އިސްލާމްދީން ހިމާޔަތްކުރުމަށް ގޮވާލައި މަދަނީ އިއްތިހާދާއި އިދިކޮޅު ޕާޓީތައް ގުޅިގެން އިއްޔެ ބޭއްވި ބޮޑު މުޒާހަރާގެ ޑިމާންޑްތަކަށް ސަރުކާރުން މަޝްވަރާކޮށް އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކެރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވެއްޖެ އެވެ.
ސަން އާ ވާހަކަ ދައްކަވަމުން ޒުހައިރު މިއަދު ވިދާޅުވީ މާތް މަގުސަދެއްގައި އެއްވެތިބެ "އެތައް ސަތޭކަ ދިވެހިން ސަރުކާރަށް ކަންތައްތަކެއް ހުށަހެޅުމުން އެކަމަށް ސަރުކާރުން އަހައްމިއްޔަތުކަން ދޭނެ ކަމަށާއި އެއްމެ މަތީ ފެންވަރުގައި މަޝްވަރާކޮށް އެ ޑިމާންޑްތަކާ ދޭތެރޭ ވިސްނާނެ" ކަމަށެވެ.
ޒުހައިރު ވިދާޅުވީ ބޮޑު މުޒާހަރާގެ ޑިމާންޑްތަކަކީ މީގެ ކުރިން ވެސް އަދާލަތު ޕާޓީން ސަރުކާރަށް އެތައް ގޮތްގޮތުން ހުށަހަޅާފައިވާ ޑިމާންޑްތަކެއް ކަމަށާއި ނަމަވެސް އިއްޔެގެ ބޮޑު މުޒާހަރާގައި ސަރުކާރަށް ހުށަހެޅި ކަންތައްތައް ހުށަހަޅާފައި ވަނީ ގާނޫނީ ގޮތުން ކޮން ހައިސިއްޔަތަކުން ކަމެއް އަދި ކޮން ބައެއް ކަމެއް ވެސް ނޭނގޭ ކަމަށެވެ.
"ވަރަށް ގިނަ ދިވެހި ރައްޔިތުންތަކެއް އިސްލާމްދީނަށް ނަސްރު ދިނުމުގެ ނަމުގައި އެތަނަށް އެއްކުރައްވާފައި ސިޔާސީ ޕޯޑީއަމަކުން ދެއްކި ވާހަކަތަކާ ގުޅިގެން އެ ޑިމާންޑްތައް ހުށަހެޅުއްވީ. އެހެން ހުށަހެޅުއްވީމާ މިދަންނަވަނީ އެތާ އެއްވެ ތިބި އެންމެން އަދި ސިޔާސީ ބޭފުޅުންގެ މިލްކެއް ނޫން އިސްލާމް ދީނަކީ. ހުރިހާ ދިވެހިންނަކީ ވެސް މުސްލިމުން. އެހެންވީމާ އަޅުގަނޑަށް އުނދަގޫ އެ ޑިމާންޑްތައް ހުށަހެޅުއްވީ ވަކި ކޮން ހައިސިއްޔަތަކުން ކޮންބައެއްގަ ނަމުގައިތޯ ބުނަން. އެއީ ހުރިހާ ދިވެހިންގެ ނަމުގައި ވާހަކަ ދައްކަވާފައި ސިޔާސީ ވަކި ޕާޓީއެއް ހަދައިގެން މިއުޅެނީ،" ޒުހައިރު ވިދާޅުވި އެވެ.
މުޒާހަރާގެ ޑިމާންޑްތަކާ ބެހޭ ގޮތުން ޒުހައިރު ވިދާޅުވީ އެ ޑިމާންޑްތައް ސާފު ނުވާ ކަމަށާއި ބުދުތަކުން ނަގަން ޖެހެނީ ކޮން ބައެއް ކަން ބުނެފައި ނުވާ އިރު ޕިއްލޭގެ ވާހަކަތަކުގައި އިސްލާމްދީނުގެ ހައްދާ ބެހޭ ގޮތުން ވާހަކަ ނުދައްކާ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްތައް ފަޅުރަށްތަކަށް ހަދާވާހަކަ ދެއްކި އިރު އެއާޕޯޓުތައް ހިންގޭނީ ބައިނަލް އަގުވާމީ އެއާޕޯޓުތަކުގެ ގަވާއިދާ އެއްގޮތަށް ކަމަށް ވެސް ޒުހައިރު ވިދާޅުވި އެވެ.
"އެދުނު ކަންތަކުގެ ތެރެއިން އައްޑޫ ސިޓީގައި ހުރި ބުދުތައް ނަގަން ގޮވާލި އިރު ނަގަން ޖެހެނީ މޮނިއުމަންޓު އެއްކޮށްތޯ ނުވަތަ އެ ބޭފުޅުން އުޒުރުވެރިވާ ބައި އެކަނި ތޯ ނުބުނޭ. އެކަން އަޅުގަނޑުމެން ޖެހޭނީ ސާފް ކުރަން. ދެން ޕިއްލޭގެ ވާހަކަތަކުގައި އިސްލާމްދީނާއި ދީނުގެ އޮންނަ ހައްދޭ ވެސް ބުނެފައެއް ނޯންނާނެ. އޭނަ އޮންނަނީ އިނގިރޭސި ބަހުން ދޭ އަދަބެއްގެ ނަން ވިދާޅުވެފައި. އެ އަދަބަކީ ދީނާއި ގުޅުމެއް ނެތި ސިންގަޕޫރު ތަންތާގައި ވެސް ދޭ އަދަބެއް އެއީ. ދެން ބައިނަލްއަގްވާމީ އެއާޕޯޓްތަކުގެ ގަވާއިދުގައިވާ ގޮތުން ނަމަ އެއާޕޯޓް ހިމެނޭ ސަރަހައްދު ވާން ޖެހޭނީ މީހުން އުޅޭ ސަރަހައްދާއި މުޅިން ވަކި ސަރަހަދަކަށް. ރާއްޖޭގެ އެއާޕޯޓުތައް ވަކި އިމަކުން ވަކި ކުރެވިފައި ނެތީ ވިއްޔާ ބައިނަލްއަގުވާމީ ގޮތުން އެއާޕޯޓްތައް ހިންގުމުގެ ހުއްދައެއް ވެސް ނުލިބޭނެ،" ޒުހައިރު ވިދާޅުވި އެވެ.
ޒުހައިރު އިތުރަށް ވިދާޅުވީ ރާވިއްކުން ހުއްޓާލުމަށް ގޮވާލި އިރު އެކަމުގެ ވިޔަފާރި އެންމެ ފުޅާކޮށް ކުރާ ބޭފުޅުން އެ މުޒާހަރާގައި ބައިވެރިވެފައިވާ ކަމަށާއި މަސާޖު ޕާލާތަކާ ބެހޭ ގޮތުން ފުލުހުންނަށް މައުލޫމާތު ލިބޭ ވަރަކުން އެ މައްސަލަ ހައްލުކުރާނެ ކަމަށެވެ. އަދި ދިވެހިރާއްޖެ އަކީ އިޒްރޭލުގެ ފްލައިޓް ޖައްސާ ހަމައެކަނި މުސްލިމް ގައުމު ނޫން ކަމަށް ވެސް ޒުހައި ވިދާޅުވި އެވެ.
"... ބަނގުރަލުގެ ވާހަކަ ދެއްކި އިރު ރާއްޖެ އަށް އެންމެ ގިނައިން ބަނގުރާ އެތެރެކުރާ ދެ ބޭފުޅުން ތަސްމީނާއި ގާސިމް އެތާގައި ތިއްބެވި. އެކަމާ ސަރުކާރުން ޖެހޭ ސުވާލުކުރަން. ދެންހުރީ މަސާޖު ޕާލާތައް. އެތަންތަނާ ބެހޭ ގޮތުން ވަކި ކަމެއް ހާއްސަ ކުރެވިގެން ޖަރީމާތަކެއް ހިންގިކަން ފުލުހުންނަށް ރިޕޯޓު ކުރެވުމުން ފުލުހުން ވަނީ ބައްލަވާފައި. އަދި ހަށިވިއްކުމުގެ ކަންތަކުގައި ފުލުހުން ވަނީ އެދެވޭ ކާމިޔާބެއް ހޯއްދަވާފައި. ދެން މައުލޫމާތު ލިބޭ ވަރަކުން ފުލުހުން އެކަންތައް ބަލައި މައްސަލަ ހައްލުކުރާނެ. ދެން އިޒްރޭލުގެ ފްލައިޓަކީ މިގައުމަށް ވުރެ 20 ގުނަ އާބާދީ ބޮޑު އަރަބި އިސްލާމީ ހަތަރު ގައުމަކަށް މިހާރު ޖައްސާ ފްލައިޓެއް. އެހެންވީމާ އެކަމާ މެދު އެބޭފުޅުންގެ ވިސްނެވުމަކީ ކޮބާތޯ ބަލަން ޖެހޭ،" ޒުހައިރު ވިދާޅުވި އެވެ.