ދުވަހުން ދުވަހަށް ޕްލާސްޓިކް ކުނި ރީސައިކަލް ކުރަން ފޮނުވަން މަޝްރޫއެއް ފަށައިފި

ޕެޓް ރިވާސް ލޮޖިސްޓިކްސް ޕްރޮޖެކްޓް އިފްތިތާހު ކުރުން-- ސަން ފޮޓޯ/ފަޔާޒު މޫސާ

މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ)ގެ އިސްނެުމުގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް ރީސައިކަލް ކުރަން ދުވަހުން ދުވަހަށް ފޮނުވުމާ ގުޅޭ މަޝްރޫއެއް ފަށައިފި އެވެ.

"ޕެޓް ރިވާސް ލޮޖިސްޓިކްސް ޕްރޮޖެކްޓް'ގެ ނަމުގައި ފެށި މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ވިދާޅުވީ މިއަހަރު މިނިސްޓްރީން ކުރާނެ އެންމެ މުހިންމު ކަމަކީ ކުނީގެ މައްސަލަ ހައްލުކުރުން ކަމަށެވެ.

"ރާއްޖޭގައި އުފެދޭ ކުނީގެ ތެރެއިން މިއަދު ހާއްސަ ޕްރޮޖެކްޓެއްގެ ގޮތަށް މި މަސައްކަތް ކުރަނީ ޕްލާސްޓިކް މައްސަލައަށް ހައްލެއް ހޯދަން. ރާއްޖޭގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި މައްސަލައަކީ ކުނީގެ މައްސަލަ. ރާއްޖޭގެ ކުނީގެ މައްސަލަ ހައްލު ނުކޮށް، ރާއްޖޭގެ ތިމާވެށީގެ މައްސަލަ ހައްލެއް ނުކުރެވޭނެ. ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރަން އެބަޖެހޭ." މިނިސްޓަރު ވިދާޅުވި އެވެ.

އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން-- ސަން ފޮޓޯ/ފަޔާޒު މޫސާ

އެ ރަސްމިއްޔާތުގައި މޯޕާގެ ރައީސް އަދި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ ރާއްޖެއިން އުފައްދާ ކުނީގެ އެކި ބާވަތްތަކުގެ ތެރެއިން 12 ޕަސެންޓަކީ ޕްލާސްޓިކުގެ ބާވަތްތައް ކަމަށެވެ.

"ވޯލްޑް ބޭންކުން ނެރެފައިވާ ރިޕޯޓުތަކުގެ އެނގޭ ގޮތުގައި އަހަރެއްގެ މައްޗަށް 365،000 ޓަނުގެ ކުނި ރާއްޖޭގައި އުފެދޭ. އަދި މީގެ ތެރެއިން 12 އިންސައްތަ ނުވަތަ 4300 ޓަނަކީ އެކި ބާވަތުގެ ޕްލާސްޓިކް." ތޯރިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަހަރަކު 163 މިލިއަން ޕްލާސްޓިކް ފުޅި ރާއްޖޭގައި އަުފައްދައި ބޭނުންކުރާ ކަން މޯޕާގެ ދިރާސާއަކުން ހޯދިފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 3300 ޓަނުގެ ޕްލާސްޓިކް ފުޅި އެވެ. އަދި ދިރާސާގައި ބައިވެރިވި ގޭބިސީތަކުގެ 57 ޕަސެންޓް ގޭބިސީތަކުން އާންމުކޮށް ބޭނުންކުރަނީ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ މިނެރަލް ވޯޓާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މޯޕާގެ ރައީސް އަދި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް-- ސަން ފޮޓޯ/ފަޔާޒު މޫސާ

ތޯރިގް ވިދާޅުވީ މިއަދު ފެށި މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅި ރީސައިކަލް ކުރެވޭނެ މަގުފަހިވެގެންދާނެ ކަމަށެވެ.

"މާލެ ސަރަހައްދުގައި ޖަމާވަމުންދާ ޕްލާސްޓިކް ފުޅީގެ ތެރެއިން އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ބާވަތުގެ ފުޅީގެ ބޮޑު އިންސައްތައެއް ވަކިކޮށް، ފޮނުވޭނެ އިންތިޒާމު ހަމަޖެހިގެން މި ދިޔައީ ވަރަށް ގިނަ ފަރާތްތަކުގެ އެހީތެރިކަމާ އެއްބާރުލުމާއެކު. ވޭތުވެދިޔަ 45 ދުވަހުގެ ތެރޭގައި ހަތަރު ޓަނުގެ ޕްލާސްޓިކް ފުޅި އަޅުގަނޑުމެން ވާނީ ރީސައިކަލް ކުރަން ޕާލޭއާ ހަވާލުކޮށްފައި،" ތޯރިގް ވިދާޅުވި އެވެ.

މި މަޝްރޫއުގެ ހިއްސާދާރުންގެ ގޮތުގައި މިނަރަލް ވޯޓާ އުފައްދާ ކުންފުނިތައް ކަމަށްވާ ހެޕީ މާކެޓް، މޯލްޑިވްސް އެއިރޭޓަޑް ވޯޓާ ކޮމްޕެނީ، އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް އަދި 120 ކެފޭ/ ރެސްޓޯރެންޓްތަކުން ބައިވެރިވާނެ އެވެ.

އެ ފަރާތްތަކުން ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް ފުޅި ރީސައިކަލް ކުރަން ޕާލޭގެ ކަލެކްޝަން ސެންޓަރަށް ފޮނުވުމަށްޓަކައި ކޮންމެ ދުވަހަކުވެސް އެފަދަ ފުޅިތައް އެއްކުރާނެ އެވެ.

comment ކޮމެންޓް