ފްރޯޒެންގެ އިތުރު ދެ ބައެއް ނެރެނީ

ޑިޒްނީގެ އެންމެ ބޮޑު އެއް އެނިމޭޓެޑް ފިލްމު ފްރެންޗައިޒް ކަމަށްވާ "ފްރޯޒެން"ގެ ތިންވަނަ އަދި ހަތަރު ވަނަ ބައެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިޒްނީއިން ހާމަކޮށްފިއެވެ.

މިހާރުގެ ކުޑަކުދީންނަށް ފްރޯޒެންގެ ވާހަކަ ނޭނގިއެއް ނުހުންނާނެއެވެ. ކުދިބޮޑު އެކި އުމުރު ފުރައިގެ މީހުންގެ މެދުގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ފްރޯޒެންގެ ކެރެކްޓަރުންނަކީ އެންމެނަށް ވެސް އެނގޭ ކެރެކްޓަރުންނެވެ.

ދެ ފިލްމަކީ ޖުމްލަ 300 މިލިއަން ޑޮލަރުގެ ބަޖެޓެއްގައި އުފައްދާފައިވާ ދެ ފިލްމެވެ. އަދި ދެ ފިލްމު ވަނީ ތިން ބިލިއަން ޑޮލަރާ ގާތް ކުރާ އަދަދަކަށް އާމްދަނީ އެއް ހޯދާފައެވެ. މިއީ މިހާތަނަށް އެނިމޭޝަން ފްރެންޗައިޒް އަކަށް ލިބިފައިވާ އެންމެ ބޮޑު އާމްދަނީއެވެ. އަދި މިވަރު ބޮޑު އާމްދަނީއެއް ހޯދާފައިވަނީ އެންމެ ދެ ފިލްމާއެކުގައެވެ.

ޑިޒްނީއިން އިތުރަށް ބޭނުންވަނީ މި ކާމިޔާބީއާއެކު ކުންފުންޏަށް އިތުރު ފައިދާތަކެއް ހޯދުމަށެވެ. އެއާއެކު ޑިޒްނީގެ ސީއީއޯ ބޮބް އައިގާ ދާދި ފަހުން އިއުލާނު ކޮށްފައިވަނީ ފްރޯޒެންގެ އިތުރު ދެ ބައެއްގެ މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ. މިހާރު ތިންވަނަ ފިލްމުގެ މަސައްކަތް ކުރިއަށް ދާއިރު އެއާ އެއްވަރަކަށް ހަތަރު ވަނަ ފިލްމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރިއެވެ.

ފްރޯޒެންގެ ކުރިއަށް ރާވާފައިވާ ދެ ބަައި ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި ފިލްމާ ގުޅޭ މާ ގިނަ މައުލޫމާތުތަކެއް ވެސް ޑިޒްނީއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޮރިޖިނަލް ކާސްޓުންގެ ގޮތުގައި ހިމެނޭ ކްރިސްޓެން ބެލް އާއި އައިދީނާ މެންޒެލް އަދި ޖޮނަތަން ގްރޮފް ފަދަ އެކްޓަރުން ފިލްމަށް އަޑު އެޅުމަށް އެނބުރި އަންނާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް