ވޯލްޑްކަޕުގެ ކާމިޔާބީއަށްފަހު މާޓިނޭޒްގެ ފުރަތަމަ މެޗުގަައި އެސްޓަންވިލާވީ އެއްވަރު

މާޓިނޭޒް----

ވޯލްޑްކަޕް ކާމިޔާބުކުރުމަށްފަހު އެސްޓަން ވިލާއަށް ކުޅޭ އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް, ކުލަބު ފުޓުބޯޅައަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުން އެސްޓަން ވިލާ އެއްވަރުވެއްޖެއެވެ.

ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާއި ވުލްވްސް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އެސްޓަން ވިލާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ވުލްވްސްއިންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި ވޯލްވްސްއަށް މި ގޯލު ޖަހައިދިނީ ޑެނިއެލް ޕޮޑެންސްއެވެ.

އެސްޓަން ވިލާއަށް ގޯލުޖަހައި މެޗު ހަމަހަމަ ކޮށްދިނީ މެޗުގެ 78 ވަނަ މިނެޓުގައި ޑެނިއެލް އިންގްސްއެވެ.

މި މެޗުގައި ދެ ޓީމުން ވެސް ވަނީ ގިނަ ހަމަލާތަކެއް އުފައްދައި، ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން އެސްޓަން ވިލާއިން ޖުމްލަ 13 ހަމަލާއެއް އުފެއްދިއިރު ވުލްވްސްގެ ކުޅުންތެރިން ވަނީ 10 ހަމަލާއެއް އުފައްދާފައެވެ.

މެޗުގައި އެސްޓަން ވިލާގެ ގޯލު ބެލެހެއްޓުމުގައި ތަފާތު ދެއްކި މާޓިނޭޒްއަކި ނިމުނު ވޯލްޑް ކަޕުގައި އާޖެންޓީނާއަށް ތަށި ހޯދައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާއެވެ.

ހާއްސަކޮށް މުބާރާތުގެ ނޮކްއައުޓް ސްޓޭޖުތަކުގައި މާޓިނޭޒްގެ އެހީތެރިކަން އާޖެންޓީނާއަށް ވަރަށް ބޮޑަށް ލިބިގެންދިޔައެވެ. މިއާއެކު މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމު ހޯދީ ވެސް މާޓިނޭޒްއެވެ.

ވުލްވްސްއާއި އެސްޓަން ވިލާގެ ކުރިމަތިލުން ހަމަހަމަ ނަތީޖާއަކުން ނިމުނުއިރު، ލީގު ތާވަލުގައި އެސްޓަން ވިލާ އޮތީ 18 މެޗުން 22 ޕޮއިންޓު ހޯދައިގެން 11 ވަނައިގައެވެ. 18 މެޗުން 14 ޕޮއިންޓު ހޯދާފައިވާ ވުލްވްސް އޮތީ ރެލިގޭޝަން ޒޯނުގައި ތާވަލުގެ ފުލުން ދެވަނައިގައެވެ.

comment ކޮމެންޓް