މާފުށީގައި މިއަދު ދެ މާރާމާރީއެއް، ދެ މީހަކު ހައްޔަރުކޮށްފި

ކ.މާފުށި --- ސަން ފޮޓޯ / މުހައްމަދު މުޒައްޔިން ނާޒިމް

ކ.މާފުށީގައި މިއަދު ދެ މާރާމާރީއެއް ހިންގައި، އެކަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން މާފުށީގައި ހިނގި މާރާމާރީއެއްގައި ޒަޚަމްވި މީހަކަށް އެ ރަށު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ފަތިހު 05:30 ހާއިރު ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވެފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް މިހާރު ޓުރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މާފުށީގައި މިއަދު އިތުރު މާރާމާރީއަކާ ގުޅިގެން ދިވެހި ދެ ފިރިހުނުން ހައްޔަރުކޮށްފައިވާކަމަށާއި އެ ދެ މީހުންނަކީ ވެސް ފަތިހު ހިންގި މާރާމާރީގައި ބައިވެރިވި ބައެއްކަމަށް ފުލުހުން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މާފުއްޓަކީ ދިވެހިންނާއި ބޭރު މީހުން ވެސް ހަފުތާ ބަންދަށާއި ޗުއްޓީއަށް އާންމު ގޮސް އުޅޭ ރަށެކެވެ.

comment ކޮމެންޓް