ރާއްޖޭގައި އަވަސް އިންތިހާބެއް ( 2013ގެ ކުރިން) ބާއްވަން ތާއީދު ނުކުރައްވާ ކަމަށް އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އޭޝިޔާ ރޮބަޓް ބްލޭކް ވިދާޅުވެއްޖެ އެވެ.
އެމެރިކަން ސެންޓަރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބްލޭކް މިއަދު ވިދާޅުވީ ރާއްޖޭގެ ސިވިލް ސޮސައިޓީގެ އިހުތިރާމް ލިބިވަޑައިގެން ތިއްބެވި ބައެއް ބޭފުޅުންނާ އޭނާ ވާހަކަ ދެއްކެވި ކަމަށާއި އަވަސް އިންތިހާބެއް ބޭއްވުމަށް ރާއްޖެ ތައްޔާރުވެފައި ނުވާ ކަމަށް އެބޭފުޅުން ވިދާޅުވި ކަމަށެވެ.
"ސިވިލް ސޮސައިޓީގެ މެމްބަރުން އަޅުގަނޑު ކައިރީ ބުނި، ގައުމު އޮތީ އަވަސް އިންތިހާބަކަށް ތައްޔާރުވެފައި ނޫން ކަމަށް. އެއީ ފުލުހުންނާއި އިލެކްޝަންސް ކޮމިޝަން އަދި ޝަރުއީ ނިޒާމު އޮތީ މިނިވަން އިންސާފުވެރި އިންތިހާބެއް މިހާރު ބާއްވަން އެކަށީގެންވާ ވަރަށް ތައްޔާރުވެފައެއް ނޫން،" ބްލޭކް ވިދާޅުވި އެވެ.
ބްލޭކް ވިދާޅުވީ ޕާލަމެންޓްގައި މެޖޯރިޓީ އޮންނަ ގޮތަށްވީ އެންމެ ފުޅާ ދާއިރާއެއްގައި ކޯލިޝަނެއް އުފައްދައި، ހުރިހާ ޕާޓީތަކަކާ އެކު މަސައްކަތްކޮށްގެން އިލެކްޝަންސް ކޮމިޝަނާއި ފުލުހުންނާއި ޝަރުއީ ނިޒާމުގެ ގާބިލްކަން އިތުރުކޮށް، ރަނގަޅު އިންތިޒާމެއްގެ ދަށުން ސުލްހަވެރިކަމާ އެކު އިންތިހާބެއް ބޭއްވޭނެ ކަން ކަށަވަރު ކުރާނެ ކަމަށް އެމެރިކާ އިން އުއްމީދުކުރާ ކަމަށެވެ.
ރާއްޖޭގެ އާ ސަރުކާރާ އެކު މަސައްކަތް ކުރުމަށް އެމެރިކާ އިން ތައްޔާރަށް އޮތް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާއި ސިޔާސީ ބޮޑެތި ހުރިހާ ޕާޓީތަކާއި ސިވިލް ސޮސައިޓީގެ މެމްބަރުންނާ އެކު ބޭއްވެވި ބައްދަލުވުންތަކުގެ ނަތީޖާ ރަނގަޅު ކަމަށް ގަބޫލުކުރައްވާ ކަމަށް ބްލޭކް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ހަމަނުޖެހުންތަކުން ދުރުހެލިވެ، ސުލްހަވެރިކަމަށް މަސައްކަތް ކުރުމަށާއި ހުރިހާ އެންމެން ވެސް ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް މަސައްކަތް ކުރުމުގެ މުހިއްމުކަން ހުރިހާ ފަރާތްތަކަށް ވެސް ފާހަގަކޮށް ދެއްވާފައި ވާނެ ކަމަށެވެ.
އަދި މާލެ އާއި އައްޑޫ ސިޓީގައި ފުލުހުން ހިންގި ހަމަނުޖެހުންތަކާއި އެ ތަންތަނުގައި އެމްޑީޕީގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުންތައް ވެސް ބްލޭކް ކުށްވެރި ކުރެއްވި އެވެ.
ބްލޭކް އަދި ވިދާޅުވީ ރާއްޖޭގެ ވެރިކަން ބަދަލުވީ ގާނޫނު އަސާސީއާ ހިލާފަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އޭނާ އަރިހު ވިދާޅުވި ކަމަށާއި އެކަން ތަހުގީގު ކުރާނެ މިނިވަން މުއައްސަސާތައް ރާއްޖޭގައި އެބަހުރި ކަމަށާއި އެކަން ނިންމާނީ އެތަންތަނުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ގައުމީ އެއްބައިވަންތަކަމުގެ ޕާޓީއެއް އުފައްދާ ނަމަ ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރި ކުރަން ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖެ ފެނުނީ ވަރަށް ސުލްހަވެރި މެދުމިން ގައުމެއްގެ ގޮތުގައި ކަމަށާއި މިއުނދަގޫ ވަގުތު ވެސް އެކަން އެގޮތަށް ކުރިއަށް ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ބްލޭކް ވިދާޅުވި އެވެ.
އެމެރިކާ އިން ރާއްޖޭގެ ސަރުކާރު ބަލައިގަތުމާ މެދު ރައީސް ނަޝީދު ދެކޮޅު ހައްދަވާ ނޫންތޯ ބޭރުގެ ނޫސްވެރިއަކު ސުވާލު ދެންނެވުމުން ބްލޭކް ވިދާޅުވީ "އަޅުގަނޑުމެން އެންމެ ފަހުން ނެރުނު ބަޔާންތަކަށް ތަރުހީބު ދެއްވާ ކަމަށް މިއަދުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ފާޅުކުރެއްވި" ކަމަށެވެ.
ބްލޭކް ވިދާޅުވީ އެމެރިކާ އިން އަބަދު ވެސް ތާއީދު ކުރަނީ އެންމެ މަތީ ފެންވަރުގެ ޑިމޮކްރަސީ އަށް ކަމަށާއި އެކަމުގައި އެމެރިކާ އިން ދެފުއް ދެގޮތް ކަމެއް ނުގެން ގުޅޭ ކަމަށެވެ.