ފްރާންސްއަށް 2018 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްދިން ކެޕްޓަން ހޫގޯ ލޮރިސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.
ފްރާންސްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރުމަށް ނެރުނު ބަޔާނެއްގައި ލޮރިސް ބުނީ ގަތަރުގައި މިދިޔަ މަހު ނިމުނު ވޯލްޑްކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ވިސްނަމުންދިޔަ ކަމަށެވެ.
އިތުރަށް ލޮރިސް ބުނީ ކޮންމެ ކަމަކީ ކޮންމެވެސް އެއްދުވަހަކުން ދުރަށް ދާންޖެހޭނެ ކަމެއް ކަމަށެވެ. އެހެންކަމުން މިހާރު އޭނާ ގައުމީ ޓީމާ ދުރަށް ދާންޖެހޭ ވަގުތު ޖެހިއްޖެކަމަށް އޭނާ ބުންޏެވެ.
"އަހަރެން އަބަދުވެސް ބުނަނީ ފްރާންސްގެ ގައުމީ ޓީމަކީ ވަކި މީހެއްގެ ޓީމެއް ނޫނޭ،" ލޮރިސް ބުންޏެވެ.
ފްރާންސްގެ ގައުމީ ޓީމުގެ ގޯލު ބަލަހައްޓަން ތައްޔާރަށް ތިބި ގޯލު ކީޕަރުން މިހާރު ވެސް އެބަތިބި ކަމަށް އޭނާ ބުންޏެވެ. އެގޮތުން އޭސީ މިލާންގެ އެއް ނަންބަރު ގޯލް ކީޕަރު މައިކް މައިގްނާން އަކީ މޮޅު ކީޕަރެއް ކަމަށް ލޮރިސް ބުންޏެވެ.
ފްރާންސްގެ ގޯލު 14 ސީޒަނުގައި ބެލެހެއްޓަން ލިބުމަކީ ލިބުނު ޝަރަފެއްކަމަށް ދެކޭކަމަށް އޭނާ ބުންޏެވެ.
ދުނިޔޭގެ އެންމެ މޮޅު ގޯލު ކީޕަރުންގެ ތެރޭގައި ހިމެނޭ ލޮރިސް އަކީ ގައުމީ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ކުޅުންތެރިއެކެވެ.
ދެހާސް އަށާރަ ވަނަ އަހަރު ފްރާންސްއިން ވޯލްޑްކަޕް ކާމިޔާބުކުރިއިރު އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިއަކީ ލޮރިސްއެވެ. އޭނާ ވަނީ އެ މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމު ވެސް ހޯދައިފައެވެ.
ލޮރިސް ފްރާންްސްގެ ގައުމީ ޓީމަށް ކުޅެން ފެށީ 2008 ވަނަ އަހަރުއެވެ. އުމުރުން 21 އަހަރުގައި ފްރާންސްގެ ގައުމީ ޓީމަށް ކުޅެން ފަށައި ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު އޭނާގެ އުމުރަކީ 36 އަހަރެވެ. އޭނާ ވަނީ އެ ޓީމަށް 145 މެޗު ކުޅެފައެވެ.