ބީޖޭޕީގެ ޓިކެޓުގައި ކަންގަނާ މަޖިލީހަށް

އިންޑިއާގައި އަންނަ މަހު ބާއްވާ އާއްމު އިންތިޚާބުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއަށް ވާދަކުރަން ނިންމާފައިވާކަން ބަތަލާ ކަންގަނާ ރަނާވަތު އިއުލާނުކޮށްފިއެވެ.

ކަންގަނާއަށް ވެރިކަންކުރާ ބީޖޭޕީން ޓިކެޓު ދީފައިވާއިރު އޭނާ ވާދަކުރަން ނިންމާފައިވަނީ އުފަން ސްޓޭޓް ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާގެ ގޮނޑިއަށެވެ. ކަންގަނާއާ އެކު މަންޑީ ދާއިރާގެ ގޮނޑިއަށް ދެން ވާދަކުރަނީ މުނިފޫހިފިލުވުމުގެ ދާއިރާގައި މަޝްހޫރު މީހެއް ކަމަށްވާ އަރުން ގޮވިލްއެވެ.

މަޝްހޫރު ގިނަ ފިލްމުތައް ކުޅެ ޤައުމީ އެވޯޑް ހަތަރު ފަހަރު މަތިން ކާމިޔާބުކޮށްފައިވާ ބަތަލާ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާއަށް ވާދަކުރާނެކަން އިއުލާނުކޮށްފައިވަނީ ވަރަށް އަވަހަށް ސިޔާސީ ދާއިރާއިން ފެނިދާނެކަމުގެ އިޝާރާތެއް ތަންކޮޅެއް ކުރިން ކޮށްފައި ވަނިކޮށެވެ. ކަންގަނާއަކީ އިންޑިއާގެ މިޙާރުގެ ވެރިކަން ކުރާ ސަރުކާރަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަރަށް ބޮޑަށް ތާއީދުކުރާ ތަރިއެކެވެ.

ކަންގަނާ ފާހަގަ ކުރެވެނީ މުސްލިމުންދާ ދެކޮޅު، ހަރުކަށި ހިންދޫންގެ ފިކުރަށް ވެސް ވަރަށް ބޮޑަށް ތާއިދުކުރާ ފިލްމީ ތަރިއެއްގެ ގޮތުގައެވެ.

ކަންގަނާ ރަނާއަތު ފިލްމު "ކުއީން"ގެ މަންޒަރެއްގައި -- ފޮޓޯ/ކޮއިމޮއިނިއުސް
ބީޖޭޕީން ކަންގަނާއަށް ޓިކެޓް ދީފައިވާކަން އިއުލާނުކޮށް އެ ޕާޓީން ބަތަލާއަށް ދެމުން އަންނަ އެއްބާރުލުމަށް ކަންގަނާ ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި، އަމިއްލަ އުފަން ސްޓޭޓަށް ޚިދުމަތް ކުރުމުގައި އޭނާ އަބަދު ވެސް ދެމިހުންނާނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ކަންގަނާއާ އެކު އެ ދާއިރާއަށް ކުރިމަތިލާ ދެވަނަ ކެންޑިޑޭޓަކީ 2021 ވަނަ އަހަރުން ފެށިގެން ބީޖޭޕީގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރާ ފަންނާނެކެވެ.

މިދިޔަ އަހަރު ތިން ފިލްމަކުން ބެލުންތެރިންނަށް ފެނުނު ބަތަލާގެ ފިލްމަކަށް އެންމެ އަވަހަށް ރިލީޒްކުރަން ތާވަލުކުރެވިފައިވަނީ މި އަހަރުގެ ޖޫން މަހުގެ 14ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "އިމަޖެންސީ"އެވެ.

comment ކޮމެންޓް