އެމްޑީޕީގެ ކޮންގްރެސްގައި އެމްޑީޕީގެ ރައީސް މަގާމު އުވާލަން ހުށަހެޅި އެވެ. ޑރ. އިބްރާހިމް ދީދީއަށް އެމްޑީޕީގެ ރައީސް ކަމަށް ވަޑައިގެންނެވުނީ އެގޮތަށް އެފަހަރު ނުވުމުންނެވެ. މިއިން ދެ ކަމެއް ދައްކައިދެ އެވެ. އެއް ކަމަކަށް ޕާޓީގައި ރައީސަކު ހުރުމަށް އާންމުން މެންބަރުންގެ ބޭނުން ވާ ކަމެވެ. ދެވަނަ ކަމަކަށް ޕާޓީގެ ބާރުގަދަ ހިސާބަކުން ޕާޓީގެ ރައީސްގެ މަގާމު "ދުއްވާލަން" ބޭނުންވާ ކަމެވެ.
ކޮންމެ ގޮތަކަށް އެކަން އޮތަސް ޑރ. ޑީޑީ އަކީ ޕާޓީގެ ރައީސެވެ. އަދި ޑރ. ޑީޑީއާ ޕާޓީއާ އިސް ސަފާ ދެމެދު މައްސަލަތަކެއް އުޅޭ ކަމަށް ދަނީ ވާހަކަ ދެކެވެމުންނެވެ. އެމްޑީޕީގެ ނުފޫޒު ގަދަ ބައެއް ބޭފުޅުންގެ ނުފޫޒުން ޕާޓީގެ ރައީސްގެ ބާރު ކަނޑުވާލާފައިވާ ކަމުގެ ވާހަކައަކީ މިހާރު އާ ވާހަކައެއް ނޫނެވެ. ހާއްސަކޮށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެއްޓުނު ހިސާބުން ފެށިގެން ޑރ. ޑީޑީ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވަނީ ނަމެއްގައި ކަމަށް ސިޔާސީ ފަރާތްތައް ދަނީ ބުނަމުންނެވެ.
ޑރ. ޑީޑީ އާއި ޕާޓީގެ ލީޑަޝިޕްގެ ބާރުގަދަ ބައެއް ފަރާތްތަކާ "ކުނި" ޖެހިފައިވާ ކަމަށް ޑރ. ޑީޑީ ސީދާ ވިދާޅު ނުވި ނަމަވެސް އެމްޑީޕީގައި ކަންކަން ހިނގަމުންދާ ގޮތާ މެދު ޑީޑީ ހުންނެވީ ވަރަށް މާޔޫސްވެފަ އެވެ. މަސްލަހަތަށް ޓަކައި މިހާތަނަށް ބައެއް ވާހަކަ ވިދާޅުނުވެ ހުންނެވި ނަމަވެސް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މަސްއުލޫލިއްޔަތު އަދާކުރައްވަން އެމްޑީޕީގައި ހުރަސްތައް ކުރިމަތިވެވަޑައިގެންފައިވާ ކަމަށް ޑރ. ޑީޑީ މިހާރު ވިދާޅުވެ އެވެ.
"[ހުރަސްތައް އޮތީ] ހަމަ އެކަނި އަޅުގަނޑު އެކަންޏެއް ނޫން. [ޕާޓީގައި] އިންތިހާބަކުން ހޮވިފައިތިބި އެހެން ބޭފުޅުނަށް ވެސް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޕާޓީ ތެރޭގައި ތިބި ބައެއް ނުފޫޒް ގަދަ ބޭފުޅުންގެ ހުރަސްތައް އާދޭ،" ޑީޑީ ވިދާޅުވި އެވެ.
އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ބޭފުޅަކީ ޕާޓީގެ އިސް ލީޑަރެވެ. ނަމަވެސް ރައީސް ކަމުން މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައި ވަނީ ނަޝީދަކީ ޕާޓީގެ އިސް ލީޑަރު ކަމަށެވެ. މީގެ މާނައަކީ ޕާޓީގައި އިންތިހާބުކޮށްފައިވާ ރައީސްގެ ބާރު އެއްކޮށް ކެނޑިގެން ދިއުމެވެ. މިނޫނަސް ޕާޓީން ނިންމާފައިވާ ބައެއް ނިންމުންތަކުގެ ސަބަބުން ޑރ. ޑީޑީގެ ވާޖިބުތައް ޕާޓީގައި އަދާ ކުރެވޭނެ ދޮރު ވަނީ ގާތްގަނޑަކަށް ބަންދުވެފައި ކަމަށް އޭނާ ވަނީ ވިދާޅުވެ އެވެ. މިސާލަކަށް ބަލާ ނަމަ އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތަށް ޕާޓީގެ ރައީސް ޝެޑޯ ކެބިނެޓެއް އެކުލަވައިލަން ޖެހެ އެވެ. ނަމަވެސް މިހާތަނަށް ވެސް ޑރ. ޑީޑީގެ ޝެޑޯ ކެބިނެޓް އިއުލާނު ވެފައެއް ނުވެ އެވެ.
"ޕާޓީ ވެރިކަމުގައި ނޯންނަ ހިނދެއްގައި ނަމަ ޕާޓީގެ ރައީސް ޕާޓީގެ އެންމެ އިސް މީހެއްގެ ގޮތުގައި ހުންނާނީ. ޕާޓީ ވެރިކަމުގައި ނޯންނަ ހިނދެއްގައި ޕާޓީގެ ރައީސް ޕާޓީގެ ކެބިނެޓެއް އެކުލަވާލަން ޖެހޭނޭ ކަމަށް ޕާޓީގެ އަސާސީ ގާވާއިދުގައި އޮންނަ އިރު އެކަން ކުރައްވަން އަޅުގަނޑު އުޅުމުން ބައެއް ބޭފުޅުން ހިތްޕުޅާ ހަމަ ނުޖެހިގެން އުޅުއްވާ ކަމަށް ވަނީ،" ޑީޑީ ވިދާޅުވި އެވެ.
އެމްޑީޕީގެ ހަރަކާތްތައް އިންތިޒާމް ކުރުމުގައި ކަން ހިނގަމުންދާ ގޮތާ މެދުވެސް ޑީޑީގެ ހިޔާލު ވަނީ ތަފާތުވެފަ އެވެ. އެކަން ފުރަތަމަ އައީ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު، ފެބްރުއަރީ 17 ވަނަ ދުވަހު އެމްޑީޕީން ފެށި "އިންސާފްގެ ދަތުރު"ގެ ބޮޑު އެއްވުމާ ބެހޭ ގޮތުން ޑރ. ޑީޑީ ވާހަކަފުޅު ދެއްކެވި ހިސާބުންނެވެ. އޭރު ޑރ. ޑީޑީ ވިދާޅުވަމުން ގެންދެވީ ފެބުރުއަރީ 18 ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ހަރަކާތްތަކަކީ ޕާޓީގެ އެއްވެސް ގުނަވަނަކުން ފާސްކޮށްގެން ހިނގާ ހަރަކާތަކަށް ނުވާތީ އެއީ ޕާޓީން ހިންގާ ހަރަކާތެއް ނޫން ކަމަށެވެ. ނަމަވެސް ޕާޓީގެ ބައެއް ބޭފުޅުން އޭރު ވެސް ވިދާޅުވަމުން ގެންދިޔައީ އެމްޑީޕީގެ ރޫހާ ޑރ. ޑީޑީ ހިލާފުވެ ވަޑައިގަތީ ކަމަށެވެ. ޕާޓީ ކުރިޔަށްދާނީ ޕާޓީގެ އިސް ލީޑަރު ބޭނުންފުޅުވާ ގޮތަށް ކަމަށެވެ.
އަނެއް މައްސަލައަކީ ޗެއާޕާސަންގެ މައްސަލަ އެވެ. މިވަގުތު އެ މަގާމުގައި ހުންނެވި ވަގުތީ ބޭފުޅެކެވެ. ޕާޓީގެ އެ މަގާމަކީ މެންބަރުންގެ ވޯޓުން އިންތިހާބު ކުރަން ޖެހޭ މަގާމަކަށްވާ އިރު ވަގުތީ ޗެއާޕާސަން މަގާމަށް ރީކޯ މޫސާ މަނިކު އައްޔަން ކޮށްފައި ހުންނަތާ އަހަރަކާއިގާތް ވަނީ އެވެ. އަދި އެމަގާމުގެ ބާރު ޕާޓީގައި ވަނީ އިންތިހާއަށް ގަދަވެފައިވާއިރު ޗެއާޕާސަންގެ ނައިބުކަމުގެ މަގާމު ފުރުއްވަމުން އައި ފަރާތް ވަނީ ޕާޓީ ދޫކުރައްވާ ވާދަވެރި ޕާޓީއަކާ ގުޅިވަޑައިގެންފަ އެވެ.
ހަގީގަތުގައި ޗެއާޕާސަން މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އެ މަގާމާއި ހަވާލުވާން ޖެހެނީ ޕާޓީގެ ޗެއާޕާސަންގެ ނައިބެވެ. އެހެން ނަމަވެސް ޕާޓީގެ ބައެއް ފަރާތައް ބުނާ ގޮތުން ވަގުތީ ޗެއާ ޕާސަންގެ މަގާމަށް މޫސާ މަނިކު ވަޑައިގެންނެވީ އަސާސީ ގަވައިދާ މުޅިން ހިލާފަށެވެ.
ޑީޑީ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ތެރޭގައި ޑިމޮކުރަސީ ނެތިއްޖެ ނަމަ ޕާޓީ އިސް މެންބަރުން ޕާޓީން ވަކިވެގެން ފެއަށް ވަޑައިގަންނަވާނެ ކަމާމެދު ޝައްކެތް ނެތެވެ. އޭގެ އެއް ހެއްކަކަށް މާފަންނު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ އަބްދުއްރަހީމް ޕާޓީ ދޫކުރައްވައި ވަޑައިގެންނެވުން ޑީޑީ ފާހަގަ ކުރައްވަ އެވެ.
"އަޅުގަނޑުމެން ޕާޓީއަކީ [އެމްޑީޕީ] ޑިމޮކްރެޓިކް ޕާޓީ އަކަށްވެފައި ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ވާން ޖެހޭނެ ކަމަށް އަޅުގަނޑުމެނަށް ގަބޫލު ކުރެވޭ ހިނދު މިކަން ކަމާ ހިލާފު ކަންތައްތަކެއް ތަކުރާރުކޮށް ޕާޓީގެ އިސްކޮށް އުޅުއްވާ ފަރާތްތަކުގެ ކިބައިން ފެންނަ ހިސާބުން ފެށިގެން ޕާޓީއާއި ފެއަށް [ބޭފުޅުން ވަޑައިގަތުމުގެ] ވިސްނުން ގެންގުޅެފާނެ ކަމުގެ އަލާމާތެއް އަބްދުﷲ އަބްދުއްރަހީމް ވަކިވެ ވަޑައިގަތުން އެއީ ވެސް،" ޑީޑީ ވިދާޅުވި އެވެ.
އަބްދުﷲ އަބްދުއްރަހީމް ޕާޓީން ވަކިވެވަޑައިގަތުން އެއީ އެމްޑީޕީގައި މިވަގުތު ހަރަކާތްތެރި ލީޑަރުން މާ ބޮޑު ކަމަކަށް ނުހެއްދެވި ނަމަވެސް ޑރ. ޑީޑީ ވިދާޅުވީ އެއީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށެވެ. އޭނާ އަދި ވިދާޅުވަނީ ޕާޓީ އަށް ކުރިމަތިވެފައިވާ ބައެއް ނޫފޫޒުތަކުން ޕާޓީ ސަލާމަތްކޮށް ޑިމޮކުރެޓިކް އުސޫލުން ހިންގަން އަދިވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ވިހާވެސް ބޮޑަށް މި މަސައްކަތް ކުރަނީ ޕާޓީ ތެރޭގައި ތިބި އިލްމީ ގާބިލް ބޭފުޅުން ޕާޓީއާދުރަށް، ފެޔަށް ދިޔަނުދީ ޕާޓީގެ އިންޓާރަނަލް ޑިމޮކްރަސީ ހަރުދަނާކޮށް ޕާޓީ ތެރޭގައި ތިއްބެވި ޒުވާން ބޭފުޅުނަށް ޕާޓީ ތެރޭގެ ހަރަކާތްތެރިވުމުގެ ފުރުސަތު ދިނުމަށް." ޑީޑީ ވިދާޅުވި އެވެ.
އެމްޑީޕީގެ ދެ ވަނަ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވާ ވާހަކައެއް އޮވެ އެވެ؛ އެމްޑީޕީގެ ރައީސް ކަން ކުރެއްވޭނީ ރައީސް ނަޝީދުގެ "ޕަޕެޓަކަށް" ވެގެނެވެ. އެމްޑީޕީގެ މާޒީ އަށާއި މިހާރު ކަން ހިނގާ ގޮތަށް ބަލާއިރު ކަންތައް ދަނީ މުނައްވަރު ވިދާޅުވި ގޮތަކަށް ސިފަ ކުރެވިދާނެ އެވެ. ހަމައެހެންމެ އެމްޑީޕީގެ މިހާރުގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވަމުން އައި ވާހަކައެއް ވެސް އޮވެ އެވެ. ޑރ. މުނައްވަރާއި އިބްރާހިމް އިސްމާއީލް (އިބްރާ) އެމްޑީޕީންގެ ރައީސް ކަމުން ވަކިވެވަޑަންނަވަން ޖެހުނީ "ވެރިކަމުގެ ދަހިވެތި ކަމުގެ ބަލީގައި" ކަމަށެވެ. މުނައްވަރަށާއި އިބްރާ އަށާއި އަދި މިހާރު، ޑީޑީއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ބަލާއިރު ޕާޓީގެ ހުރިހާ ބާރަކަށް ވުރެ ރައީސް ނަޝީދުގެ ބާރު ހުރިހާ ގުނަވަނެއްގައި ގަދަވެފައިވާ ކަމަށް ބަލާނެ ޖާގަ އެބައޮތެވެ. ޑރ. ޑީޑީ ފިތިފައި ވަނީ އެ ބާރުގެ ދަށުގައި ކަމަށް ބުނުމަކީ ގޯހެއް ކަމަށް ބެލެވިދާނެ ހެއްޔެވެ؟