އޮލިމްޕިކްސް ކޮންޓްރެކްޓްތަކާ ގުޅިގެން ޖަޕާނުގައި އިޝްތިހާރު ކުންފުނިތަކުގެ މައްޗަށް ދައުވާ ކުރަނީ

'ޓޯކިޔޯ 2020 އޮލިމްޕިކް ގޭމްސް' ޕްލޭންކޮށް މާކެޓްކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނެ, ޖަޕާނުގެ ގިނަ އަދަދެއްގެ އިޝްތިހާރު ކުންފުނިތަކާއި އާންމު ފަރުދުންގެ މައްޗަށް ޖިނާއީ ޝަކުވާއެއް ވަނީ ހުށަހަޅާފައި -- ފޮޓޯ/ ރޮއިޓާސް

'ޓޯކިޔޯ 2020 އޮލިމްޕިކް ގޭމްސް' ޕްލޭންކޮށް މާކެޓްކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނެ, ޖަޕާނުގެ ގިނަ އަދަދެއްގެ އިޝްތިހާރު ކުންފުނިތަކާއި އާންމު ފަރުދުންގެ މައްޗަށް ޖިނާއީ ޝަކުވާއެއް ހުށަހަޅައިފިއެވެ.

އެގޮތުން ޝަކުވާ ހުށަހަޅާފައިވަނީ އެ ގައުމުގެ ހަ ކުންފުންޏަކާއި ހަތް މީހެއްގެ މައްޗަށެވެ.

އަލްޖަޒީރާއިން ބުނީ ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތުކޮށްފައިވާ ގޮތުގައި ކުންފުނިތަކުން ވަނީ 3.95 މިލިއަން ޑޮލަރުގެ 26 ކޮންޓްރެކްޓެއްގެ ބިޑްތައް އޮޅުވާލާފައެވެ.

ޖަޕާނުގެ ފެއާ ޓްރޭޑް ކޮމިޝަނުން އަންގާރަ ދުވަހު ބުނީ އެ ޝަކުވާ ހުށަހެޅިއިރު އެ މައްސަލައިގެ ސަބަބުން "މީހުންގެ ދިރިއުޅުމަށް ފުޅާ އަސަރެއް" ކުރާނެ ކަމަށެވެ.

މި ފިޔަވަޅު އަޅަނީ ޖަޕާނުގެ ގާނޫނުތަކާ ހިލާފަށް އޮލިމްޕިކްސްގެ ކުރިން އިވެންޓްތަކުގެ ބިޑްތައް އޮޅުވާލުމަށް ކުންފުނިތަކުން ރޭވި ކަމަށް ބުނާ މައްސަލަތަކާ ގުޅިގެންނެވެ. އަދި އެ ފިޔަވަޅު އަޅަން ނިންމީ ކަމާބެހޭ ފަރާތްތަކުން އެ މައްސަލަ މަސްތަކެއް ވަންދެން ތަހުގީގު ކުރަމުން ދިޔުމަށް ފަހުގައެވެ.

މިމަހުގެ ކުރީކޮޅު އެ ގައުމުގެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ މި މައްސަލައާ ގުޅިގެން ޓޯކިޔޯ އޮލިމްޕިކްސް އިންތިޒާމްކުރާ ކޮމިޓީގެ ކުރީގެ އޮފިޝަލަކާއި ޑެންޓްސޫ، ފުޖީ ކްރިއޭޓިވް އަދި ސެރެސްޕޯގެ އެގްޒެކެޓިވުން ހައްޔަރުކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހު ޑެންޓްސޫގެ ޗީފް އެގްޒެކެޓިވް ހިރޯޝީ އިގަރާޝީ ވަނީ އޭނާގެ ކުންފުނިން ގޭމްސްއާ ގުޅުން ހުރި ކޮންޓްރެކްޓްތަކަށް ބިޑްތައް އޮޅުވާލާފައިވާ ކަމަށް އެއްބަސްވެފައެވެ.

ޑެންޓްސޫއަށް މީގެ ކުރިން ވަނީ ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގެ ކޮންޓްރެކްޓްތަކަށް ބިޑްކުރުން ނުވަ މަސް ދުވަހުގެ މުއްދަތަށް މަނާކޮށްފައެވެ.

މި މައްސަލަ ހިނގާފައި ވަނީ އޮލިމްޕިކްސްގެ ކުރީގެ ބޯޑު މެމްބަރު އަދި ޑެންޓްސޫގެ އެގްޒެކެޓިވް، ހަރޫޔޫކީ ޓަކަހާޝީ މިދިޔަ އަހަރު ސްޕޮންސަރުންގެ އަތުން ރިޝްވަތު ނަގާފައިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމާ ގުޅިގެންނެވެ.

comment ކޮމެންޓް