ރޯދައަށް ތައްޔާރުވާން ދިރާގުން ތަފާތު ޕްރޮމޯޝަނެއް

ދިވެހިންގެ ޘަގާފަތާ އާދަކާދައާ އެއްގޮތަށް މިފަހަރު އޮތް ދިރާގުގެ ރޯދަ ޕްރޮމޯޝަން މިއަދު ލޯންޗްކޮށްފި---ސަން ފޮޓޯ/އިންފިނިޓް މޫވްމެންޓްސް/ މޫސާ ނަދީމް

ދިވެހިންގެ ޘަގާފަތާ އާދަކާދައާ އެއްގޮތަށް ކުރިއަށް ގެންދަން ނިންމައި ދިރާގުގެ ރޯދަ ޕްރޮމޯޝަން މިއަދު ލޯންޗްކޮށްފިއެވެ.

މި ކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެ ކުންފުނީގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު ހަސަން ޝާރިހް އާދަމް ވިދާޅުވީ މި ޕްރޮމޯޝަން ކުރިއަށް ގެންދާއިރު އިސްކަން ދޭނީ ރާއްޖޭގެ ސަގާފަތް ޕްރޮމޯޓް ކުރަން ކަމަށެވެ.

ދިރާގުގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު ހަސަން ޝާރިހް އާދަމް ވާހަކަ ދައްކަވަނީ---ސަން ފޮޓޯ/އިންފިނިޓް މޫވްމެންޓްސް/ މޫސާ ނަދީމް

އޭނާ އިތުރަށް ވިދާޅުވީ މި ޕްރޮމޯޝަންގެ ދަށުން ވަރަށް ހާއްސަ އަގުހުރި އިނާމްތަކެއް ދޭން ހަމަޖެހިފައިވާ ކަމަށެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންއަކީ ވަކި ހިދުމަތްތަކެއް ހޯދާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަންއެއް ނޫން ކަމަށާއި ދިރާގުގެ ކޮންމެ ކަސްޓަމަރަކީ ވެސް މި ޕްރޮމޯޝަންގެ ބައިވެރިއެއް ކަމަށެވެ.

ޕްރޮމޯޝަންގެ ދަށުން އެންމެ ފުރަތަަމަ ކުރިއަށް ގެންދަނީ "ރޯދަ ރެޑީ" ނަމަކަށް ކިޔާ ލަކީޑްރޯއެކެވެ. މި ލަކީޑްރޯއިން ހޮވޭ މީހަކަށް ދިރާގުގެ ފަރާތުން "ޝޮޕިން ސްޕްރީ" އެއް ދޭން ވަނީ ހަމަޖެހިފައެވެ. މި ޝޮޕިން ސްޕްރީގައި ގުރުއަތުން ހޮވޭ މީހަކަށް ދިރާގުން ކަނޑައަޅާ ފިހާރައަކަށް ގޮސް އެއް މިނެޓް ތެރޭގައި ބޭނުން އެއްޗެއް ނެގުމުގެ ފުރުސަތު ލިބެގެން ދާނެއެވެ.

މީގެ އިތުރުން ދެވަނަ ލަކީ ޑްރޯއިން ގުރުއަތުން ހޮވޭ މީހެއްގެ ގޭގައި ކުލަލުމާއެކު ގޭތެރެ ސާފުކޮށްދިނުން ހިމެނެއެވެ. ދިރާގުން ބުނީ އެކަން ކުރުމަށް ދިރާގުގެ ފަރާތުން އެ މަސައްކަތްތަކާ ގުޅޭ މީހުން އެ ގެޔަކަށް ފޮނުވާނެ ކަމަށެވެ.

މި ޕްރޮމޯޝަންގެ އެންމެ ފަހު ލަކީޑްރޯގައި ގުރުއަތުން ހޮވޭ މީހަކަށް ދޭން ހަމަޖެހިފައިވަނީ ބަދިގެއަށް ބޭނުންވާ ސާމާނެވެ.

ދިރާގުން އަންނަނީ މިފަދަ އެތައް ޕްރޮޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. ރޯދައަށް ތައްޔާރުވުމުގެ ގޮތުން ދިރާގުން ޕްރޮމޯޝަންތަކެއް ފަށާފައި ވާއިރު، ރޯދަމަހަށް ހާއްސަކޮށް ވަކިން ޕްރޮމޯޝަންތަކެއް ފެށުމަށް ވެސް ވަނީ ނިންމާފައެވެ.

comment ކޮމެންޓް