނަ އަވަދިވާވަރުވިއެވެ. އޭނަ ބޭނުންވީ އަވަހށް އެތަނުން ދެވޭތޯ އެވެ. މުރުތަސިމް އާއި އަހެދް ދިމާ ވާން ހަމޖެހިފައިވާ ތަން ކަމާއި އަދި ގަޑި ކައިރިވާތީއެވެ.

ލޯކަންއަށް އާދޭސްކޮށްގެން އެތަނުން ދުރަށް ގެންދެވުނީ ކިރިޔާއެވެ. އޭނަ ބަދިގެއަށް ވަނީ ބާބިލްގެ ފަހަތުންނެވެ.ްް ބާބިލް ގެ ނަސީބެވެ. ސިކުންތެއް ލަސްވި ނަމަވެސް މުރުތަސިްމ އަށް އެ މަންޒަރު ފެންނާނެއެވެ.

***

އަހެދްގެ ކަޅިރަވަ އިތުރަށް ތޫނު ކޮށްލުމަށް އަނދުން އަޅަމުން ދިޔައެވެ. ލައިގެން ހުރީ މަޑު ފެހި ކުލަިއގެ އަބާޔާ ސެޓެކެވެ. އެއީ މިއަދު ބާއްވާ ހަފްލާ އާއި ގުޅޭ ގޮތަށެވެ. ކައިލް އާއި ދިމާވުމަށް އެހާ ޝައުގެއް ނެތަސް ދައްކާ ވާހަކއެއް ބަލަން ބޭނުންވާތީ ދަނީ ކަމަށް އަހެދް އަމިއްލަ ނަފަސަށް އަންގާލިއެވެ. އެހާ ޒީނަތްތެރިވެގެން ކައިލް އާއި ދިމާ ވުމަށް ދެވެނީ ކަމަށް އަމިއްލަ ނަފްސަށް ހީކުރެވުނީއެވެ. ނަމަވެސް ހަގީގަތަކީ އަހެދް ދުވަހަކުވެސް ކައިލް ދެކެ ލޯބިވެފައި ނުވުމެވެ. އަހެދް ގެ ހިތުގައި އެއްވެސް ފިރިހެނަކަށް އެއްވެސް ގޮތެއްގައި އެކަހަލަ ޖާގައެއް ދެވިފައި ނުވެއެވެ.

ކައިލް އާއި ގުޅުމަށް އޭރު ބޭނުންވީ އަހެދް އުޅެމުން އައި މާހައުލުން ބޭރުވުމަށެވެ. ކައިލް ނޫން އެހެން މީހަކު ކައިވެންޏަކަށް އެދިގެން އައި ނަމަވެސް އޭރުގެ ހާލަތުން ނަމަ ކަންތައް ކުރީހީ އެހެންނެވެ.

ގަޔަށް ސެންޓު ޖަހާލުމަށްފަހު މޫނު ފޮތިކޮޅު އަޅާލީ ލޯ ހާމަަޔަށް ފެންނަ ހެންނެވެ. އަހެދް ގެ ރީތި ކަން އިތުރަށް ފާޅުކުރުވާނީ އެފަދަ ގޮތަކަށް ހުރުމުުންނެވެ. ބަލައިލާ ކޮންމެ މީހަކުވެސް އިތުރަށް އެ މޫނުގެ ރީތިކަން ދެކިލަން ޝައުގުވެރިވާނެ ފަދައެވެ.

އަހެދް އަވަސް ހިނގުމެއްގައި ދިޔައީ ބަގީޗާ ތެރެއަށެވެ. ގެ ކައިރީ އަވަށްޓެރިންނާއި މީހުން އައިސްފައި ތިބިމުން އަހެދް ނިކުމެގެން ދިޔަ ވަގުތު އެއްވެސް މީހެއްގެ ލޮލުގައި އަޅައިނުގަނެއެވެ. ސަކީނާ ފިޔަވައެވެ.

ސަކީނާ ވެސް ކުދި ފިޔަވަޅުތަކުގައި އަހެދްގެ ފަހަތުން ނިކުތެވެ.

"ކައި.....ކައިލް..." އިންތިޒާރުގައި ހުރީ މުރުތަސިމް ކަމެއް ނޭނގި އަހެދް އަށް ގޮވާލެވުނެވެ. މުރުތަސިްމ ހުރީވެސް އަނެއް ފަރާތަށް މޫނު އަނބުރާލައިގެން ކަމުން އަހެދް ގެ އަޑަށް އެނބުރުނެވެ.

އަހެދް ގެ ޖާދުވީ ލޮަލަށް ބެލުނު ހިނދުން މުރުތަސިމް ގެ ހިތުގެ ހިނގުން ވެސް މަޑުޖެހިލިއެވެ. އެލީޒީ އަންނަންދެން ކަމަށް ހީކޮށް ހުރެވުނު ހަނދާންވެސް ހިނދުކޮޅަށް ގެއްލުނެވެ.

" އަ...ޕައިލެޓް....." އަހެދް އަށް މުރުތަސިމް ގެ ނަން ހަނދާން ނެތި އަވަހަށް ބުނެވުނެވެ. ކައިލް އަށް ގޮވާލި އަޑު އިވިދާނެތީ އޭނަ ހާސްވިއެވެ. ނަމަވެސް މުރުތަސިމް އަކަށް އެކަންރޭކާވެސް ނުލިއެވެ. ގެއްލިފައި ހުރެވުނީ އަހެދް އަށެވެ. އެ ރީތި ކަމަށެވެ.

" ސިމް...." އަހެދް އެގޮތަށް ގޮވާލަމުން ހެވުނު ނަމަވެސް މުރުތަސިމް އަވަހަށް ތައާރަފް ވެލަން ސަލާމުގެ އަތް ދިއްކޮށްލެވުނީ ބޭއިހްތިޔާރުގައެވެ.

އަހެދް ވެސް ލަދު ރަކި ކަމާއެކު ސަލާމް ކޮށްލަމުން މުރުތަސިމް އަށް ބަލައިލިއެވެ. އެވަގުތު މުރުތަސިމް ގެ އަތަށް ފިނިވެގެންދިޔުމާއެކު ހަނދާނަށް ގެނެވުނީ އަލީޒީއެވެ.

" ބަގީޗާ ބަލާލަނީތަ؟ކިހިނެއްވީ ބޭރަށް އައީ.....ހީނާފަތް ނާޅަނީތަ؟" ވަރަށް ހާސްކަމާއެކު ހުރިހާ ސުވާލުތަކެއް ކޮށްލެވުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު