ފަސް ރިސޯޓަކުން ނެގި ސާމްޕަލްތަކުގެ ނަތީޖާ ނެގަޓިވްވެއްޖެ

ފަސް ރިސޯޓުގެ ތެރޭ ހިމެނޭ ބަތަލާ ރިސޯޓް -- ފޮޓޯ/ ސޭންޑީސް ބަތަލާ

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން ފަސް ރިސޯޓަކުން ނެގި ސާޕްޕަލްތައް ނެގަޓިވްވެއްޖެ އެވެ.

އެ ފަސް ރިސޯޓަކީ، ދި ސްޓޭންޑާޑް ހުރުވަޅި މޯލްޑިވްސް ރިސޯޓު، ދި ރެޒިޑެންސް މޯލްޑިވްސް އެޓް ދިގުރަށް، ތާޖް އެގްޒޯޓިކާ ރިސޯޓު، ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓު އަދި ފިލިތެޔޮ އައިލެންޑް ރިސޯޓެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސިން (އެޗްޕީއޭ) އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ އެ ރިސޯޓުތަކުން ނެގި ސާމްޕަލް ނެގަޓިވްވުމުން މިހާރު އެރިސޯޓުތައް މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށެވެ.

ކޮރޯނާވައިރަހަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 17 އެވެ. އޭގެ ތެރެއިން ޕޮޒިޓިވްވިކަން އެނގުނުފަހުން ފުރައިގެން ދިޔަ އިޓަލީގެ ދެ ފަތުރުވެރިން ނުލާ ރާއްޖޭގައި ތިބީ 15 މީހެކެވެ. އެމީހުންގެ އެ ދެމީހުންވެސް އެއީ އިނގިރޭސީ ވިލާތުންނެނެވެ.

މިހާތަނަށް 199 ގައުމަކުން 743,00 އަށް ވުރެ ގިނަ މީހުން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 157,000 އަށްވުރެ ގިނަ މީހުން ވައިރަހުން ރަނގަޅުވިއިރު، 35,350 މީހުން ވަނީ މަރުވެފަ އެވެ.

ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެންމެ ގިނަ އަދަކަށް މީހުން ޕޮޒިޓިވްވެ، މަރުވެފައި ވަނީ ސްޕެއިންނެވެ. އެގޮތުން އެގައުމުން މިއަދު އެކަނި 5،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވިއިރު، 500 އަށް ވުރެ ގިނަ މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ. މިހާތަނަށް ސްޕެއިން 85,000 ގިނަ މީހުން ޕޮޒިޓިވްވި އިރު، މަރުވި މީޙުންގެ ޖުމްލަ އަދަދަކީ، 7,340 އެވެ.

comment ކޮމެންޓް