މާލޭގައި ސާފުތާހިރުކަން ކުޑަ ތަންތަނުގައި ކާބޯތަކެތި އުފައްދާ އެތައް ތަނެއް

ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުގެ ތެރެއިން ބެލި ބައެއް ތަންތަން: ފޮޓޯ/ ސިޓީ ކައުންސިލް

މާލޭގައި ސާފުތާހިރުކަން ކުޑަ ތަންތަނުގައި ކާބޯތަކެތި އުފައްދާ ތަންތަނާއި، ހުއްދަ ނެގުމަކާ ނުލައި ބިދޭސީން ހިންގާ ވިޔަފާރިކުރާ ގިނަ ކެފޭ ހޮޓާތަކެއް މާލޭގައި އެބަހުރިކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

މިދިޔަ މަހު 18 އިން އިއްޔެގެ ނިޔަލަށް މާލޭ ސިޓީ ކައުންސިލާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުރިއަށް ގެންދިޔަ މި އިންސްޕެކްޝަނުގައި މާލެ، ހުޅުމާލެ، ވިލިމާލެ، ހުޅުލެ، ތިލަފުށި، ގުޅީފަޅު އަދި ކްރޮސްރޯޑުގައި ހުރި ކާބޯތަކެތި ހަދާ ތަންތަން ވަނީ ބަލައިފާސްކޮށްފައެވެ.

މި ބަލައިފާސްކުރުމުގެ ޕްރޮގްރާމުގެ ތެރެެއިން ފާހަގަވީ ކަންކަން ހިއްސާކޮށް ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައިވަނީ މާލޭގައި ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ގިނަ ކެފޭ ހޮޓާތަކެއް ފާހަގަވެފައިވާކަމަށް ބުނެފައެވެ.

ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުގެ ތެރެއިން ބެލި ބައެއް ތަންތަން: ފޮޓޯ/ ސިޓީ ކައުންސިލް

މީގެ އިިތުރުން އެއްވެސް ހުއްދައެއް ނެގުމަކާ ނުލައި، ބިދޭސީން ހިންގާ ތަންތަން ވެސް ހޯދިފައިވާކަމަށް އެ ބަޔާނުގައިވެއެވެ. އެ ތަންތަނުގެ މައުލޫމާތު ވެސް މި އޮޕަރޭޝަނުގެ ތެެރެއިން ނަގައިފައިވާކަމަށާއި އެ ފަދަ ތަންތަނާމެދު އެޗްޕީއޭއިން ފިޔަވަޅު އަޅާނެކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

މީގެ ކުރިން ވެސް ކާބޯތަކެތި އުފެއްދުމުގައި ސާފުތާހިރުކަން ކުޑަވުމުގެ މައްސަލަތަކެއް ފާހަގަވެފައިވެއެވެ. ގިނަ ފަހަރު މިފަދަ ކަންކަން ފާހަގަވަނީ ބިދޭސީންނާއެކު ހިންގާ ކުދި ކެފޭތަކުންނެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ގިނަ އުސޫލުތަކެއް ވެސް ކަނޑައަޅައިފައި ހުރެއެވެ. ނަމަވެސް އެ އުސޫލުތަކަށް ތަބާވެ، މިންގަނޑުތަކަށް ފައްތައިގެން ހިންގާ ކެފޭ ހޮޓާތައް މަދެވެ.

comment ކޮމެންޓް