ދިވެހިންގެ މެދުގައި ވޯލްޑްކަޕަށް އޮންނަ ފޯރި ދައްކުވައިދޭ ލަވައެއް އުރީދޫއިން ނެރެފި

އަންނަ އާދިއްތަ ދުވަހު ގަތަރުގައި ފަށާ ވޯލްކަޕަށް ޚާއްސަކޮށްގެން އުރީދޫއިން ތައްޔާރު ކުރި ދިވެހި ލަވަ އިއްޔެ ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

އެ ލަވަ ހަދާފައި ވަނީ ގަތަރު ވޯލްޑްކަޕްގެ ރަސްމީ ލަވައެއް ކަމަށްވާ "އަރްބޯ" ލަވައިގެ މިއުޒިކް ބޭނުންކޮށްގެންނެވެ. އެ ލަވައިން، ވޯލްކަޕްގައި މިފަހަރު ކުޅޭ ހުރިހާ ޓީމުތަކެއްގެ ދިދަތަކާއި އެ ޓީމުތަކަށް ދިވެހިންގެ ތެރޭގައި އޮތް ފޯރިއާއި ތަރުޙީބު ދައްކައެވެ.

އެ ލަވަ ކިޔައިފައިވަނީ މޯލްޑިވިއަން އައިޑަލްގެ ސީޒަން ދެއެއްގައި ހަތަރުވަނައަށް ދިޔަ އިބްރާހީމް ވަދީދު (ބޮޑުބެ)އެވެ. އަދި އަންހެން ލަވަކިޔުންތެރިއަކީ މޯލްޑިވިއަން އައިޑަލްގެ ސީޒަން ދެއެއްގެ ޓޮޕް އަށެއްގައި ހިމެނުނު އާއިޝަތު ޖައުޝާ ވަހީދު (ޖައު)އެވެ.

އުރީދޫއިން ވަނީ ވޯލްކަޕާ ގުޅުވައިގެން ފޯރިގަދަ ގިނަ ހަރަކާތްތަކެއް ބާއްވާނެކަން އިއުލާންކޮށްފައެވެ. އެގޮތުން އެ ކުންފުނިން ވަނީ، ދިވެހި އެޕްލިކޭޝަނެއް ކަމަށްވާ "ގޯލްއާ"އާއެކު މުބާރާތެއް ކުރިއަށްގެންދިޔުމަށް އެއްބަސްވުމެއް ހަދާފައެވެ.

އެ މުބާރާތް ފަށާނީ ވޯލްޑްކަޕް ފަށާ ދުވަހުއެވެ. އަދި ނަތީޖާ ދިމާކުރާ މީހުންގެ ލިސްޓެއް އެ އެޕުން އެކުލަވާލާނެއެވެ. އެއަށް ފަހު، މުބާރާތް ނިމުމުން، އެންމެ ގިނައިން ނަތީޖާ ރަނގަޅަށް ލަފާ ކުރި ހަތް މީހުންނަށް އިނާމުތައް ދޭނެއެވެ.

އެ މުބާރާތް ކާމިޔާބު ކުރާ މީހުންނަށް ދޭ އިނާމުތަކުގެ ތެރޭގައި އައިފޯން 14 އާއި މޫދުގައި ބޭނުންކުރާ ސާމާނާއި ގަޑިއާއި ރިސޯޓު ދަތުރު ވެސް ހިމެނެއެވެ.

ވޯލްޑްކަޕަށް އުރީދޫއިން ބާއްވާ އަނެއް ހަރަކާތަކީ ޕްލޭސްޓޭޝަނުން ފީފާ ފުޓްބޯޅަ ކުޅޭ މުބާރާތެކެވެ. އެ މުބާރާތް ބާއްވާނީ އުރީދޫއިން ވޯލްޑްކަޕް "ފޭން ޒޯން"ތައް ތައްޔާރު ކުރާ ސަރަހައްދުތަކުގެ ތެރެއިން ހަތަރު ސަރަހައްދެއްގައެވެ. އެއީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގައެވެ. އެ މުބާރާތުން ވަނަތަކަށް ހޮވޭ މީހުންނަށް ޕީއެސް5 އާއި ޓީވީ ހޯދުމުގެ ފުރުސަތު އޮންނާއެވެ.

އުރީދޫއިން ވަނީ ކައުންސިލްތަކާ ގުޅިގެން، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ފޭން ޒޯންތައް ހަދަން ނިންމާފައެވެ. އެ ތަންތަނުގައި ވޯލްޑްކަޕް ބެލުމުގެ އިންތިޒާމު ހަމަޖައްސާފައި ހުންނާނެ ކަމަށް އުރީދޫއިން ބުންޏެވެ.

މީގެ އިތުރުން ވޯލްޑްކަޕަށް ޚާއްސަ ޑޭޓާ ޕެކްތަކެއް ވެސް އުރީދޫއިން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން އެއް މަސް ދުވަހަށް ބޭނުން ކުރެވޭ ގޮތަށް، 100 ޖީބީގެ ޑޭޓާ 250 ރުފިޔާއަށް ލިބޭ ޕެކޭޖެއް ތައާރަފް ކުރާނެކަން އެ ކުންފުނިން ހާމަކުރިއެވެ.

ހަމައެއާއެކު، ވޯލްޑްކަޕް ބަލަން ގަތަރަށް ދާ ދިވެހިންނަށް އެއް ޓީބީގެ ޑޭޓާ ލިބޭ ރޯމިން ޕެކޭޖެއް ވެސް އުރީދޫއިން އިއުލާންކުރިއެވެ. އެ ޕެކޭޖް ލިބެން ހުންނާނީ 1000 ރުފިޔާއަށެވެ.

މި އަހަރުގެ ވޯލްޑްކަޕަށް ޚާއްސަކޮށް އިތުރު ޕްރޮގްރާމްތައް ވެސް އިއުލާން ކުރާނެ ކަމަށް އުރީދޫއިން ބުނެއެވެ. މި އަހަރު ރާއްޖޭގައި ވޯލްޑް ކަޕްގެ ޓީވީ ރައިޓްސް މީޑިއާނެޓުން ގަނެފައިވާއިރު، މީޑީއާނެޓް ވޯލްޑްކަޕް ކަވަރޭޖްގެ ޓައިޓަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ.

comment ކޮމެންޓް