މިދިޔަ މަހު އިމްޕޯޓު އިތުރު، ދައުލަތަށް ލިބުނު އާމްދަނީ ދަށަށް

ކަސްޓަމްސް ސަރަހައްދު --- ސަން ފޮޓޯ/ޖަޒްލާން މުހައްމަދު

މިދިޔަ ފެބްރުއަރީމަހު ރާއްޖެއަށް އިމްޕޯޓު ކޮށްފައިވާ މުދަލުގެ އަގު މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅައި ބަލާއިރު އިތުރުވެ ދައުލަތަށް ލިބުނު އާމްދަނީ ދަށަށް ގޮސްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްއިން ބުނީ މިދިޔަ މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓު ކޮށްފައިވާއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެ އެތެރެކޮށްފައިވަނީ 4.2 ބިލިއަން ރުފިޔާގެ މުދާ ކަމަށެވެ.

އެހެން ނަމަވެސް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅައި ބަލާއިރު މިއަހަރު 30 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 297 މިލިއަން ރުފިޔާ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބފައިވާއިރު، މި އަހަރު ލިބުނީ 208 މިލިއަނެވެ.

ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރި މުދަލުގެ އަގު ވެސްވަނީ 18 އިންސައްތަ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި 232 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު، މި އަހަރު ލިބިފައިވަނީ 191 މިލިއަން ރުފިޔާއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު އެންމެ ގިނައިން ރާއްޖެއަށް މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ، ޔޫއޭއީ، ޗައިނާ އަދި ސިންގަޕޫރުންނެވެ. އެއީ:

  • އޮމާންއިން 657 މިލިއަން ރުފިޔާގެ މުދާ
  • އިންޑިއާއިން 606 މިލިއަން ރުފިޔާގެ މުދާ
  • އަދި ޔޫއޭއީއިން 579 މިލިއަން ރުފިޔާގެ މުދާ
  • ޗައިނާއިން 578 މިލިއަން ރުފިޔާގެ މުދާ
  • ސިންގަޕޫރުން 403 މިލިއަން ރުފިޔާގެ މުދާ

އަގުގެެ ގޮތުން ބަލާއިރު މިދިޔަ މަހު އެންމެ ގިނައިން އެކްސްޕޯޓު ކޮށްފައި ވަނީ ތައިލޭންޑަށެވެ.

މިދިޔަ މަހު ރާއްޖެއަށް ރޯޔަލްޓީގެ ގޮތުގައި ލިބިފައިވާ އަމްދަނީ އަކީ 1.02 މިލިއަން ރުފިޔާއެވެ.

comment ކޮމެންޓް