އާންމުންގެ ތެރޭ ވައިރަސް ނުފެތުރޭކަން ކަށަވަރުކުރުމަށް ސާވޭއެއް ހަދަނީ

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ކޮމިޔުނިޓީ ސްޕްރެޑް ނުވަތަ އާންމުންގެ ތެރޭގައި ފެތުރިފައިނުވާކަން އިތުރަށް ކަށަވަރު ކުރުމަށް ސާވޭއެއް ހަދަމުން އަންނަ ކަމަށް އައިޖީއެމްއެޗްގެ ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އާންމުންގެ ތެރޭގައި ބަލި ފެތުރިފައިވާ ކަމުގެ އެއްވެސް އަލާމާތެއް މިހާތަނަށް އަދި ނުފެންނަ ކަމަށެވެ. ނަމަވެސް އެކަން އިތުރަށް ޔަގީން ކުރުމަށް ސާވޭއެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޔުނިޓީ ސްޕްރެޑަކީ، ބޭރު ގައުމަކަށް ދަތުރުކޮށްފައި ނުވާ މުޖުތަމައުގެ އާންމު މީހުންގެ ގައިން ވައިރަސް ފެންނަމުން ދިޔުމެވެ. މިއީ، ވައިރަސް ޖެހޭ މީހުން ގިނަވެ، ކޮންޓްރޯލުން ނައްޓައިގެން ދާނެކަމުގެ ސިގުނަލެކެވެ. މީގެ ކުރިންވެސް ނަޒްލާ ވަނީ ރާއްޖޭގައި އާންމުންގެ ތެރޭ ބަލި ފެތުރޭކަމަށް ބާރުދޭ ހެކިތަކެއް ފެންނަން ނެތް ކަމަށް ވިދާޅުވެފައެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި ނަޒްލާވަނީ އެވާހަކަތައް ތަކުރާރު ކުރައްވާފައެވެ.

ނަޒްލާ ވިދާޅުވީ، އެ ސާވޭ ކުރާނީ ގިނަ ބައެއްގެ ސާމްޕަލްތައް ނަގައިގެން ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ކޮމިއުނިޓީ ސްޕްރެޑެއް ނެތްކަން ޔަގީން ކުރަމަމަށް އިތުރު ސްޓަޑީއެއް ހެދުމަށް. ކޮންކޮން ބައެއްގެތޯ ސާމްޕަލް ނަގާނީ، ކިތައް ސާމްޕަލްތޯ ނަގާނީ އޭގެ މަސައްކަތްތައް ކުރަމުން މިދަނީ،" ނަޒްލާ ވިދާޅުވިއެވެ.

އޭޕްރީލް 6، 2020: ކޮވިޑް19 އާ ގުޅުން ހުރި މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަޒްލާ ވިދާޅުވީ، އެސާވޭގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ. ނަމަވެސް ސީދާ ވަކި ތާރީހެއް ނަޒްލާ ނުދެއްވައެވެ.

ނަޒްލާ ވިދާޅުވީ، މިހާރުވެސް ނޭވާލާ ނިޒާމްގެ ބަލިތައް ހުރި މީހުންގެ ސާމްޕަލް ތަކާއި ފުލޫ ކްލިނިކަށް ދައްކަންދާ މީހުންގެ ސާމްޕަލްތައް ވެސް ނަގަމުން އަންނަ ކަމަށެވެ. އެ ސާމްޕަލްތަކުގެ ނަތީޖާ އަށް ބަލާއިރު، މިހާތަނަށް ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ މުޖުތަމައުގެ ތެރޭގައި ބަލި އުޅޭ ކަމުގެ އަލާމާތެއް ނެތް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތައް ނެގުމުން ދެން ބަލި ފެތުރިދާނެ ފުރުސަތު އޮތީ ކިހާވަރަކަށްތޯ ބެލުމަށް މިހާރު ޚާއްސަ ޓީމެއް ނަގާފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެއިތުރުން މުޖުތަމައުގެ ތެރެއަށް ބަލި ނުފެތުރޭކަން އިތުރަށް ކަށަވަރު ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުން އެކަން ކަށަވަރުވެއްޖެނަމަ، ދެން އަޅަންޖެހޭނީ ކޮންކޮން ފިޔަވަޅުތަކެއްތޯ ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 19 މީހުންނެވެ. އޭގެ ތެރެއިން 13 ބިދޭސީއަކުން ވަނީ ވައިރަހުން ރަނގަޅުވެފައެވެ. ރާއްޖޭގައި މިހާރު ފަރުވާ ދެމުންދަނީ ހަތަރު ދިވެހީންނަށެވެ. މިހާތަަށް ރާއްޖެއިން އެ ވައިރަހަށް ޓެސްޓްކޮށްފައިވަނީ 1،693 ސާމްޕަލެވެ. ނެގަޓިވްވެފައިވަނީ، 1،674 އެވެ.

comment ކޮމެންޓް