132 މީހުންނާއެކު ދަތުރުކުރި ޗައިނާގެ މަތިންދާބޯޓެއް ވެއްޓިއްޖެ

ޗައިނާ އީސްޓާންގެ މަތިންދާބޯޓެއް

ޗައިނާގެ ކުންމިން އިން ގުއާންޒޯއަށް، 132 މީހުންނާއެކު ދަތުރުކުރި ޗައިނާ އީސްޓާން އެއާލައިންގެ މަތިންދާބޯޓެއް ވެއްޓިއްޖެއެވެ.

ބޮއިންގް 737 މަރުކާގެ އެ މަތިންދާބޯޓު ވެއްޓިފައި ވަނީ ގުއާންޝީ ޕްރޮވިންސުގެ ފަރުބަދަމަތީ ސަރަަހައްދަކަށެވެ.

ޗައިނާ ގަޑިން 13:11ގައި ދަތުރުފެށި އެ ފްލައިޓު މަންޒިލަށް ޖެއްސުމަށް ހަމަޖެހިފައި އޮތީ 15:05ގައެވެ. ފްލައިޓު ވެއްޓުމުގެ ކުރިން އެންމެ ފަހުން ރާޑަރުތަކަށް ސިގުނަލްކޮށްފައިވަނީ 14:22 ހާއިރު ކަނޑުގެ 3،225 ފޫޓު މަތިންނެވެ.

އެ ހާދިސާގައި މަރުވި މީހުންގެ އަދަދު އަދި ޔަގީންވެފައި ނުވާ ކަމަށް ޗައިނާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ބޯޓު ވެއްޓުނު ސަރަހައްދުން ނަގާފައިވާ ބައެއް މަންޒަރުތައް

އެ ބޯޓު ވެއްޓުނު ސަރަހައްދުގައި ރެސްކިއު ޓީމުތައް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

އެ ހާދިސާގެ މަންޒަރު ދުށް މީހުންނާ ހަވާލާދީ ބައިނަލްއަޤުވާމީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވަނީ އެ ބޯޓު ބައިބައިވެ، ވަރަށް ބޮޑަށް ހަލާކުވެ، ރޫޅިފައިވާ ކަމަށެވެ.

އެހެންކަމުން، މީހުން ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ކުޑަ ކަމަށް އެ މީޑިއާތަކުން ބުނެއެވެ.

ބޯޓު ވެއްޓުނު ސަރަހައްދުން ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގެ ޖަންގަލީގައި ވެސް ވަނީ ވަރަށް ބޮޑަށް ރޯވެފައެވެ.

މިއީ 2010ވަނަ އަހަރުގެ އޯގަސްޓު މަހު، ޗައިނާގެ ޔީޗުން ސަރަހައްދަށް ފްލައިޓެއް ވެއްޓި، 42 މީހުން މަރުވުމަށް ފަހު އެ ގައުމުގައި މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް