އެމްބާޕޭއާއި މެސީއާ ދެމެދުގައި އެއްވެސް ނުތަނަވަސްކަމެއް ނެތް: ޕީއެސްޖީ ކޯޗު

މެސީ އަދި އެމްބާޕޭ----

ޕީއެސްޖީގެ ތަރިން ކަމުގައިވާ ކިލިއަން އެމްބާޕޭއާއި ލިއޮނަލް މެސީއާ ދެމެދު އެއްވެސް ނުތަނަވަސްކަމެއް ނެތްކަމަށް އެ ޓީމުގެ ކޯޗު ކްރިސްޓޮފް ގަލްޓިއާ ބުނެފިއެވެ.

މިމަހުގެ 18 ވަނަ ދުވަހު ފީފާ ވޯލްޑްކަޕް ފައިނަލްގައި ވާދަކުރީ މެސީގެ އާޖެންޓީނާއާއި އެމްބާޕޭގެ ފްރާންސް އެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި ކުރިހޯދައިގެން އާޖެންޓީނާއިން ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު، އެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އާޖެންޓީނާއިން ބޭއްވި ބަސް ޕެރޭޑުގެ ތެރެއިން، އެ ޓީމުގެ ބައެއް ކުޅުންތެރިން ވަނީ ފްރާންސްގެ ކުޅުންތެރިންނަށް ފުރައްސާރަވާ ގޮތަށް އަމަލުކޮށްފައެވެ.

އެގޮތުން އާޖެންޓީނާގެ ކީޕަރު އެމީ މާޓިނޭޒް ވަނީ އެމްބާޕޭގެ މޫނުގެ ފޮޓޯއެއް ޖަހާފައިވާ ބުދެއް ހިފައިގެން ބަސް ޕެރޭޑުގައި ހަރަކާތްތެރިވެފައެވެ. މި މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މީސްމީޑިއާގައި އާންމުވެފައި ވާއިރު، މި ފޮޓޯ އަދި ވީޑިއޯ ތަކުގައި މާޓިނޭޒް ކައިރީގައި މެސީ ހުންނަތަން ފެނެއެވެ.

މިއާއެކު މެސީއަށް ވެސް ބައެއް މީހުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ގިނަ ބަޔަކަށް ގަބޫލުކުރެވުނީ ވޯލްޑްކަޕަށްފަހު މެސީއާއި އެމްބާޕޭގެ ދެމެދުގައި ކުރިން އޮންނަ ގުޅުން ފަނޑުވާނެ ކަމަށެވެ.

އެފަދަ ވާހަކަތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައި، އެ ކަންކަމަށް ރައްދުދެމުން ޕީއެސްޖީގެ ކޯޗު ގަލްޓީއާ ބުނީ، މެސީ ވޯލްޑްކަޕް ކާމިޔާބުކުރުމުން އެމްބާޕޭ މަރުހަބާ ކިޔައިފައިވާކަމަށެވެ. އަދި އެ ދެ ކުޅުންތެރިންގެ މެދުގައި އެއްވެސް ނުތަނަވަސްކަމެއް ނެތްކަމަށް ގަލްޓިއާ ބުނެފައިވެއެވެ.

ވޯލްޑް ކަޕަށްފަހު ޕީއެސްޖީގެ ފަރިތަކުރުންތައް ފަށާއިފައިވާއިރު އެމްބާޕޭ ވަނީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފައެވެ. ގަލްޓިއާ ބުނީ މެސީ ޓީމާ ގުޅޭނީ އަންނަ މަހު 2 ނުވަތަ 3 ހިސާބުގައި ކަމަށެވެ.

comment ކޮމެންޓް