ދިވެހި ޙައްޖާޖީން އަންނަ މަހު 12 ގައި ފުރަން ފަށަނީ

ރާއްޖޭން ޙައްޖަށް ދާ ބައެއް ޙައްޖާޖީން ފުރަން އެއާޕޯޓުގައި --- ސަންފޮޓޯ/ ފަޔާޒު މޫސާ

މި އަހަރު ރާއްޖޭން ޙައްޖަށްދާ މީހުންގެ ފުރަތަމަ ގުރޫޕް، އަންނަ ޖޫން މަހުގެ 12ވަނަ ދުވަހު ފުރާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

މީލާދީ ކަލަންޑަރުގައި މި އަހަރުގެ ހައްޖު ދުވަހަކީ ކުރިއަށް އޮތް ޖޫން މަހުގެ 27ވަނަ ދުވަހެވެ.

މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އަންނަ ޖޫން 12ވަނަ ދުވަހު މައްކާއަށް ފުރާ ފުރަތަމަ ގްރޫޕުގައި ހިމެނެނީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދާ 296 ޙައްޖާޖީންނެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ 12ވަނަ ދުވަހުން ފެށިގެން އެކި ދުވަސްމަތިން ދިވެހި ޙައްޖާޖީން ފުރަމުން ގެންދާނެ ކަމަށެވެ.

މި އަހަރު ރާއްޖޭން މީހުން ޙައްޖަށް ގެންދަން ހުއްދަ ދީފައިވާ އެހެން ގްރޫޕްތަކުގެ ތެރެއިން ސިސިލްފަރު ގުރޫޕްގެ ހަވާލުގައި ޙައްޖަށްދާ 87 މީހުން ފުރާނީ ޖޫން މަހުގެ 13ވަނަ ދުވަހުގައެވެ.

ހަރަމައިން ގުރޫޕްގެ ހަވާލުގައި ޙައްޖަށްދާ 87 މީހުން ފުރާނީ ޖޫން 16ވަނަ ދުވަހުގައެވެ. އަދި, މަނާސިކް ގުރޫޕްގެ ހަވާލުގައި ޙައްޖަށްދާ 85 މީހުން ފުރަން ހަމަޖެހިފައިވަނީ ޖޫން މަހުގެ 15ވަނަ ދުވަހުއެވެ.

ރާއްޖެއަށް ލިބިފައިވާ ކޯޓާތަކުގެ ތެރެއިން ޙައްޖަށް މީހުން ގެންދަން އިސްލާމިކް މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ތިން ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުސަތެވެ.

ބާކީ ހުރި ކޯޓާތައް ދީފައިވަނީ ޙައްޖު ކޯޕަރޭޝަނަށެވެ.

ރާއްޖޭން ޙައްޖަށް މީހުން ގެންދިއުމަށް މި އަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. ނަމަވެސް ބައެއް އަހަރުތަކުގައި ސައުދީ ސަރުކާރުން ރާއްޖެއަށް 2000 ކޯޓާ ވެސް ދީފައިވެއެވެ.

ކޮވިޑާ ހެދި 2021ވަނަ އަހަރު ރާއްޖޭން މީހުން ހައްޖަށް ގެންދިޔުމުގެ ފުރުސަތެއް ނުދެއެވެ. އަލުން އެ ހުއްދަ ދިނީ 2022ވަނަ އަހަރުއެވެ. އެ އަހަރު ރާއްޖެއަށް ލިބުނީ 453 ކޯޓާއެވެ.

comment ކޮމެންޓް