މިދިޔަ އާދީއްތަ ދުވަހު މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި، ކ. ގުރައިދޫގައި ފެންބޮޑުވެ، ބޭނުން ނުކުރެވޭ ހާލަތަށް ދިޔަ ނުވަ ގެއެއް އަލުން ބޭނުންކުރަން ފަށައިފިއެވެ.
ކ. ގުރައިދޫގެ ކައުންސިލް ނައިބު ރައިސް އިބްރާހިމް ޝަލީޒް 'ސަން'އަށް ވިދާޅުވީ، ނަޖިސް ފެންވަދެ، ހިފާ ގެންގުޅޭ ތަކެތި ހަލާކުވުމާއި ގުޅިގެން ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައިވަނީ އެ ރަށުން 11 ގެއެއް ކަމަށެވެ.
އެ ގެތަކުގެ ފަރުނީޗަރުތަކާއި، ދޮންނަމެޝިނާއި، އައިސް އަލަމާރި ފަދަ ތަކެއްޗަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަން ޝަލީޒް ފާހަގަކުރެއްވިއެވެ.
އެންމެ ބޮޑަށް ގެއްލުން ލިބުނު 11 ގޭގެ މީހުންނަށް ކައުންސިލުންނާއި އާއިލާތަކާއި ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެވުނުކަމަށް އޭނާ ވިދާޅުވިއެވެ.
އެއާއެކު، އޭގެ ތެރެއިން ނުވަ ގެއެއް ސާފުކޮށް، އަލުން ބޭނުންކުރަން ވަނީ ފަށާފައެވެ. އަދި ދެން ހުރި ގޭގެވެސް ސާފުކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށާއި، ހަލާކުވެފައިވާ ފަރުނީޗަރާއި ހިފާ ގެންގުޅޭ ތަކެތި ހޯދުމަށް އެންޑީއެމްއޭގެ އެހީތެރިކަން ހޯއްދަވަމުން ގެންދާކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.
އެ ރަށަށް އެންމެ ބޯކޮށް ވާރޭ ވެހި، ގެތަކަށް ފެނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރުއެވެ. އަދި އެ މައްސަލަ ހައްލު ނުކުރެވިގެން އުޅެނިކޮށް އަނެއްކާ ހެނދުނު ވިއްސާރަވެ، އިތުރަށް ފެންބޮޑުވީއެވެ.
އެ ރަށުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މޫދަށް ފެންދާ ގޮތަށް ކޯރެއް ކޮނެގެންނެވެ.