ކޯރަމް ގެއްލިގެން މަޖިލީޙުގެ ޖަލްސާ ނިންމާލައިފި

ކޯރަމް ގެއްލިގެން ރައްޔިތުންގެ މަޖިލީޙުގެ މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.

މެންދުރު ފަހު 2:00 ޖަހަން އުޅެނިކޮށް ޖަލްސާގެ ކޯރަމް ގެއްލިގެން ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، މިއަދުގެ ޖަލްސާގައި ހަ ފަހަރެއްގެ މަތިން ކޯރަމް ގެއްލުނު ކަމަށެވެ. އަދި ޖަލްސާގެ ކޯރަމް ރަނގަބީލު ޖެހުމުން ވެސް މެންބަރުން ހާޒިރުވެވަޑައިނުގެންނެވުމުން ޖަލްސާ ނިންމަވާލެއްވީ ކަމަށެވެ.

މިއަދު ޖަލްސާގެ ކޯރަމް ގެއްލުނު ހަ ފަހަރުގެ ތެރެއިން ދެ ފަހަރެއްގެމަތިން ވަނީ ޖަލްސާ ފަސްކުރަން ޖެހިފަ އެވެ. އެހެން ފަހަރުތަކުގައި ކޯރަމް ގެއްލިފައިވަނީ ޖަލްސާ ކުރިއަށް ދަނިކޮށް ޖަލްސާގެ ތެރެއިންނެވެ. އަދި ކޯރަމް ގެއްލުނު ކޮންމެ ފަރަތަކު، މަޖިލީހުގެ ގޯތިތެރޭގައާއި އެހެން ހިސާބުތަކުގައި ތިއްބެވި މެންބަރުން ޖަލްސާއަށް ވަޑައިގަތުމަށް ރިޔާސަތުން އިލްތިމާސް ކުރައްވަމުން ގެންދެވި އެވެ.

މިއަހަރު ފެށުނީއްސުރެ، ޖަލްސާ އޮންނަ ކޮންމެ ދުވަހަކީ ކޯރަމް ގެއްލިގެން އެތައް ފަހަރެއްގެ މަތިން މަޖިލީހުގެ ޖަލްސާތައް ހުއްޓާލަން ޖެހިފައިވެއެވެ.
އެކަމާމެދު ކަންބޮޑުވެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ކޯރަމްގެ މައްސަލަ އާއްމު ކޮމިޓީއަށް ފޮނުއްވުމަށް މަޖިލީހުގެ ރައީސް ވަނީ ނިންމަވައިފަ އެވެ. އަދި ކޯރަމް ގެއްލިގެން ޖަލްސާ ހުއްޓާލަންޖެހޭ ކޮންމެ ދުވަހަކު އެ ދުވަހަކު ޖަލްސާއަށް ވަޑައިގަންނަވާ މެންބަރުންނާއި، މަޖިލީހުގެ އިދާރާއަށް ވަޑައިގެން ޖަލްސާއަށްނުވަންނަވާ މެންބަރުންނާއި ޗުއްޓީގަ އާއި ކޮމިޓީތަކުގައި ތިއްބަވާ މެންބަރުންގެ ނަންފުޅުތައް އާމު ކުރެއްވުމަށްވެސް މަޖިލީޙުން ވަނީ ނިންމައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު