އިނގިރޭސި އަމީރާ ކޭޓް ވެސް ކެންސަރަށް ފަރުވާ ހޯދަނީ

އިނގިރޭސި އަމީރާ ކެތްރީން އެލިޒަބަތް މިޑްލްޓަން، ކޭޓް. ފޮޓޯ/ބީބީސީ

އިނގިރޭސިވިލާތުގެ ވަލީއަހުދު ވިލިއަމްގެ އަންހެނުން ކެތުރީން އެލިޒަބަތު މިޑްލްޓަން (ކޭޓް) ވެސް ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ކަމަށް ބީބީސީން ރިޕޯޓުކޮށްފިއެވެ.

ކޭޓް ކެންސަރަށް ފަރުވާ ހޯދާކަން ރިޕޯޓުކޮށްފައި ވަނީ އިނގިރޭސި ރަސްގެފާނު ޗާލްސް ވެސް ކެންސަރަށް ފަރުވާ ހޯއްދަވާކަން އިއުލާނުކުރައްވައިފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ވީޑިއޯ މެދުވެރިކޮށް ކޭޓް ދިން ބަޔާނެއްގައި ބުނީ ކެންސަރު ޖެހިފައިވާކަން އެނގުމުން ބޮޑު ޝޮކަކަށް ދިޔަކަމަށެވެ. ނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށާއި ކޮންމެ ދުވަހަކު ވެސް އިތުރު ހިތްވަރެއްލައިފައި ކުރިއަށްދާ ކަމަށް ކޭޓް ބުންޏެވެ.

ކޭޓް ފަރުވާ ހޯއްދަވަމުން އަންނަނީ ކޮން ކަހަލަ ކެންސަރަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ފުރަތަމަ ޖެނުއަރީ މަހު ބަނޑުގެ އޮޕަރޭޝަން ކުރިއިރު، ހަށިގަނޑުގައި ކެންސަރު ހުރިކަން ނޭނގޭ ކަމަށް ކޭޓް ބުންޏެވެ.

ނަމަވެސް އޮޕަރޭޝަނަށް ފަހު ހެދި ޓެސްޓްތަކުން ކެންސަރު ހުރިކަން އެނގުމުން ކީމޯތެރަޕީގެ ފަށަން އޭނާގެ މެޑިކަލް ޓީމުން ލަފާދިނުމުން ކީމޯ ނަގައި، މިހާރު ކުރިއަށްދަނީ ފަރުވޭ އެންމެ ކުރީކޮޅުކަމަށް ވެސް ކޭޓް ވަނީ ބުނެފައެވެ.

އޭނާގެ އާއިލާއަށް މިހާރު ބޭނުންވަނީ އެހެންމީހުންނާ އެކަހެރި އަމިއްލަ ވަގުތުކޮޅެއް ކަމަށް ވެސް ކޭޓް ބުންޏެވެ. އަދި ދުވަސްކޮޅަކަށް ޝާހީ ގަނޑުވަރުގެ ބައެއް މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން ކޭޓް ދުރަށްޖެހިވަޑައިގެންނަވާނެއެވެ.

ޖެނުއަރީ މަހު އޮޕަރޭޝަން ކުރި ފަހުން ކޭޓްގެ ސިއްހާ ގުޅިގެން އެކި ކަހަލަ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. ފަހަކަށް އައިސް ރަސްމީ އެއްވެސް ހަރަކާތެއްގައި ކޭޓް ބައިވެރިވެފައެއްނުވެއެވެ.

އިނގިރޭސި ރަސްގެފާނު ޗާލްސްއަށް ކެންސަރު ޖެހިވަޑައިގެންފައިވާކަން އެނގުނީ މިދިޔަ މަހު ޕްރޮސްޓޭޓް ދުޅަވެގެން ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އެއާއެކު، ޗާލްސް ވަނީ ޝާހީ ގަނޑުވަރުގެ ބައެއް މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން ދުރުވެވަޑައިގެންފައެވެ.

comment ކޮމެންޓް