ސަލްމާން ބުނީ އަކްޝޭއާއި ޓައިގާގެ ފިލްމު ސުޕަ ހިޓަކަށްވާނެ ކަމަށް

ކުރިޔަށް އޮތް އޭޕްރިލް މަހުގެ 10ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ" ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ސަލްމާން ޚާން ބުނެފިއެވެ.

މި ފިލްމަކީ، ސަލްމާން ޚާން ލީޑް ރޯލް ކުޅެ، ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ސުލްތާން"، "ބާރަތު" އަދި "ޓައިގާ ޒިންދާހޭ"ގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ ފިލްމެކެވެ.

ބެލުންތެރިންނަށް ފިލްމުގެ ޓްރެއިލާ ދައްކާލާފައިވާއިރު މިއީ އަކްޝޭ ކުމާރު އަދި ޓައިގާ ޝްރޮފް ލީޑް ރޯލުން އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ. ޖެކީ ބަގްނާނީ ޕްރޮޑިއުސްކޮށް އަމިއްލަ ކުންފުނި ޕޫޖާ އެންޓަޓެއިންމަންޓްއިން ގެނެސްދޭ މި ފިލްމަކީ، 1998ވަނަ އަހަރު ހަމަ އެ ނަމުގައި ގެނެސްދިން ފިލްމުގެ ސީކުއަލްއެކެވެ. ޑޭވިޑް ދަވަން ޑައިރެކްޓުކުރި އެ ފިލްމަކީ، އެކްޝަން ކޮމެޑީ ފިލްމެއް ނަމަވެސް އޭޕްރިލް މަހުގެ 10ގައި ރިލީޒްކުރާ ފިލްމަކީ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ.

ޓައިގާ ޝްރޮފް އަދި އަކްޝޭ ކުމާރު ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ"ގެ މަންޒަރެއްގައި-- ފޮޓޯ/ގަލްފްނިއުސް

އަކްޝޭ ކުމާރު، ޓައިގާ ޝްރޮފްގެ އިތުރުން ފިލްމުގައި ބަތަލާއިންގެ ރޯލް ކުޅޭ ތަރިންނަކީ މަނޫޝީ ޗިލަ އަދި އަލާޔާ އެފްއެވެ. މީގެ އިތުރުން، ބަތަލާ ސޮނާކްޝީ ސިންހާ، ސައުތު އެކްޓަރު ޕްރިތުވީ ރާޖު ސުކުރަމަން އަދި ރޮނިތު ރޯއި މުހިއްމު ރޯލްތަކުން ފެންނާނެއެވެ.

ފިލްމުގެ ޓްރެއިލާ ބެލުމަށް ފަހު ސަލްމާން ޚާން ވަނީ ފިލްމުގެ ޓްރެއިލާ ވަރަށް ކަމުދިޔަ ކަމަށާއި ސަލްމާންގެ ފިލްމު "ސުލްތާނު" އަދި "ޓައިގާ ޒިންދާހޭ"ގެ ރިކޯޑު މި ފިލްމުން މުގުރާލަންވާނެ ކަމަށް ބުނެފައެވެ.

މި ފިލްމު ރިލީޒްކުރާ ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށްވުމާއެކު ސަޕޯޓަރުންގެ ފަރާތުން ދެވޭ ތަރުހީބަކީ އެ ޤައުމަށް ދެވޭނެ އެންމެ ރަނގަޅު އީދު ހަދިޔާކަމަށް ސަލްމާން ވަނީ ބުނެފައެވެ.

comment ކޮމެންޓް