ސީޝެލްސްގެ އިގުތިސޯދީ ތަޖުރިބާއާ ދިމާއަށް ރާއްޖެ ދަތުރު ފަށަން ޖެހިފައި

ރާއްޖޭގެ އިގްތިސޯދަކީ ތަފާތު އިގްތިސޯދެއް ކަމަށް ހުރިހާ އިގްތިސޯދީ މާހިރުން ވެސް ގަބޫލުކުރައްވަ އެވެ. އެއީ ރާއްޖެ އޮންނަ ގޮތާއި ލޮކޭޝަންގެ ސަބަބުންނެވެ. ރާއްޖޭގެ މުޅި އިގްތިސޯދު ބިނާއަކީ ޖީޑީޕީގެ 30 ޕަސެންޓް ހިއްސާ ކުރާ ޓޫރިޒަމެވެ. މަސްވެރިކަމާއި ދަޑުވެރިކަމަކީ ޖީޑީގެ އެއް ޕަސެންޓެވެ. ރާއްޖެ ބަރޯސާވަނީ އިމްޕޯޓްސްގެ މައްޗަށެވެ. ޑޮލަރުގެ ނަމަވެސް ބްލެކްމާކެޓާއި އާއި އިންފްލޭޝަން އަދި ގައުމުގެ ދަރަނީގެ މައްސަލަ ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. ޖެނެރަލް އިންފުލޭޝަން ހުރީ 10 ޕަސެންޓަށް ވުރެވެސް މަތީގަ އެވެ. މިއީ ޖުމްލަ ގޮތަކަށް ރާއްޖޭގެ އިގްތިސޯދު ސިފަވާ ގޮތެވެ. މިއީ ހަމައަކަށް އަޅުވަން އުނދަގޫ ފެނުން ހިސާބަކެވެ. އެކަމަކު އެއީ ނުވާނެ ކަމެއްވެސް ނޫނެވެ.

އާބާދީގައި 90،000 މީހުން ހަމަވާ މަޝްހޫރު ޓޫރިސްޓުންގެ މަންޒިލް ޝީސެލްސްގައި ވެސް ޓޫރިޒަމް އަކީ އިގްތިސޯދަށް ކޮޅަށް ނަގާ ހަމައެކަނި ސެކްޓާ އެވެ. މީގެ ފަސް ވަރަކަށް އަހަރު ކުރިން ޝީސެލްސްއަކީ ރާއްޖެ ފަދައިން އިގްތިސޯދީ ބޮޑަތި މައްސަލަތަކުގެ ޝިކާރައަކަށްވި ގައުމެކެވެ. އިންފްލޭޝަން ހުރީ 30 ޕަސެންޓަށް ވުރެ މަތީގަ އެވެ. ޑޮލަރުގެ ރަސްމީ ރޭޓް 14 ރުފިޔާގައި ހުރި އިރު ކަޅު ބާޒާރުގައި ޑޮލަރުގެ ވިއްކަމުން ދިޔައީ 19 ރުޕީ އަށެވެ. ދަރަނި ހުރީ އިންތިހާގަ އެވެ.

"ހަމަ އެއްކަހަލަ އިޝޫސްއޭރު ހުރީ. އަނެއްހެން މާބޮޑުތަފާތެއް ނެތް. އެންމެން ވެސް އޭރު ދެއްކީ ޝީސެލްސްގެ ވާހަކަ. އިންވެސްޓަރުންނެއް އިންވެސްޓްކުރާކަށް ބޭނުމެއް ނުވޭ. އޭރު އަޅުގަނޑުމެން ވެސް ފީސިބިލިޓީ ހެދިއިރު މުޅިން ސަކަރާތްކޮށް ދެއްކީ. އެ ހިސާބުން އަޅުގަނޑުމެން ވެސް އެކަން އޭރު ހުއްޓާލީ. އެކަމަކު އޭގެ ފަހުން އެމީހުން އެޅި ފިޔަވަޅުތައް ވަރަށް ހަރުދަނާވީމާ ދެވަނަ ވިސްނުމަކަށް ދިޔައީ،" ޝީސެލްގައި ޓޫރިޒަމަށް އިންވެސްޓްގައި ކޮށްގެން އުޅޭ ކުންފުންޏެއްގެ ފައިނޭންޝަލް ކޮންޓްރޯލާ ވިދާޅުވި އެވެ.

ދެހާސް އަށަކާއި ޖެހިގެން އައި އަހަރުތައްވީ ޝީސެލްސަށް ދަތިކަން އިތުރުވި އަހަރަކަށެވެ. ދެހާސް ހަތެއްގެ ފަހުކޮޅާއި 2008 ގައި ދުނިޔެއަށް ކުރިމަތިވި އިކޮނޮމިކް ކްރައިސިސްގައި ޝީސެލްގެ އިގްތިސޯދު އެކީއެކަށް ފުނޑުފުޑިވި އެވެ. މައްސަލަތަށް ބޮންސުންލައިގެން ދާން ފެށުމުން އެ އަހަރު ޝީސެލްސްއިން ވިސްނީ އުނދަގޫ ނަމަވެސް ވިސްނުންތެރި ފިޔަވަޅުތަކެއް އެޅުމަށެވެ. އެއްބަޔަކަށް އެއީ އުނދަގޫ ކަމަކަށް ވިޔަސް އައިއެމްއެފްގެ ތިން އަހަރުގެ ޕްރޮގްރާމަކަށް ޝީސެލް ދާން އޭރުގެ ސަރުކާރުން ނިންމި އެވެ.

"އެއާ އެކު އިގްތިސޯދަށް ބޮޑަތި ލޮޅުންތަކެއް ކުރިމަތިވި. އިންފުލޭޝަން ޑޮލަރުގެ މައްސަލަ ފުރަތަމަ ވީ ހަމަ ގޯސް. އެކަމަކު އެ ފިޔަވަޅުތަކުގައި ހިފަހައްޓާ ލެވުނީމާ ފަހުން ރަނގަޅުވި،" އެބޭފުޅާ ވިދާޅުވި އެވެ. "އެއީ ހަމަ ލޯ މަރާފައި އެޅި ފިޔަވަޅުތަކެއް ކަމަށް ބެލެވެނީ. އެއީ އިންފްލޭޝަން ޕީކްގައި ހުރީ،"

އައިއެމްއެފްގެ ލިޔުންތަކުން ފެންނަ ގޮތުން ޝީސެލްސް އިން ފުރަތަމަ ފިޔަވަހީގައި ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އެއްބަސްވި އެވެ. ފިޒްކަލް ސިޔާސަތާއީ މާލީ ސިޔާސަތު ހަރުދަނާކޮށް ބޮޑު ބަދަލެއްގެނަ އެވެ. އެ ބަދަލުތަކަށް ތައްޔާތުވުމަށް ވާން ޖެހޭ ހުރިހާކަމެއް ޝީސެލްސް އިން ކުރި އެވެ. އާމްދަނީ އިތުރުކުރުމަށް ޓެކްސް ރިފޯމް ކުރި އެވެ.

ފެނިގެން ދިޔައީ ވަރަށް ތަފާތު މަންޒަރެކެވެ. ހަމައިން ނެއްޓިފައިވާ ޑޮލަރުގެ ކަޅު ބާޒާރު ހަމައަކަށް އެޅުވީ ޑޮލަރު ރޭޓް ފްލޯޓް ކޮށްލައިގެންނެވެ. ޖުލައި، 2008 ގައި އެ ފިޔަވަޅު އެޅުމާ އެކު 14ރުޕީގައި ހުރި ޑޮލަރުގެ އަގު ޖެހުނީ 18 ރުޕީ އާ ހަމައިގަ އެވެ. އެއާ އެއްވަރަށް އިންފުލޭޝަން 60 ޕަސެންޓްހާތަން އުފުލުނެވެ.

"ވަރަށް އުނދަގޫކޮށް ދިޔައީ. އާންމުންގެ އަތް މަތި ވަރަށް ދަތިކޮށް ދިޔައީ. ވަރަށް ގިނަ ވިޔަފާރިތަކެއް އަޑިއަޅާލި. އޭރު އަޅުގަނޑުމެންނަށް ކުރިން ރުފީއަކަށް ގަނެވޭ އެތި ކިރިޔާ 10 ރުޕީއަށް ގަނެވެނީ،"

ތިން އަހަރެއްހާ ދުވަސް ޝީސެލްސްގެ އިގްތިސޯދުން މާބޮޑު ކުރިއެރުމެއް ނުފެނުނެވެ. ބައެއް ފަރާތްކަކުގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ. ނަމަވެސް އައިއެމްއެފްގެ ފުލް ސަޕޯޓާއި ހިތްވަރު އޭރު ވެސް ޝީސެލްއަށް އައީ ދެމުންނެވެ.

"ޝީސެލް އިން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އަހަރުމެން މަރުހަބާ ކިޔަން. ކައިރި މުސްތަގުބަލެއްގައި ހެޔޮ އަސަރުތައް ފެންނާނެ،" އެގައުމު ރިވިއު ކުރުމަށް ފަހު އެ އަހަރުގެ އޮގަސްޓް ގައި އައިއެމްއެފުން އާންމުކުރި ރިޕޯޓުގައި ބުނެފައިވެ އެވެ.

ޑޮލަރު ފުލޯޓްކުރިތާ ތިން މަސްވެ ހަތަރު މަހަށް އަޅާލިއިރު ހެޔޮ އަސަރުތައް ފެންނަން ފަށައިފި އެވެ. ޑޮލަރުގެ އަގު ދަށަށް ގޮސް އޮކްޓޯބަރު ހިސާބުގައި ޑޮލަރުގެ އަގު 10 ރުޕީއަށް ވެއްޓުނެވެ. އަދި 2009 އެއްގެ މެދެއްހާ ހިސާބުގައި އިންފްލޭޝަން ސުމަކަށް ވުރެ ދަށްކުރި އެވެ. މީހުންގެ އަތް މަތި ތިޔާގިވެ ހެޔޮ ބަދަލުތައް ފެންނަން ފެށި އެވެ. ގިނަ ބަޔެއްގެ ލޯ އެގައުމަށް ހުއްޓުނެވެ.

"އެ ހިސާބުން އަޅުގަނޑުމެން ވެސް އިންޓްރެސްޓްވީ. އަޅުގަނޑުމެން ނޫނަސް އެހެން މީހުންވެސް އިންވެސްޓުކުރަން ވެސް. އޭރު އެއީ އެންމެ ސްޓޭބްލް އެކޮނޮމީ. އެމީހުން އަނެއްކާ އެ ޕްރޮގްރެސް ދިޔައީ ހިފަހައްޓަމުން ހަމަ އެގޮތަށް. އެހެން ވީމަ ކޮންފިޑެންސް ލިބުނީ،" އޭނާގެ ކުންފުނިން ޝީސެލްގައި އިންވެސްޓް ކުރަން މެދުވެރިވި ސަބަބު ވިދާޅުވެއް ދެއްވި އެވެ.


ޝީސެލްސް އިން އެޅިފަދަ ފިޔަވަޅުތައް ރާއްޖޭން ވެސް ވަނީ މިވީ ތިން އަހަރެއް ތެރޭގައި އަޅައިފަ އެވެ. ނަމަވެސް އެ ފިޔަވަޅުތަށް ފެއިލްވީ ކަމަށް ފެނެ އެވެ. އިގްތިސޯދީ ބޭފުޅުން ވިދާޅުވާ ގޮތުން އައިއެމްއެފްގެ ފިޔަވަޅުތަކުގެ ބޭރުން އެހެން ތަފާތު ފިޔަވަޅުތަކެއް އެޅި އެވެ.

"ފުރަތަމަވެސް ވަރަށް ސުމޫތްކޮށް ޕްރޮސެސް ގެންދިޔައީ. އެމީހުން ތިބީ ދެންވާނެ ގޮތަކަށް ވެސް ވިސްނައިގެން. އެގޮތުން [ޑޮލަރު] ފްލޯޓް ކުރީމަ އެގޭ އިންފުލޭޝަން މަތިވާނެކަން. އެމީހުން އެހެންވެ ތިބީ ބައެއް ބޭސިކް ކޮމޮޑިޓީތައް ކުރިއާލައި ގެނެސްގެން. އެއީ މިކޮޅުގައި ބުނާހެން އެސްޓީއޯ ކަހަލަ ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށްގެން،"

އަދިވެސް ވަރަށް މުހިންމު އެހެން ފިޔަވަޅެއް އެޅި އެވެ. އެއީ އެ ފިޔަވަޅުތަކަށް އެއްބާރުލުން ނުދިނުމުން އެގައުމުގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު މަގާމުން ދުރުކުމެވެ. އަދި ސިޔާސީ ވާދަވެރިންގެ ހިޔާލު ހޯދައި ސަރުކާރުގެ ފިޔަވަޅުތަކަށް އެމީހުންގެ ތާއީދު ވެސް ހޯދި އެވެ. މީގެ އިތުރަށް ގިނަ މުއާމަލާތްތަކުގައި ޑޮލަރު ބޭނުން ކުރަމުން ދިޔައަސް ގަވާއިދަށް ބަދަލުގެނެސް ގިނަ މުއާމަލާތްތަކުގައި ރުޕީސް ބޭނުން ކުރަން ފެށި އެވެ. އެގޮތަށް ގަވާއިދުތަކަށް ބަދަލުގެނެ އެވެ.

"އަސްލު [ރާއްޖޭގެ] ފެއިލިއާއަކީ މިއީހެން ހީވަނީ. މި ފިޔަވަޅުތައް ހުރަސް ނުކުރެވުން. އެގޮތަށް އަމަލުނުކުރެވުން،" އޭނާ ވިދާޅުވި އެވެ.

ޝީސެލްގެ އިގްތިސޯދު 2010ގައި ހަމައަކަށް އެޅުނު ފަހުން އެންމެ ފަހުން އާންމު ކުރި އައިއެމްއެފްގެ ރިޕޯޓް ބުނާ ގޮތުން އެ ގައުމުގެ އިގްތިސޯދަކީ ފައްކާ އިގްތިސޯދެކެވެ. އެކްސްޗޭންޖް ރޭޓް އެވްރެޖުކޮށް އުޅެނީ 12 ރުޕީސްގަ އެވެ. އިންފުލޭޝަން އެންމެ މައްޗަށް ވެސް އެރީ ދެ ޕަސެންޓަށެވެ. ޓެކްސް ރިފޯމްގެ ސަބަބުން ދައުލަތުގެ ފުދުންތެރިކަން އިތުރުވެއްޖެ އެވެ. ޓެކްސް ރިފޯމަށް ހޭނުމަށް ވަގުތު ދިނުމުގެ ނަތީޖާއެއްގެ ގޮތުން ޓެކްސްގައި މައްސަލައެއް ނުޖެހި އެ ޕްރޮސެސް ވެސް ދަނީ ރަނގަޅަށެވެ. އެގައުމުގެ އިކޮނޮމީ ދަނީ އައިއެމްއެފުން ސިފަކުރާ ގޮތުން ހުރީ "ޓްރެކް"ގަ އެވެ.

ޝީސެލްސްގޮތަށް ރާއްޖެއަށް ވެސް އެ ކަންތައްތައް ހާސިލްކުރެވިދާނެ އެވެ. މައްސަލައަކީ އެކުއެކީ ގުޅިގެން މަސައްކަތް ނުކުރެވުމެވެ. ޝީސެލްގެ އިކޮނޮމީ ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅުން ވިދާޅުވާ ގޮތުން ޝީސެލް ނަމޫނާއަކަށް ބަލައި ރާއްޖެ އަށް ޝީސެލްސް ފަދައިން ވެވިދާނެ އެވެ. ބޭނުމީ ހިތްވަރެކެވެ. އެއް އަމާޒަކަށް ދަތުރުކުރުމުގެ ވިސްނުމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް