ބޮޑުވަޒީރު ބޮރިސްއަށް ރައީސް ސޯލިހުގެ މެސެޖެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު-- ފޮޓޯ/ ރައީސް އޮފީސް

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހުމް މުހައްމަދު ސޯލިހު، އިނގިރޭސި ބޮޑުވަޒީރަށް ހާއްސަ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސް ސޯލިހުގެ މެސެޖުގައި ކޮރޯނާ ވައިރަސް އަށް ފަރުވާ ހޯއްދެވުމަށް އައިސީޔޫގައި އެނދުމަތި ކުރެވިފައިވާ އިނގިރޭސި ބޮޑުވަޒީރަށް ދިވެހި ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި ވަނީ އަވަސް ޝިފާއަކަށް އެދިލައްވައިފަ އެވެ.

މީގެ 11 ދުވަސް ކުރިން އިނގިރޭސި ބޮޑުވަޒީރު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު، ހޮސްޕިޓަލުގައި ފަރުވާދެއްވަމުން ގެންދަވަނިކޮށް ސީރިއަސް އަލާމާތްތަކެއް ފެނުމުން އައިސީޔޫ އަށް ބަދަލު ކުރެވުނީ ރޭގެ ވަގުތެއްގަ އެވެ.

ބޮރިސް ވެންޓިލޭޓަރުގައި ފަރުދާ ހޯއްދަވާ ކަމަށް އަޑުފެތުރުނު ނަމަވެސް ބޮޑުވަޒީރުގެ އޮފީހުން ބުނެފައި ވަނީ އެމަނިކުފާނު އައިސީޔޫއަށް ބަދަލު ކުރީ އޮކްސިޖަން ދިނުމަށް ކަމަށާއި ވެންޓިލޭޓަރަށް ލީ ވާހަކައަކީ ދޮގެއް ކަމަށެވެ.

ރައީސް ސޯލިހުގެ މެސެޖުގައި ކޮރޯނާ ވައިރަސް އާއި ދެކޮޅަށް މުޅި ދުނިޔެ ކުރަމުންދާ މަސައްކަތުގައި އަވަސް ހައްލެއް ފެނި، މިކަމުން އަރައިގަނެވޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެ ވެ.

ކޮރޯނާވައިރަސް ޖެހިފައިވާ 1.3 މިލިއަން މީހުން މިހާތަނަށް ފެނިފައިވާއިރު މި ބަލީގައި މަރުވި މީހުންގެ އަދަދު 74،000 އަށް ވަނީ އަރައިފަ އެވެ.

comment ކޮމެންޓް