ރާއްޖޭގެ ރިސޯޓްތައް ބޮއިކޮޓް ކުރަން ގޮވާލާ ލީފްލެޓްތަކެއް އެފްއޯއެމް އިން ބަހައިފި

ރާއްޖޭގެ ބައެއް ޓޫރިސްޓު ހޮޓާތަކާއި ރިސޯޓްތައް ބޮއިކޮޓް ކުރުމަށާއި ރާއްޖެއަކީ އަމާންތަނެއް ނޫންކަމަށް ގޮވާލާ ލީފްލެޓްތަކެއް އިނގިރޭސި ވިލާތުގެ ޖަމިއްޔާއެއް ކަމައްވާ ފްރެންޑްސް އޮފް މޯލްޑިވްސްއިން (އެފްއޯއެމް) އިނގިރޭސި މީޑިއާގެ ފަރާތްތަކަށް ބަހައިފި ކަމަށް އިނގިރޭސި ނޫހަކުން ބުނެފި އެވެ.

އެފްއޯއެމްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާތް ރައްޓެއްސެއް ކަމަށްވާ އިނގިރޭސި ވިލާތުގެ ޑޭވިޑް ހާޑިންހަމް ހިންގާ ޖަމާއަތެކެވެ.

ޓްރެވަލް ހަބަރުތައް ގެނެސްދޭ އިނގިރޭސި އޮންލައިން ނޫސް، "ޓްރެވަލް ވީކްލީ" އިން ބުނީ އެފްއޯއެމްގެ އެ ލީފްލެޓްތައް ބެހީ ޓޫރިޒަމް މިނިސްޓްރީ އިން ލަންޑަންގައި ބޭއްވި ޕްރެސް ކޮންފަރެންސަށް ދިޔަ އެ ގައުމުގެ މީޑިއާގެ ފަރާތްތަކަށް ކަމަށެވެ. އެ ނޫހުން ބުނީ ސަރުކާރާ ގުޅުންހުރި ކަމަށް ބުނާ ބައެއް ރިސޯޓުތަކާއި ހޮޓާތަކުގެ ނަންތައް އެ ލީފްލެޓްގައި ހިމަނާފައިވާ ކަމަށާއި އެ ތަންތަނަށް ނުދިޔުމަށް އިނގިރޭސި ފަތުރުވެރިންނަށް ގޮވާލާފައިވާ ކަމަށެވެ. އަދި ރާއްޖެއަކީ މިހާރު ރައްކާތެރި ތަނެއް ނޫންކަމަށާއި މުޒާހަރާއަށް ނުކުންނަ ފަރާތްތަކަށް ވެސް ސަރުކާރުން ބޮޑެތި އަނިޔާތައް ކުރާ ކަމައްވެސް އެ ލީފުލެޓްތަކުގައި ލިޔެފައިވާ ކަމަށެވެ.

މިވަގުތު ލަންޑަންގައި ހުންނެވި މިނިސްޓަރު އަހުމަދު އަދީބު އެސްއެމްސްއެސް މެދުވެރިކުރައްވާ ވިދާޅުވީ އިއްޔެ ލަންޑަންގެ ޕާކް ޕްލާޒާ ހޮޓެލްގައި ޕްރެސްކޮންފަރެންސް ދެމުންދިޔަ ވަގުތު ކުރިން ރާއްޖެ އިން އިނގިރޭސިވިލާތަށް ކަޑައަޅުއްވާފައި ހުންނެވި ސަފީރު، ފަރަހަނާޒް ފައިސަލް އާއި ނައުޝާދު އަދި ޑޭވިޑް ހާޑިންހަމް އެ ހޮޓެލްގެ ބޭރުގައި ތިއްބަވައިގެން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ލިޔެފައިވާ ލީފްލެޓްތަކެއް ނޫސްވެރިންނަށް ބެހި ކަމަށެވެ.

"އެކަމާ ގުޅިގެން ޕްރެސްކޮންފަރެންސަށް އެއްވެސް އަސަރެއް ނުކުރޭ. ޖާނަލިސްޓުން އެކަމާ އަޅައެއް ނުލާ. ޕްރެސް ކޮންފަރެންސް ކާމިޔާބު،" މިނިސްޓަރު ވިދާޅުވި އެވެ.

އިއްޔެގެ ޕްރެސްކޮންފަރެންސާ ބެހޭ ގޮތުން ޓްރެވަލް ވީކްލީން ބުނީ ނޫސްވެރިން ރާއްޖެއަށް ޒިޔާރަތްކޮށް ރާއްޖޭގެ މާހައުލު ބެލުމަށް މިނިސްޓަރު ދައުވަތުދެއްވި ކަމަށެވެ. އަދި އެއް މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމުގެ އަޒުމުގައި ހުންނެވި ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ވެސް ލިޔެފައި ވެއެވެ.

"ތިޔަބޭފުޅުން އަމިއްލައަށް (ރާއްޖެއަށް) ވަޑައިގެން އާންމުންނާ ސުވާލުކުރައްވަންވީ ކިހިނެތް ތޯ ރާއްޖެ އޮތީ. އަޅުގަނޑު މިދަނީ ޗާޓަރު ގިނަ ފުލައިޓުތައް ވެސް ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން،" އަދީބު ވިދާޅުވި އެވެ.

އިނގިރޭސި ރައްޔިތެއް ކަމަށްވާ ޑޭވިޑް ހާޑިން ހަމް މީގެ ކުރިންވެސް ވަނީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލާ ބައެއް މީޑިއާތައް ކޮށް އިންޓަވިއުތައްވެސް ދީފަ އެވެ. ރައީސް ނަޝީދގެ ގާތް އެކުވެރި އެއްގެ އިތުރުން ޑޭވިޑް ހާޑިން ހަމް އަކީ މީގެ ކުރިން ރާއްޖޭން އިނގިރޭސިވިލާތުގެ ސޭލްސް ބަރީއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރެކެވެ. އޭނާއަކީ އެފްއޯއެމްގެ ފައުންޑަރެއް ވެސް މެއެވެ. އަދި ރައީސް މައުމޫންގެ ސަރުކާރު އޮތް ދުވަސްވަރު ރާއްޖެއިން ޑީޕޯޓްކޮށްފައިވާ މީހެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު