ހަދިޔާއެއްގެ ގޮތުގައި ކިމްއަށް ޕުޓިން ދެއްވީ ކާރެއް

ރަޝިޔާގެ ރައީސް ވުލަމީޑިއާ ޕުޓިން (ކ) އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން (ވ). ފޮޓޯ/ރޮއިޓާސް

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ހަދިޔާއެއްގެ ގޮތުގައި ކާރެއް ދެއްވައިފިއެވެ.

ރަޝިޔާގައި އުފައްދައިފައިވާ އެ ކާރު ކިމްއަށް ހަދިޔާކޮށްފައިވަނީ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ކަމަށް އުތުރު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީ ކޭސީއެންއޭއިން ބުނެއެވެ.

އެ ހަދިޔާއާއި ގުޅިގެން ކިމްގެ ދައްތަ ކިމް ޖޮންގް އުންގް ވަނީ ރަޝިޔާއަށް ޝުކުރު އަދާކޮށްފައެވެ. އެ ހަދިޔާއަކީ ދެ ލީޑަރުންގެ ދެމެދުގައި އޮންނަ ހާއްސަ ޒާތީ ގުޅުން ދައްކުވައިދޭ ހަދިޔާއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިމް އަކީ ކާރު އެއްކުރެއްވުމަށް ވަރަށް ޝައުގުވެރިވާ ބޭފުޅެއް ކަމަށާއި، އަގުބޮޑު އުޅަނދުތަކުގެ ބޮޑު ކަލެކްޝަނެއް މިހާރު ވެސް ގެންގުޅުއްވާ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރަޝިޔާއަށް ކުރެއްވި ޒިޔާރަތުގައު ކިމް ވަނީ ޕުޓިންގެ އަގުބޮޑު ރިޔާސީ ކާރުކޮޅު ވެސް ބައްލަވައިލައްވައިފައެވެ. އެ ދަތުރުފުޅުގައި ކިމް ބޭނުންކުރެއްވީ ވެސް އުތުރު ކޮރެއާއިން ގެނައި ހާއްސަ ލިމުޒީން ކާރޮކޮޅެކެވެ.

ސެޕްޓެމްބަރު މަހު ކިމްއާއި ޕުޓިން ބައްދަލުކުރެއްވި ފަހުން ދެ ގައުމުން ވަނީ ގާތް ގުޅުންތަކެއް ގާއިމްކޮށްފައެވެ. ރަޝިޔާއިން ޔުކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި، އުތުރު ކޮރެއާއިން ތަރައްގީކުރަމުންދާ ނިއުކްލިއާ ހަތިޔާރުގެ ސަބަބުން ގިނަ ގައުމުތަކަކާ އެކު އޮންނަ ގުޅުން ހީނަރުވެފައިވާ ރަޝިޔާއާއި އުތުރު ކޮރެއާއިން ވަނީ ހުރިހާ ދާއިރާއަކުން ވެސް ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމަށް އެއްބަސްވެފައެވެ.

ދެ ގައުމުގެ ބަދަލުކުރުންތައް އިތުރުވަމުން އަންނައިރު، އުތުރު ކޮރެއާއިން ޔޫކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބޭނުން ކުރުމަށް ރަޝިޔާއަށް އާޓިލަރީއާއި ރޮކެޓް އަދި ބެލިސްޓިކް މިސައިލް ފޯރުކޮށްދެމުންދާ ކަމަށް ވެސް ގިނަ ގައުމުތަކުން ވަނީ ތުހުމަތުކޮށްފައެވެ. އެކަމާގުޅިގެން ރަޝިޔާއިން ވަކި އެއްޗެއް ހާމަކޮށްފައިނުވާއިރު، އުތުރު ކޮރެއާއިން ވަނީ އެކަން ދޮގުކޮށްފައެވެ.

comment ކޮމެންޓް