ކޮރޯނާ ވައިރަސް: އިނގިސިވިލާތުގެ ބޮޑުވަޒީރު އައިސީޔޫއަށް ބަދަލުކޮށްފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފަ -- ފޮޓޯ: ރޮއިޓާސް

ކޮވިޑް-19 ޖެހުނު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

ބޮޑުވަޒީރު ކޮވިޑްއަށް ޕޮޒިޓިވްވީ މިދިޔަ މަހު 27 ވަނަ ދުވަހުއެވެ.

މީގެ ކުރިން ބޮޑުވަޒީރު ހުންނެވީ އަމިއްލައަށް އެކަހެރިވެގެން ގޭގަައެވެ. ނަމަވެސް ހާލު ސީރިއަސް ވުމުން އިއްޔެ ވަނީ ލަންޑަންގެ ސެއިންޓް ތޯމަސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ.

ބޮޑުވަޒީރުގެ ހާލު ސީރިއަސް ވާން ފެށީ މިއަދު މެންދުރުން ފެށިގެންނެވެ. އެމަނިކުފާނު އައިސީޔޫއަށް ބަދަލުކުރީ މިރޭގެ ވަގުތެއްގައެވެ.

ކޮރޯނާއަށް ޕޮޒިޓިވްވި ނަމަވެސް އެމަނިކުފާނު ދިޔައީ އޮންލައިންކޮށް މީޓިންތަކާއި ސަރުކާރުގެ އެކި ކަންކަމުގައި ބައިވެރިވެލައްވަމުންނެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން އެގައުމުން ވަނީ އެބަލި ހުއްޓުވަން ޕަބްތަކާއި ރެސްޓޯރެންޓްތަކާއި ޖިމްތައްވެސް ބަންދުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ 51,608 މީހަކަސް ކޮރޯނާ ވައިރަސް ޖެހިފައިވާއިރު 5,373 މީހަކު ވަނީ މަރުވެފައެވެ.

ކޮރޯނާ ޖެހުނު މީހުން ޖުމްލަ އަދަދު މުޅި ދުނިޔެއިން ވަނީ މިލިއަނަކަށްވުރެ އިތުރުވެފަ އެވެ. އަދި މަރުވި މީހުންގެ އަދަދު މިހާރު ހުރީ 72،000 އަށް ވުރެ މަތީގަ އެވެ.

comment ކޮމެންޓް