ދިއްފުށީ ކައުންސިލަށް ކުލިން ލިބެންޖެހޭ 4.4 މިލިއަން ރުފިޔާ ގެއްލިއްޖެ

ކ. ދިއްފުށި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ އަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާއިން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުން ލިބެންޖެހޭ 4.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް ކައުންސިލް އިދާރާއިން އިހުމާލުވެފައިވާކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެއްޖެއެވެ.

އޮޑިޓާ ޖެނެރަލް ޙުސައިން ނިޔާޒީ ސޮއިކުރައްވައި ނެރުއްވާފައިވާ މާލެ އަތޮޅު ދިއްފުށީ ކައުންސިލް އިދާރާގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ދިއްފުށީ ކައުންސިލް އިދާރާއިން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުން ލިބެންޖެހޭ ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތަށް އަމަލުކޮށްފައި ނުވާކަމަށެވެ.

ތަންތަން ކުއްޔަށްދީގެން ދިއްފުށީ ކައުންސިލަށް ލިބެންޖެހޭ 4.4 މިލިއަން ރުފިޔާގެ ތެރެއިން 3.8 މިލިއަން ރުފިޔާއަކީ މީގެ ދެ އަހަރުކުރިން ކައުންސިލްގެ އިދާރާއަށް ލިބެންޖެހޭ ފައިސާކަމަށާއި ނަމަވެސް އެ ފައިސާ ހޯދިފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައިއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުން ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ހޯދުމަށް މަސައްކަތްކޮށް ފައިސާ ނުލިބިއްޖެ ނަމަ ހަތް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ހަނދާންކޮށްދީ ފައިސާ ދައްކަންޖެހޭ ފަރާތަށް ލިޔުން ފޮނުވަންޖެހެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ފައިސާ ނުލިބިއްޖެ ނަމަ އިތުރު ހަތް ދުވަސް ދިނުމަށްފަހު، އެ މުއްދަތުގައި ފައިސާ ދެއްކުމަށް ލިޔުމުން އަންގަން ޖެހެއެވެ. އަދި ފަހުން އިތުރުކުރެވޭ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ފައިސާ ހޯދުމުގެ މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށްގެންދަން ޖެހެއެވެ.

މީގެ އިތުރުން ޝަރީއަތަށް ހުށަހަޅައިގެން ފައިސާ ނުދައްކައިފިނަމަ އެ މައްސަލަ ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައިގެން އެ ފައިސާ އާމެދު ވަކިގޮތެއް ނިންމަން ޖެހެއެވެ.

ދިއްފުށީ ކައުންސިލްގެ އޮޑިޓް ރިޕޯޓްގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ހަރުމުދާ ދައުލަތުގެ މާލިއްޔަތާ އެއްގޮތަށް ބަލަހައްޓާފައި ނުވުން ހިމެނެއެވެ.

މާލެއަތޮޅުގެ ރަށްތަކުގެ ތެރެއިން ދިއްފުށްޓަކީ ލޯކަލް ޓޫރިޒަމްގައި ފާހަގަކޮށްލެވޭ ރަށެކެވެ. ދިއްފުށްޓަކީ ނިސްބަތުން ގެސްޓްހައުސްތައްވެސް ގިނަ ރަށެކެވެ.

comment ކޮމެންޓް