ފުރަތަމަ ފަހަރަށް ރާއްޖޭގައި އައިސްކްރީމް ޑެލިވާކޮށްދޭން މޫވެންޕިކުން ފަށައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިސްކްރީމް ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް، މޫވްއެންޕިކް އިން ފަށައިފި.

ފުޅާ ދާއިރާއެއްގައި އައިސްކްރީމްގެ އެކި ފްލޭވާތައް ވިއްކަމުން އަންނަ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ މޫވްއެންޕިކްގެ މާލޭގެ އައުޓްލެޓުން އައިސްކްރީމް ޑެލިވާކޮށްދިނުމުގެ ހިދުމަތް ފަށައިފި އެވެ.

މޫވްނޕިކުގެ މި ޙިދުމަތަކީ ރާއްޖޭއަށް މުޅިން އަލަށް ތައާރަފްކުރެވިގެންދިޔަ ޙިދުމަތެކެވެ.

މޫވްއެންޕިކުން ބުނީ، މޫވްއެންޕިކުގެ ޑެލިވަރީ ހިދުމަތް ދޭން ފެށީ، ކޮވިޑް-19 އާ ގުޅިގެން ގޭގައި މީހުން ތިބުމަށް އިރުޝާދު ދީފައިވާ އިރު، ގޭގައި ތިބެގެން ވެސް އައިސްކްރީމް ކާލަން ބޭނުންވާ މީހުންނަށް އެ ހިދުމަތް ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން މޫވެންޕިކުން ފުރަބަންދު ވަގުތުގައި ވެސް އައިސްކްރީމް ޑެލިވަރީކޮށްދޭނެ އެވެ.

އެތަނުން ޑެލިވަރީ ހިދުމަތް ދެމުން ގެންދާނީ މާލެ އަށެވެ. ކަސްޓަމަރުންގެ ޑިމާންޑު ބޮޑުވާ ނަމަ ހުޅުމާލެއަށް ވެސް ޑެލިވަރީ ހިދުމަތް ދިނުމަށް މޫވްއެންޕިކުން ތިބީ ތައްޔާރަށެވެ.

މޫވްއެންޕިކުން އެތައް ފްލޭވާއެއްގެ އައިސްކްރީމް ވިއްކަމުން އަންނަ އިރު، ޑެލިވަރީ ކޮށްދޭން ނިންމާފައި ވަނީ ނުވަ ފްލޭވާއެކެވެ. ސަތޭކަ ފަންސާސް ރުފިޔާއަށް ވުރެ މަތިން އޯޑަރު ކުރާ ކޮންމެ ފަރާތެއްގެ ގޭގެ ދޮރާއްޓާ ހަމައަށް އައިސްކްރީމް ތަށި މޫވެންޕިކުން ގެންގޮސްދާނެ ކަމަށް މޫވްއެންޑްޕިކުން ބުންޏެވެ.

އަދި މީގެ އިތުރުން ހަތަރު ވައްތަރެއްގެ ބުއިމެއް ވެސް ޑެލިވަރީ ކޮށްދިނުމަށް ވަނީ ނިންމައިފަ އެވެ.

އެތަނުން ހެނދުނު 11:00 އިން ރޭގަނޑު 11:00 އާ ހަަމައަށް ޑެލިވަރީ ހިދުމަތް ދެމުންގެންދާ އިރު، ޑެލިވަރީއަށް ގުޅަންވީ ނަމްބަރަކީ 9561012 އަށެވެ.

މޫވެންޕިކްއަކީ ދިވެހިންގެ ލޯބި ލިބިފައިވާ، އައިސްކްރީމްގެ އެތައް ފްލޭވާއެއް ވިއްކަމުން އަންނަ ބައެކެވެ. މޫވްއެންޕިކްގެ ފުރަތަމަ އައުޓްލެޓް ރާއްޖޭގައި ހުޅުވާފައި ވަނީ 2017 ވަނަ އަހަރު މާލޭގަ އެވެ. މިހާރު ރާއްޖޭގައި މޫވްއެންޕިކްގެ ދެ އައުޓްލެޓް ހުރެ އެވެ. އެއީ، މާލޭގައި ހުންނަ އައުޓްލެޓްގެ އިތުރުން، ކްރޮސްރޯޑްސްގައި ހުންނަ އައުޓްލެޓެވެ.

ސުވިޒަލެންޑުގެ އުފެއްދުމެއް ކަމަށްވާ މޫވްއެންޕިކް އަކީ ދުނިޔޭގެ އެންމެ ކޮލިޓީ އައިސްކްރީމް ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ ބްރޭންޑެކެވެ.

މި ބްރޭންޑް ދުނިޔޭގެ 40 އަށް ވުރެ ގިނަ ގައުމުގައި ވިއްކާއިރު، މިހާރު މި ބްރޭންޑް އުފައްދަނީ ކާތަކެތި އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ނެސްލޭ އިންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް